Advertisement
ކ. މާލެ
|
22 ޖޫން 2019 | ހޮނިހިރު 11:33
މާފުށީ ޖަލުގައި ކަރެކްޝަންސްގެ އޮފިސަރުން ހަރަކާތްތެރިވަނީ
މާފުށީ ޖަލުގައި ކަރެކްޝަންސްގެ އޮފިސަރުން ހަރަކާތްތެރިވަނީ
ޓްވިޓަރ
ޖަލުގައި ހިނގި ހަމަނުޖެހުން
އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަށް ޕްރިޒަން ޑައިރެކްޓަރަށް އިރުޝާދު ދިނިން: ހޯމް މިނިސްޓްރީ
އެރޭ ވަގުތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން މުވައްޒަފުން މާފުށީ ޖަލަށް ވަނީ ވަޑައިގެންފައި
ކަރެކްޝަން އޮފިސަރަކަށް ބަންދުގައި ހުރި މީހެއްގެ ފަރާތުން އަނިޔާވުމުގެ ސަބަބުން މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެވުނު
އަނިޔާ ލިބިފައިވާ މީހުންނަށް ސިއްހީ ފަރުވާ އާއި އެފަދަ އެހެން ކަންކަމާގުޅޭގޮތުން މާފުށީ ޖަލުގެ ޕްރިޒަން ޑިރެކްޓަރަށް އިރުޝާދު ދީފައިވާނެ

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަށް ޕްރިޒަން ޑައިރެކްޓަރަށް އިރުޝާދު ދީފައިވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ، ހަމަނުޖެހުމާ ގުޅިގެން އަނިޔާ ލިބިފައިވާ މީހުންނަށް ލަސްނުކޮށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި އަދިވެސް އެފަދަ އެހެން ކަންކަމާގުޅޭގޮތުން މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަނަށް އިރުޝާދު ދީފައިވާނެ ކަމަށް ބުނެ އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީންނާއި އޮފިސަރުންނަށް އަނިޔާވިކަމުގެ ޚަބަރު ލިބުމާއެކު، އެރޭ ވަގުތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އާއި އިންޕެކްޓަރޭޓް ސެކްޝަނުގެ މުވައްޒަފުން މާފުށީ ޖަލަށް ވަޑައިގެން ގައިދީންގެ އިތުރުން ޖަލުގެ އެންމެ އިސް މުވައްޒަފުންނާ ބައްދަލުކުރައްވައި ހާލަތު ދެނެގަތުމުގެ މަސައްކަތް ވަނީ ކުރައްވާފައި ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިނިސްޓްރީން މި މައްސަލަ ބެލި ބެލުމުގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރަކަށް ބަންދުގައި ހުރި މީހެއްގެ ފަރާތުން އަނިޔާވުމުގެ ސަބަބުން މާފުށީގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކުރިކަމާއި، ބައެއް ބަންދުމީހުންނަށް އެކިވަރުގެ ޖިސްމާނީ އަނިޔާ ލިބިފައިވާކަމާއި، ބަންދުމީހުން ކޮންޓްރޯލުކުރުމުގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބަންދުމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން ވަނީ ފާހަގަ ކުރެވިފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

Advertisement

މީގެ އިތުރުން، އެ ބަޔާނުގައި ވަނީ މިކަމާ ގުޅިގެން އަނިޔާ ލިބިފައިވާ މީހުންނަށް ލަސްނުކޮށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި އެފަދަ އެހެން ކަންކަމާގުޅޭގޮތުން މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަނަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.

މާފުށީ ޖަލުގައި ހިނގާދިޔަ ހާދިސާގައި ހާލަތާނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައާއި، ބަންދުމީހުންނަށް އަނިޔާވި މައްސަލައަކީ ސަރުކާރުން ބަލައިނުގަންނަ އަދި ކަނޑައެޅިގެން އެކަންކަން ކުށްވެރިކުރާކަންތައްތަކެއްގެ ގޮތުގައި އެ ބަޔަނުގައި ސިފަކުރައްވާފައިވެއެވެ.

މި މައްސަލާއާ ގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ހިންގަވާ ތަހުޤީގު ނިމުމުން އިހުމާލުވާ ފަރާތްތަކާމެދު އަޅަންވާ ފިޔަވަޅުއަޅައި، މިފަދަ އަމަލުތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖަލުގެ އިންތިޒާމުތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެކަމުގެ ޔަގީންކަން އަރުވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް