އެމްޓީސީސީން ހޯރަފުށީގައި ސްޕީޑް ފެރީގެ ޚިދުމަތް ފަށައިފި އެވެ.
މި ޚިދުމަތް ހޯރަފުށީގައި ތައާރަފް ކޮށްދެއްވީ ނައިބުރައީސް ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ހޯރަފުއްޓަށް ވަޑައިގެންނެވެ.
މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ, އެމަނިކުފާނު އަދި ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ކަންކަން ވީހާވެސް ގާތުން ބައްލަވައި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަމަށް ފޯރުކޮށްދެވެން ހުރި އެހީތެރިކަން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ.
ދަތުރުފަތުރުގެ ލުއި ފަސޭހަކަން ޤާއިމުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއްކަންތައްކަންވެސް ނައިބްރައީސް ފައިސަލް ވަނީ ފާހަނގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ހޯރަފުށީ އެއަރޕޯޓް އަޅާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ ސަރަހައްދުގައި މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވިއެވެ. އަދި ނައިބު ރައީސްގެ މިދަތުރުފުޅުގައި ރަށު ކައުންސިލާއި ރަށުގެ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.