ކ. މާލެ
|
15 ޖޫން 2019 | ހޮނިހިރު 18:49
ނާނާ ޕަޓޭކަރް
ނާނާ ޕަޓޭކަރް
ގެޓީ އިމޭޖަސް
ޖިންސީ ފުރައްސާރައިގެ ތުހުމަތު
ނާނާ ޕަޓޭކަރްގެ މައްޗަށް ކޮށްފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ސާބިތެއް ނުވި
ނާނާ ޕަޓޭކަރްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ 2008 ވަނަ އަހަރު ތަނުޝްރީ ދައްތާއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ނާނާ ޕަޓޭކަރް މައްޗަށް ކޮށްފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ސާބިތުނުވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން އެހެން ބުނެފައިވާއިރު އޭނާގެ މައްޗަށް އެ ތުހުމަތުތައް ސާބިތުނުވީ އެކަށީގެންވާވަރަށް ހެކި ނުލިބުމުގެ ސަބަބުންނެވެ.

ނާނާ ޕަޓޭކަރްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ 2008 ވަނަ އަހަރު ތަނުޝްރީ ދައްތާއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށެވެ. އެހެންނަމަވެސް ނާނާ ޕަޓޭކަރް ވަނީ ފެށުނީއްސުރެން މި ތުހުމަތުތައް ދޮގުކޮށްފައެވެ. ތަނުޝްރީ ބުނީ އޭނާއާ ނާނާ ޕަޓޭކަރް އެކީގައި ހަރަކާތްތެރި ފިލްމެއްގައި "ވަރަށް ގައިގޯޅި" ވާ ޑާންސް ސްޓެފްތައް އޭނާ ލުމަށް އެދުނު ކަމަށެވެ. އަދި އެކަމުން ތަނުޝްރީއަށް ވަރަށް އުނދަގޫވި ކަމަށް ވެސް އޭނަ ބުންޏެވެ. ތަނުޝްރީއަށް މިހާރު އުމުރުން 35 އަހަރުވީ ނަމަވެސް އޭނާގެ އުމުރުން 24 އަހަރުގައި ނާނާ ތަނުޝްރީއަށް ބިރުދައްކާފައިވާ ކަމަށް ބުނެއެވެ.

މީގެ 10 އަހަރު ކުރިން ވެސް ތަނުޝްރީ ވަނީ ނާނާ ޕަޓޭކަރްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ކޮށްފައެވެ. ތަނުޝްރީ ބުނީ އޭނަގެ ގައިގެ އެކި ގުނަވަނުތަކުގައި ނާނާ އަތްލި ކަމަށާއި އެކަމާއި ދެކޮޅު ހެދުމަށްޓަކައި ސެޓް ދޫކޮށް ދިޔުމުން އޭނަ އަކީ މޮޔައެއް ކަމަށާއި ޑްރާމާ ކުއީންއެއް ކަމަށް ބުނެ މީހުން ފާޑުކިޔާފައިވާ ކަމަށެވެ.

ތަނުޝްރީގެ ވަކީލު ބުނެފައިވަނީ މި މައްސަލަ އަލުން ބަލައިދިނުމަށް އެދި އިންޑިއާގެ ހައިކޯޓަށް ފެޓިޝަނެއް ހުށަހަޅާނެ ކަމަށެވެ.

- ކޮމެންޓް