Advertisement
ކ. މާލެ
|
19 ޖޫން 2019 | ބުދަ 22:32
މެލޭޝިއަން އެއަރލައިންސް އިން ބޭނުންކުރަމުން އަންނަ ބޮއިންގެ 777 މަރުކާގެ ފްލައިޓެއް
މެލޭޝިއަން އެއަރލައިންސް އިން ބޭނުންކުރަމުން އަންނަ ބޮއިންގެ 777 މަރުކާގެ ފްލައިޓެއް
ގެޓީ އިމޭޖަސް
އެމްއެޗް370 ވެއްޓުމުގެ ހާދިސާ
އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
ޒަހަރީ އޭނާގެ ކޯ-ޕައިލެޓު މަރާލީ ކަމަށް ބެލެވޭ
ފަސިންޖަރުން މަރުވީ އޮކްސިޖަން ނުލިބިގެން ހޭނެތުމަށް ފަހު
ކެޕްޓަންގެ ގޭގައި ހުރި ފްލައިޓް ސިމިއުލޭޓަރއިން އިންޑިއާ ކަނޑާ ދިމާލަށް ދަތުރުކޮށްފައިވޭ

މީގެ ފަސް އަހަރު ކުރިން މެލޭޝިއާއިން ޗައިނާގެ ބެއިޖިންއަށް ދަތުރުކުރަނިކޮށް ގެއްލުނު އެމްއެޗް 370 ފްލައިޓްގައި ތިބި ފަސިންޖަރުންނަށް އޮކްސިޖަން ނުދީ މަރާލުމަށް ފަހު، ފްލައިޓް ދުއްވަން އިން ޕައިލެޓު ގަސްތުގައި ކަނޑަށް ފްލައިޓް ވައްޓާލީކަމަށް މާހިރުންގެ ޓީމަކުން ބުނެފިއެވެ.

އެ ހާދިސާގެ މިނިވަން ތަހުގީގަކަށް ފަހު އެ ޓީމުން ނިންމާފައިވަނީ 40000 ފޫޓު މައްޗަށް ފްލައިޓް އެރުވުމަށް ފަހު ކެބިން ތެރެ ޑީޕްރެޝަރައިޒް ކޮށް، ނޭވާ ހާސްކޮށްލައިގެން ހުރިހާ ފަސިންޖަރުން މަރާލާފައިވާ ކަމަށެވެ. އެ ފްލައިޓުން ޖުމުލަ 238 މީހުން ދަތުރުކޮށްފައިވެއެވެ.

މި ތަހުގީގު ޓީމުގައި ހިމެނެނީ އެވިއޭޝަން ދާއިރާގެ މާހިރުންނާއި ތަހުގީގުކުރާ ފަރާތްތަކެވެ. އޭގެ ތެރޭގައި ފްލައިޓަށް ވީނުވީ ތަހުގީގުކުރަން އުޅުނު ރަސްމީ ޓީމުގައި މަސައްކަތް ކުރި ފަރާތްތައް ވެސް ހިމެނެއެވެ. 2014 ވަނަ އަހަރުގެ މާޗް މަހުގެ އަށްވަނަ ދުވަހު ގެއްލުނު ފްލައިޓްގެ ޕައިލެޓަކީ، ގިނަ ދުވަސްތަކެއް ވަންދެން މެލޭޝިއަން އެއަރލައިންސްގައި މަސައްކަތް ކުރަމުން އައި ކެޕްޓަން ޒަހަރީ އަހްމަދު ޝާހެވެ.

ޒަހަރީގެ ނަފްސާނީ ހާލަތާ މެދު ސުވާލު އުފެދިފައިވާ އިރު، އޭނާގެ ކައިވެނީގައި މައްސަލަތަކެއް އުޅޭކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އެޓްލާންޓިކް ނޫހާ ވާހަކަދެއްކި ޒަހަރީގެ ރައްޓިއްސަކު ވެސް ބުނެފައިވަނީ ގަބޫލުކުރަން ބޭނުން ނުވިޔަސް މިހާރު ބެލެވެނީ އޭނާ ގަސްތުގައި ފްލައިޓް ވައްޓާލީ ކަމަށެވެ.

