ކަމަދޫ ކައުންސިލުން ސަރުކާރުގެ ބައެއް މުއްސަސާތަކާއި އަދި ބައެއް ކުންފުނިތަކާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް ކައުންސިލުގެ ރައީސް އަހުމަދު ސާޖިދު ވިދާޅުވެއްޖެއެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ސާޖިދު ވިދާޅުވީ ސަރުކާރުގެ މުއްސަސާތަކާ ބައްދަލު ކުރުމުގެ ބޭނުކަމީ ކަމަދޫގެ ރައްޔިތުނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އަދި ރަށުގެ ތަރަށްގީއަށް ކުރަންހުރި އެކިއެކި މަސައްކަތްތަކާއި ބެހޭގޮތުން މިނިސްޓްރީތަކާއި ވާހަކަދައްކައިގެން އެޚިދުމަތްތައް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސް ކުރުން ކަމަށެވެ. އެގޮތުން އަންގާރަ ދުވަހު ހެލްތު މިނިސްޓްރީގެ އިސްބޭފުޅުންނާއި ބައްދަލު ކުރަށްވައި ކަމަދޫގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމާއި، އަދި ހުސްގޯތިތަށް ލިބިފައިވާ ފަރާރްތަކަށް އެގޯތި ތަކުގައި ގެދޮރު އިމާރާތް ކުރުމަށް ބެނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮތްތަކެއް ހަމަޖައްސައިދިނުމަށް ހުށައަޅާފައި ވާނެކަމަށް ސާޖިދު ވިދާޅުވިއެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީއާއި ބައްދަލުކޮށް ކަމަދޫގެ ރައްޔިތުނަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތް ހަރުދަނާ ކުރުމާއި ކަމަދޫ ސިއްހީ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ޑޮކްޓާރުންގެ ޚިދުމަތް ރަނގަޅު ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރަށްވާފައި ވާކަމަށް ސާޖިދު ވިދާޅުވިއެވެ. އަދި ބުދަ ދުވަހު ކައުންސިލުން ފެނަކަ ކޯޕަރޭޝަނާއި ބައްދަލުކޮށް ކަމަދޫގެ ފެނުގެ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތް ކޮށްދިނުމަށް އެ ކުންފުނީގައި އެދިފައިވާނެ ކަމަށް ސާޖިދު ވިދާޅުވިއެވެ.
ސާޖިދު ވިދާޅުވީ މުސްތަގުބަލުގައިވެސް ސަރުކާރުގެ މިނިސްޓަރީތަކާއި ބަދަލުކޮށް ކަމަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެ މިނިސްޓްރީތަކާއި ހިއްސާ ކުރަށްވާނެ ކަމަށެވެ.
ސާޖިދު ކަމަދޫ ކައުންސިލުގެ ރައީސްކަމަށް އިންތިހާބުކޮށްފައިވަނީ އިދާރީގޮތުން ކައުންސިލް ހިނގަމުންދަނީ ރަނގަޅަށް ނޫންކަމަށް ބުނެ، އެ ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު ސަމީރު އިސްތިއުފާ ދެއްވުމާއި ގުޅިގެން މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވި ކައުންސިލު ބައްދަލުވުމުގެ އިއްތިފާގުންނެވެ.