ގއ. ނިލަންދޫގެ ގެޔަކަށް ކަޅުތެޔޮ ޖެހައި ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ނިލަންދޫ، ސޯސަންވިލާގެއަށް ކަޅުތެޔޮ ޖެހީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެގޭގެ މީހަކު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނީ ބޭރު ފާރަށް ކަޅުތެޔޮ ޖެހާފައިވަނީ ފުޓްސަލު ދަނޑުގައި ކުޅޭއިރު އެގޭގެ ތެރެއަށް ބޯޅަ ޖަހާތީ އެކަމުގެ ޝަކުވާ ކައުންސިލަށް ހުށަހެޅުމުން ކަމަށެވެ. އެގޮތުން ގޭގެ ފުރާޅު މައްޗައްށާއި، ގޭގެ ދޮރުގައި ބޯޅައިން ޖެހި އުނދަގޫވާ ކަމަށް އެޕޯސްޓުގައި ބުނެފައިވެއެވެ.
އެމީހާ ބުނީ މިމައްސަލަ ހައްލުކޮށްދިނުމަށް އެތައް ފަހަރަކު ކައުންސިލަށް މައްސަލަ ހުށަހެޅި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށްބުނެ އެއްބާރުލުންދީފައިނުވާ ކަމަށެވެ.
މިތުހުމަތުތައް ދޮގުކުރައްވާ އެރަށުގެ ކައުންސިލްގެ ރައީސް ނާސިހް އިބްރާހިމް ވިދާޅުވީ އެގެއަށް ކަޅުތެޔޮޖެހީ ކީއްވެގެންކަން ސީދާ ބުނަން ނޭނގޭ ކަމަށާއި، ރަށު ތެރޭގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވޭ ކަމަށެވެ.
ފުޓްސަލް ދަނޑުގައި ކުޅޭއިރު ބޯޅަ އެގެއަށްދާކަން ފާހަގަކުރައްވައި ނާސިހް ވިދާޅުވީ މިފާއިތުވި ހަތަރު މަސްތެރޭގައި 8 ބޯޅަ ގޮސްފައިވާ ކަމަށާއި، ނަމަވެސް އެއީ ވަރަށް މަދުންވާ ކަމެއް ކަމަށެވެ. އަދި މި 8 ބޯޅަ ވެސް ނުދީ ހިފަހައްޓާ ހަލާކުކޮށްލި ކަމުގެ ޝަކުވާ ފުޓްބޯޅަ ކުޅޭ ޒުވާނުން ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެންސް މަތިން ވަރަށް މަދުން މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ބޯޅަ ގޮސްފަ. އެގޭގެ އެއްޗަކަށް ގެއްލުންވި ކަމުގެ ޝަކުވާއެއް ނެތް ލިބިފައެއް. އެކަމަކު މިއީ ހަތަރު މަސް ތެރޭގައި 8 ބޯޅު އެގޭގެ ތެރެއަށް ގޮސް އެނުލިބިފަ ވަނީ. ދެން އެގޭ މީހުން އެ އަންދީލިކަމުގެ ޝަކުވާ ލިބިފަ އޮތީ.ނާސިހް
ނާސިހް ވިދާޅުވީ ބޯޅަ ދަނޑުން ބޭރަށްދާތީ ވެސް ފުޓްސަލް ދަނޑުގައި ފެންސް ޖަހާފައިވާ ކަމަށެވެ. އަދި އެގޭގެ ތެރެއަށް ބޯޅަދާކަމުގެ ޝަކުވާ ލިބޭތީ ޑަބަލްކޮށް ފެންސް ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެން އެކަމަކު ބޯޅަ ޖެހޭގޮތުން މައްޗަށް ދާފަހަރު އާދޭ. ދެން އަޅުގަނޑުމެން މިހާރު އިތުރަށް ވެސް އުހަށް ފެންސް ޖަހާ މިމައްސަލައަށް ހައްލު ހޯދުމަށް ޔޫތް މިނިސްޓްރީއާއެކު މަޝްވަރާކޮށްފިން. ދާދި އަވަހަށް ހައްލު ލިބޭނެ ކަމަށް އުންމީދު ކުރަނީ.ނާސިހް
ނާސިހް ވިދާޅުވީ އެގެއަށް ކަޅުތެޔޮ ޖެހީ ކޮންބައެއްކަން ނޭނގޭ ކަމަށާއި، ޖިނާއި މައްސަލައެއްގެ ގޮތުގައި އެމައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. 3 މީހުން ދިރިއުޅެމުން އަންނަ މިގެއަށް ވަރަށް ބޮޑަށް ކަޅުތެޔޮ ޖާހާފައިވާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް ނާސިހް ވިދާޅުވިއެވެ.