ގެސްޓް ހައުސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ހޮނިހިރު ދުވަހު އުނިމާ ގްރޭންޑްގައި ބާއްވައިފިއެވެ.
އަހަރީ އާންމު ޖަލްސާގެ ތެރެއިން އެސޯސިއޭޝަންގެ އައު ބޯޑު ވަނީ އެކުލަވާލާފައެވެ. އެގޮތުން އެސޯސިއޭޝަންގެ ރައީސްއަކަށް އަހްމަދު ކަރަމް އައްޔަންކޮށްފައިވާއިރު ނައިބު ރައީސުންނަށް ހަމަޖައްސާފައިވަނީ އަހްމަދު އަމްޖަދު އާއި މޫސާ ނާސިހުއެވެ. އަހަރީ އާންމު ޖަލްސާގެ ތެރެއިން ހިންގާ ކޮމެޓީ ބަދަލުކޮށްފައިވާ ކަމަށާއި އެ ކޮމިޓީގައި އެކި ރަށްތަކުގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތައް ހިމެނޭ ކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސޯސިއޭޝަންގެ ރައީސް ކަރަމް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެސްޓް ހައުސް އިންޑަސްޓްރީއަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށެވެ.
"ރައީސް ސޯލިހް ވައުދުފުޅު ކުރެއްވި ގޮތަށް ގެސްޓްހައުސް އިންޑަސްޓްރީއަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ލިބެމުން އެބަދޭ، ފައިސާ ލިބުމުގެ ދަތިކަމަށް އެސްއެމްއީ ބޭންކްއާއެކު ހައްލުވެގެންދިޔަ. އެމްއެމްޕީއާރްސީ ބޯޑު އެކުލަވާލިއިރު އެސޯސިއޭޝަންގެ ބޭފުޅެއް ވެސް ސަރުކާރުން ވަނީ ހިމަނާފައި"އެސޯސިއޭޝަންގެ ރައީސް އަހްމަދު ކަރަމް
މި އަހަރު މިހާތަނަށް އެސޯސިއޭޝަންގެ ފަރާތުން އެމްއެމްޕީއާރްސީއާ ގުޅިގެން ގެސްޓް ހައުސްތަކުގެ ޓްރެއިނިންގ ޕްރޮގްރާމް ހިންގާފައިވާ ކަމަށާއި ވޯޓަރ ސޭފްޓީ ޕްރޮގްރާމްގައި ވެސް ގެސްޓް ހައުސް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. މީގެ އިތުރުން އެސޯސިއޭޝަނުން ވަރަށް އަވަހަށް "ކޯޕަރޭޓް ނައިޓްގެ" ނަމުގައި ހަރަކާތެއް ބާއްވާ ކުންފުނިތަކަށް އެސޯސިއޭޝަންއާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތައް އަންގައިދޭނެ ކަމަށް ވެސް އެސޯސިއޭޝަނުން ބުންޏެވެ.
އެސޯސިއޭޝަން ރަޖިސްޓްރީ ކުރެވިފައިވަނީ 2014 ވަނަ އަހަރުއެވެ.