ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ޖޭއެސްސީން ހޯމަ ދުވަހާ ހަމަޔަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް ދިޔައީ ބަލަމުންނެވެ. އެ މައްސަލަތަކުގެ އިތުރަށް އިތުރު ތިން މައްސަލައެއް ހުށައެޅި އެ މައްސަލަތައް ބަލަމުންދާ ކަމަށް އަންގާރަ ދުވަހު ޖޭއެސްސީން ވަނީ ބުނެފައެވެ.
ފަނޑިޔާރު ދީދީ ޖޭއެސްސީ އަށް ހާޒިރުކުމާ ގުޅޭ ގޮތުން އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖޭއެސްސީގެ ޑިރެކްޓަރ މުއުމިނާ އުމަރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ އެ ކޮމިޝަނަށް ހުށައެޅިފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލަތަކެއް ކަން ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ހުށައެޅިފައި އޮތީ. އަޅުގަނޑުމެންނަށް ކޮން މައްސަލައެއް ކަމެއް މި ވަގުތު ދެންނެވޭނެކަށް ނެތް''ޖޭއެސްސީގެ ޑިރެކްޓަރު މުއުމިނާ އުމަރު
ކޮމިޝަނުން ބުނީ ކޮމިޝަނަށް ހުށައެޅޭ ފަނޑިޔާރުންގެ މައްސަލަތަކަށް ގޮތެއް ނިންމުމަށް ފަހު ކޮމިޝަނުން ކޮމިޓީއެއް އެކުލަވައިލާނެ ކަމަށެވެ. ފަނޑިޔާރުންގެ އެ މައްސަލަތައް ހުރީ އެޖެންޑާ ކުރެވިފައިކަން މުއުމިނާ ވިދާޅުވިއެވެ.
ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ދީދީ ހިމެނޭ ގޮތަށް ޖޭއެސްސީން ހަތަރު ފަނޑިޔާރުންގެ މައްސަލަ ބަލަމުންދާ ކަމަށެވެ. ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓުގެ އިތުރުން ބައެއް އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ވެސް ޖޭއެސްސީ އަށް ހުށަހަޅާފައިވާކަން ރާއްޖެ އެމްވީ އަށް ވަނީ އެނގިފައެވެ. އޭގެ ތެރޭގައި ސިޔާސީ ކެމްޕެއިންތަކުގައި ބައިވެރިވި މައްސަލައެއްގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ވެސް ވަނީޖޭއެސްސީ އަށް ހުށަހަޅާފައެވެ.