ޒަމާނުއްސުރެ އަޑުއިވެމުން އަންނަ ވާހަކަ އަކީ އެކި ކުށްތައް ސާބިތުވެ، އެކި ތުހުމަތުތަކުގައި ހުކުމްތައް ތަންފީޒު ކުރަމުން އަންނަ ޤައީދިންނަށް އޮފިސަރުން އަނިޔާ ކުރާ ވާހަކައެވެ. ކަމެއް ދިމާވެއްޖެ ހާލަތެއްގައި އޭރު އެ ހުންނަ ޖަލު އޮފިސަރު ހާލަތާއި ނުބައްދަލު މިންވަރަށް ގިނަ ފަހަރު ބާރުގެ ބޭނުން ކުރާ ކަމުގެ ވާހަކައެވެ. އަދި އެ ޤައިދީއެއްގެ އާއިލާއިން އެ ލިބުނު އަނިޔާއަށް އިންސާފު ހޯދުމަށްޓަކައި އެކި މުއައްސަސާތަކުގައި ސަލާމް ޖެހިކަމުގައިވީ ނަމަވެސް އެކަމަށް ބީރުކަންފަތެއް ދޭ ވާހަކައެވެ.
ރައްޔިތުން މި ސަރުކާރު ގެނައި އެންމެ ބޮޑު "ބޭނުމަކީ އަނިޔާތައް" ހުއްޓުވުމެވެ. އެކި ގޮތް ގޮތުން ރައްޔިތުން ތަހައްމަލުން ކުރަމުން ދިޔަ އަނިޔާތައް ނިމި އެކަމަށް އިންސާފު ލިބޭނެކަމުގައި ފޮނި އުންމީދާއެކުގައެވެ. އަދި މި ސަރުކާރުން ވެސް ބުނަމުން ގެންދިޔައީ އަނިޔާތައް ހުއްޓުވާ މި ސަރުކާރަކީ ރައްޔިތުންނަށް އިންސާފު ޤާއިމުކޮށްދޭނެ ސަރުކާރަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން މި ސަރުކާރުން ވެރިކަމަށް އައި ޖަލުތައް އިސްލާހު ކުރާނެކަމުގެ ވައުދާއެކުގައެވެ. އެހެން ނަމަވެސް ސަރުކާރަށް 7 މަސްވީއިރު ވެސް އެ ގެނައި އިސްލާހުތައް ރައްޔިތުންނަށް ފެނުން ލަސްވެއްޖެއެވެ. ޖަލުއޮޑިޓް ރިޕޯޓުގައި އިސްލާހު ކުރަން ވަރަށް ގިނަ ކަންކަން އޮތްކަން ދާދި ފަހުން ހާމަވެގެން ދިޔައިރު، އެކަން ސާފުކޮށް އިނގޭ މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ އިސްވެރިން މި ސަރުކާރާ މަޖިލީހުގައި އެބަތިއްބެވިއެވެ. އެކަންކަން އިސްލާހު ކުރުމަށްޓަކައި ކުރީ ކޮންކަމެއްކަން ރައްޔިތުންނަށް އެނގި، ބަދަލު ގެނައި ކަންކަމުގެ ތަފްސީލް ރައްޔިތުންނަށް އެބަ ހާމަކޮށްދޭން ޖެހެއެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ޖަލުގެ އަނިޔާ ހުއްޓުވުނު ނަމަ ވަރަށް ރަގަޅު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާނެއެވެ.
އަޅުގަނޑުމެން އަޑުއެހި ގޮތުގައި މާލެ ޖަލަކީ މީހުން ބަންދުގައި ގެންގުޅެން ހެޔޮވާވަރު ތަނަކަށް ނުވާތީ އެތަން ބަންދުކުރިކަން މި ސަރުކާރުން އިއުލާން ކުރިއެވެ. އެހެންނަމަވެސް އަނެއްކާވެސް އެތާނގައި މީހުން ބަންދުކުރާ ވާހަކަ ތިލަވުމުން އޭގެ ހަޤީޤަތް މި ސަރުކާރުން އަލުން ހާމަކުރަން ޖެހެއެވެ.
މި ސަރުކާރު އައި ފަހުން ޖަލުގައި ޤައިދީނަށް އަނިޔާ ކުރި ވާހަކަ މިވަނީ ފެންމަތިވެފައެވެ. މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ދެ ގޮޅިއަކުން ޖުމްލަ ފަސް މީހަކު ނެރުމަށް ފަހު ފަހަތަށް ބިޑި އަޅުވާ އެމީހުން ބިންމައްޗަށް ވައްޓާލުމަށް ފަހު މުގުރުން ގައިގައި ތަޅާ، ކުރިމަތި ފަރާތަށާއި ފުރަގަސް ފަރާތަށް ޕެޕަރ ސްޕްރޭ ޖަހައި ބޯ ބާލުވާފައިވާ ކަމަށް އެކި މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެކަމުގެ މައުލޫމާތު ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ގުޅުމުން އެ ފަރާތުން ވަނީ އެކަން ދޮގު ކޮށްފައެވެ. އެހެންނަމަވެސް އެ ހިނގި ހަމަނުޖެހުމާއި ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައިވަނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރި ކަމަށާއި އެ ޤައިދީނަށް ޖިސްމާނީ އަނިޔާ ލިބިފައިވާ ކަމަށެވެ.
ޖަލު އޮފިސަރުން ޖެހިލުމެއް ނެތި ލާއިންސާނީ އަނިޔާ ދިން ކަމަށް ގިނަ ރައްޔިތުން ބުނާއިރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ބޭނުން ގޮތަކަށް ކަންކުރި އޮފިސަރުން ބާރާއެކީގައި އަދިވެސް މަޤާމުގައި އެބަ ތިއްބެވެ.
އަނިޔާއާ އެއްކޮޅަށް ބަސްބުނާ ސަރުކާރެއް ތެދުވާން ދިވެހިން ޖާގަ ނުދޭކަމަކީ މާޒީގައި ފެންނަން އޮތް ހަޤީޤަތެކެވެ. އަނިޔާކުރަން ބަޔަކަށް ލިބޭ ފުރުސަތު ވަގުތުން ވަގުތަށް ބަންދު ނުކޮށްފިނަމަ ކުރީ ސަރުކާރަށް ލިބުނު ނަން މި ސަރުކާރަށް ވެސް ލިބުން ގާތްކަން މި ސަރުކާރުން ވެސް ގަބޫލުކުރާށެވެ.