Advertisement

ދަ އެޓްލާންޓިކް ނޫހަށް މައުލޫމާތު ދިން އޭވިއާޝަން ދާއިރާގެ މާހިރެއް ކަމުގައިވާ ވިލިއަމް ލެންގްވައިޝް ބުނެފައިވަނީ، ބެލެވެނީ އެންމެ ފުރަތަމަ ކޯ-ޕައިލެޓޫ ކޮކްޕިޓު ތެރޭގައި މަރާލުމަށް ފަހު، ކެބިން ޑީޕްރެޝަރައިޒް ކޮށްގެން ބާކީ ތިބި ފަސިންޖަރުން މަރާލީ ކަމަށެވެ. މިހެން ކަންކުރުމުން ފްލައިޓުގައި ތިބި މީހުން ކުޑައިރުކޮޅެއްގައި ތެރޭގައި އޮކްސިޖަން ނުލިބި މަރުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ފްލައިޓުގައި ހުންނަ އޮކްސިޖަން މާސްކަތައް އެ އުސްމިނުގައި އޮޓޯއިން ވެއްޓުނު ނަމަވެސް، އެންމެ ގިނަ އިރު ވަންދެން އެ ބޭނުންކުރެވޭނީ 15 މިނިޓަށެވެ.

ތަހުގީގުކުރާ ފަރާތްތަކުން މިގޮތަށް ނިންމާފައިވަނީ ރާޑަރުތަކުން ލިބުނު މައުލޫމާތުގެ އަލީގައެވެ. އަދި އޭނާގެ ގޭގައި ހުރި ފްލައިޓް ސިމިއުލޭޓަރގައި ވެސް އޭނާ އިންޑިއާ ކަނޑަށް ފްލައިޓްގެ ތެޔޮ ހުސްވެގެން ވެއްޓޭ ގޮތަށް ދަތުރުކޮށްފައިވާ ކަމަށް އެފްބީއައިގެ ޓީމެއްގެ ހޯދުންތަކުން އެނގިފައިވެއެވެ. ފްލައިޓް ދަތުރުކޮށްފައިވަނީ މެލޭޝިއާ އާއި ތައިލެންޑުގެ ބޯޑަރު ސަރަހައްދުންނެވެ. މިހެން ކަންކުރީ ދެ ގައުމުގެ މިލިޓަރީ ރާޑަރަށް ނާރައި ދަތުރުކުރުމުގެ ގޮތުންނެވެ.

