ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ނޫނަސް ބޭސްފަރުވާ އަށް ބޭނުންވެފައިވާ އެތަކެއް ގައިދީން ޖަލުގައި އެބަތިބި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ހުއްދަ ދިނުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން، ގައުމީ ސަލާމަތާއި، ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ކުއްލި ބައްދަލުވުމުގެ ކޮމިޓީގެ ރިޕޯޓްގެ ބަހުސް މަރްހަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ހައްގުވާ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ސަރުކާރުން ވަރަށް ވިސްނުންތެރިކަމާ އެކު ފިޔަވަޅު އަޅުއްވާފައިވާކަން ކޮމިޓީގެ ރިޕޯޓުން ފާހަގަވެފައިވާ ކަމަށެވެ. މެމްބަރު ވިދާޅުވީ ބޭސްފަރުވާ ކުރުމުގެ ހައްގަކީ ކޮންމެ ގައިދީއަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށާއި، ޖަލުތަކުގައި ތިބި ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ލިބިގެން ނުދާކަން، ދާދި ފަހުން ނެރުނު ޖަލުތަކުގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ކަމަށެވެ.
ސަލީމް ވިދާޅުވީ އަދީބަށް ލިބިވަޑައިގެންނެވި ފުރުސަތު ޖަލުތަކުގައި ބަންދުކޮށްފައި ހުރި ކޮންމެ ގައިދީއަކަށް ވެސް ލިބެންޖެހޭ ކަމަށެވެ.
"އެހެން ނަމަވެސް ހަގީގަތަކީ މިއަދުގެ މަންޒަރަށް ބަލާއިރު ސްޕެޝަލިސްޓަކަށް ދައްކާނުލެވި ހަތް މަސް، އަށް މަސް ވެފައިވާ ނިކަމެތިން ޖަލުގައިތަކުގައި އެބަތިބި. އަދި ކީއްކުރަންތޯ ސްޕެޝަލިސްޓް ޑޮކްޓަރަކައް ދެއްކުމުގެ ބޭނުމުގައި. އެކަމަށް އެދިގެން ތިބޭތާ އެތައް ދުވަހެއް ވެގެން ދާއިރު ވެސް ނަރުހަކަށް ވެސް ދައްކާނުލެވޭ ކަން އަޅުގަނޑުމެންނަށް އެ ރިޕޯޓުން ފާހަގަވޭ،"ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް
ސަލީމް ވިދާޅުވީ ޖަލުތަކުގައި ބަންދުކޮށްގެން ގެންގުޅުމަކީ ބަންދުކުރުން ފިޔަވާ އިތުރު އަދަބެއް އެ މީހަކަށް ލިބެންޖެހޭނެ ކަމެއް ނޫން ކަމަށެވެ. ޖަލުތަކުގައި ބަންދުކޮށްފައި ތިބި ހުރިހާ ގައިދީންނާ ދޭތެރޭ އޯގާތެރިކަމާއި، އިންސާފުވެރިކަމާ އެކު ކަންތައް ކޮށްދެއްވުމަށް، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ސަލީމް ވަނީ ގޮވާލައްވާފައެވެ.
ކަމާ ބެހޭ ހުރިހާ ފަރާތްތަކައް ދަންނަވާލަން މި ގޮތަށް ބަންދުކޮށްފައި ތިބި ޑޮކްޓަރުންގެ އެހީތެރިކަމަށް އެދިފައި ތިބި ގައިދީންގެ ކަންތައް މިހާ އޯގާތެރިކަމާއި އިންސާފުވެރިކަމާއެކު ބައްލަވާ ކުރިއަށް ގެންގޮސްދެއްވާށޭ،"ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް
ރާއްޖޭގެ ޖަލުތަކުގައި ކޮންމެ ޤައިދީއަކަށް ވަކި އުސޫލަކުން ޢަމަލުކުރުމުގެ ސަބަބުން ޖަލުގެ އުސޫލުތައް ގިނަ ބަޔަކަށް އޮޅުންއަރައި ޖަލުގެ ހާލަތު އިންސާނުން ބަންދުކޮށްގެން ގެންގުޅުން އެކަށީގެން ނުވާ ހާލަތަށް ގޮސްފައިވާ ކަމަށް ހޯމް މިނިސްޓްރީން ނެރެފައިވާ އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.