22 ޖޫން، ހޮނިހިރު ގައި " ފަންނުގެ ދަރިން" ގެ ނަމުގައި އާރޓިސްޓުންނަށް ފެސްޓިވަލް އެއް ބާއްވައިފިއެވެ.
މިއީ ކޮންމެ އަހަރަކުވެސް އާރޓިސްޓުންގެ ހުނަރުތައް އާއްމުންނަށް ދައްކާލާ މި ފަދަ ހުނަރުވެރި ކުދިންނަށް އިތުރު ހިތްވަރު ދިނުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ. މި ހަރަކާތަށް ހަ އަހަރު ވެގެންދިޔައިރު މިއަހަރުގެ ހަރަކާތަކީ މިހާ ފުޅާ ގޮތެއްގައި މި ފެސްޓިވަލް ބޭއްވިގެންދިޔަ ދެ ވަނަ ފަހަރުކަމުގައި "ފަންނުގެ ދަރިން" ފެސްޓިވަލްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ރާއްޖެއެމްވީ އަށް ދިން އިންޓަރވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.
މި އަހަރު، ހުޅުމާލޭގައި ބޭއްވުނު ފެސްޓިވަލް ގައި 200 އަށް ވުރެ ގިނަ އާރޓިސްޓުން ބައިވެރިވި ކަމަށް އެ ފަރާތުން ހާމަ ކުރެއްވިއެވެ. އަދި 40 އަށް ވުރެ ގިނަ ސްޓޯލް ދޫކޮށްފައިވެއެވެ. މީގެ އިތުރުން 70 އަށް ވުރެ ގިނަ މިއުޒިޝަނުން މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މި ފެސްޓިވަލްގައި 10 އެފް އެންޑް ބީ ސްޓޯލުގައި ކެއްކުމަށް ހުނަރުވެރި ދިވެހިންގެ ފަރާތުން ގިނަ އަދަދެއްގެ އަމިއްލަ ކެއްކުންތަކެއް ވެސް ދައްކައިލައިފައިވެއެވެ.
"ފަންނުގެ ދަރިން" ހަރަކާތުގައި އެކިއެކި ފަރާތްތަކާއި ގުޅިގެން ވަނީ އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޓްވިޓް ސާފު ގެ ފަރާތުން ފެސްޓިވަލް އޮތް ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ފަންނުގެދަރިން އިވެންޓްގައި ޕްލާސްޓިކް މަދު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މީގެ އިތުރުން ޕްލާސްޓިކް ފެން ފުޅިތައް ވީހާވެސް މަދުން ބޭނުން ކުރުމަށް އިވެންޓްގެ ތެރޭގައި މި ހަރަކާތް ހިންގާ ފަރާތްތަކުން އާއްމުންނަށް އިލްތިމާސް ކޮށްފައިވާނެ ކަމަށް ވެސް ފެސްޓިވަލްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ރާއްޖެ އެމްވީ އަށް ދިން އިންޓަރވިއު ގައި ވަނީ ވިދާޅުވެފައެވެ.
މި ފެސްޓިވަލްގައި ހުޅުމާލޭގެ ސާރފް އެސޯސިއޭޝަން ގެ ފަރާތުން ވެސް ސްޓޭންޑް އަޕް ރޭހެއް ބާއްވާފައިވާއިރު މި ހަރާކާތަށް ވެސް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.
ފަންނުގެ ދަރިން ފެސްޓިވަލް ގެ އެއްމެ ޚާއްސަ އެއް ހުށަހެޅުން ގޮތުގައި ފެނުނީ އާރޓިސްޓުން ކަމަށްވާ ވިޝަލް ، ސޮބާ އަދި މަމްދުގެ ހުށަހެޅުމެކެވެ.
ފަންނުގެ ދަރިން މިހާ ފުރިހަމަކޮށް ކުރިއަށް ދިޔައީ ގިނަ އަދަދެއްގެ ބައެއްގެ އެއްބާރުލުމާއި އެހީ އާއި އެކު ކަމަށް ވެސް އެފަރާތުން ވިދާޅުވިއެވެ.