މިހާތަނަށް ފްލައިޓަށް ވީގޮތެއް ކަށަވަރުވެފައި ނުވާއިރު، މެލޭޝިއާ ސަރުކާރުން ކުރި ތަހުގީގަށް ފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އާންމުކުރި ރިޕޯޓުގައި ވެސް ބުނެފައިވަނީ ހުރިހާ ހެކިތަކަށް ބަލާއިރު ބެލެވެނީ ގަސްތުގައި ފްލައިޓްގެ ރާސްތާ ބަދަލުކޮށްފައިވާ ކަމަށެވެ. މިހާތަނަސް ފްލައިޓްގެ މަދު ބައިތަކެއް ފެނިފައިވާ އިރު، ފްލައިޓް ހޯދަން ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
23 ޖޫން 2019 | އާދީއްތަ 12:35
ހަސަން
އެޓެންށަން ހޯދަން ލިޔާނެ އެއްޗެއް ނޭނގިގެން ލިއެލީ ދޯ،، ދޮގު މައުލޫމާތު ފެތުރުމައްވުރެ ވަކި ބޮޑު ފާފައެއް ނޯންނާނެ.
20 ޖޫން 2019 | ބުރާސްފަތި 20:29
އަލީ
މެލޭޝިއަން އެއަރލައިން ގެއްލުނު ހާދިސާއާ ގުޅިގެން ވަރަށް ގިނަ ވާހަކަތައް ހުރޭ. މިއީވެސް ކޮންމެވެސް ބައެއްގެ ވާހަކަ އެއް
20 ޖޫން 2019 | ބުރާސްފަތި 16:08
ކަޅުފޮށި
މަ މީ ބޯޓުގެ ކަޅު ފޮށި. މަ ދައްކާ ވާހަކަ ދޯ އެންމެ ތެދުވާނީ.
20 ޖޫން 2019 | ބުރާސްފަތި 06:04
އިބްރާހީމ ރަޝީދު.
މި އާޓިކަލް އަކީ ސަން އިން ލިޔެފައޮތް ވަރަށް ޒިންމާދާރުކަން ކުޑަ، ޙަޤީޤަތް އޮޅުވާލަން ކޮށްފަ އޮތް މުޑުދާރު މަސައްކަތެއް. ދިވެހިންނަށް ތިއަރީ އާ ފެކްޓް ގެ ތަފާތުވެސް ނޭންގޭނެ. އާޓިކަލްގަ އިންޓަނޭޝަނަލް ގްރޫޕް އެއްގެ ވާހަކަ ލިޔެފަވާއިރު އެ ގްރޫޕް ގެ އެއްވެސް ލިންކް އެއްނެތް. އާޓިކަލް ގެ ވާހަކަ ތައް މީ ތިއަރީ އެއްކަމަށް ބުނެފަވޭ. އާޓިކަލް ލިޔެފަ އޮތީ އެމެރިކާގެ 2 ނޫހަކަށް ލިޔާ ލިޔުންތެރި އެއް. William Langewiesche މީނާއަކީ އެމެރިކާގެ ޔަހޫދީއެއް. ކުރީގެ ޕައިލޮޓެއް. އާޓިކަލްގެ ގިނަ ޕެރަގްރާފް ތަކުގަ ތިއަރީ އެއް ކަމަށް ބަޔާންކޮށްފަވޭ. އާޓިކަލް ގަ ބުނާގޮތަށް އެއަރ ހޮސްޓެސް އިންނާ ސެކިއުރިޓީ އޮފިސަރ، ކޯޕައިލެޓް އެއްފަހަރާ ނޭވާ ހާސްކޮށް މަރާލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. މީގޭން ކޮންމެ މީހަކަށް 15 -20 މިނެޓް ގެ އޮކްސިޖަން ފުޅިއެއް ދީފައޮވޭ. ކޮންމެ މީހަކީ ޕްރޮފެޝަނަލް މީހެއް. އެމަޖެންސީ ތަކުގަ ހަރަކާތްތެރިވާން ތަމްރީން ލިބިފަ ތިބި މީހުން.
19 ޖޫން 2019 | ބުދަ 23:31
ކުދަހުވަދޫ
ކުދަހުވަދޫ ސަރަހައްދުން އެމްއެޗް 370 ފްލައިޓް ފެނުނު ވާހަކަ ބުނީމާވެސް އެވެސް ފަރާތަކުން އެކަން ޤަބޫލް ނުކުރި، ހުންނާނީ މިހާރު ހޭއަރާފަ!
19 ޖޫން 2019 | ބުދަ 23:30
ކައްޕި
އޭތި ދުއްވީ މަ. ކަޑަދޯ އެމެޖެންސީ ދޮރު ނީންނަ ފްލައިޓަކަށްވީމަ. ތި ވާހަކަ ނުބައި.. އަދި ދިރާސާއެއް ނުކުރެވޭ
19 ޖޫން 2019 | ބުދަ 22:42
ދެންތިހެން
ދެން ތިހެންކިޔާ ތަހުގީޤީ ޓީމްތައް ފެއިލް ވީމާ ކޮންމެވެސް އެއްޗެއް ކިޔާންވެގެން ކިޔާ އެއްޗެއް ކަމަށް ލަފާ ކުރެވެނީ.