ދިވެހި ރައްޔިތުންނަށް އިންސާފް ޔަގީން ކޮށްދިނުމަށް ކުރާކަންކަމަށް އެމެރިކާއިން ބަލައިގަންނަ ކަމަށް އެ ގައުމުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެލައިނާ ޓެޕްލިޓްޒް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސަރުކާރުން ބޭއްވި 'މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް'އާ ގުޅިގެން ނޫސްވެރިންނަށް ބުދަ ދުވަހު މައުލޫމާތު ދެއްވަން ބޭއްވި ބައްދަލުވުމުގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ޖުޑީޝަރީ އިސްލާހްކުރުމުގެ ވައުދާއެކުގައިކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ މިހާރު ޖުޑީޝަލް ސަރވިސް ކޮމިޝަންއާ ސުޕްރީމް ކޯޓްއާ ދެމެދު ހިނގަމުންދާ ކަންކަމުގައު އެމެރިކާގެ ވަކި ހިޔާލެއް ނުވަތަ ސްޓެންޑެއް ނެތް ކަމަށެވެ. ނަމަވެސް، ދިވެހިންނަށް އިންސާފް ޔަގީންކޮށްދޭން ކުރެވޭ ކަންކަމަށް އެމެރިކާއިން ތާއިދު ކުރާކަމަށް އެކަމަނާ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންނަށް އިންސާފް ގާއިމް ކުރުމަށް ފްރޭމްވޯކްތައް ރަނގަޅުކޮށް، މުއައްސަސާތައް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތްތައް އަޅުގަނޑުމެން ހަމަގައިމުވެސް ބަލައިގަންނަން"ސަފީރު އެލެއިނާ
"މިނިވަން، ގާބިލް އަދި ޒިންމާދާރު ޖުޑީޝަރީއެއް އޮތުމަތީ ޑިމޮކްރަސީއެއްގައި މުހިއްމު ކަމެއް"ކަން ފާހަގަ ކުރައްވަމުން، އެކަމަނާ ވިދާޅުވީ މުއައްސަސާތައް ވަރުގަދަ ކުރުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ.
ރާއްޖޭގެ ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮންނައިރު، ގާނޫނީ ހުކޫމާތް ދަމަހައްޓާނެ ފަރާތެއް ހުރުންވެސް މުހިއްމުކަމަށް ސަފީރު ވިދާޅުވި އެވެ. އަދި މު މުއައްސަސާތަކަށް އިތުބާރު ކުރެވެން ޖެހޭކަމަށްވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި އެމެރިކާގެ ސަފީރު ވަނީ މި މަހު 16 އިން 18 އަށް ކުރިއަށް ދިޔަ އިންވެސްޓްމަންޓް ފޯރަމްއަށް ތައުރީފް ކުރައްވާފައެވެ. އެ ފޯރަމްގައި އެމެރިކާއިން ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ، ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރ "ފޯމަލައިޒް" ކުރުމާއި ޑިވަލޮޕްމަންޓް އޮވްޖެކްޓިވް ގްރާންޓް އެގްރީމަންޓްއަށް އިތުރު އަށް މިލިއަން ޑޮލަރު އިތުރު ކުރުން ހިމެނެއެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރާ އޮތް ވަރުގަދަ ގުޅުން ދަމަހައްޓަން އެމެރިކާއިން ބޭނުންވާކަމަށް އެކަމަނާ ވިދާޅުވިއެވެ. ނަމަވެސް ހަމަ އެކަނި ގުޅުން ބާއްވާން ބޭނުންވަނީ ސަރުކާރަކާ ނޫންކަމަށާއި، ދިވެހި ރައްޔިތުންނާ ވެސް ގުޅުން ބާއްވަން ބޭނުންވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ.