ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 16 ކޮމިޓީ އާއި 241 ކޮމިޓީގައި ޕާޓީތައް ތަމްސީލު ކުރާނެ މެމްބަރުންގެ އަދަދު އެކަމަށް ކަނޑައެޅި ދެ ކޮމިޓީ އިން ކަނޑައެޅި ގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން އެކަން ފާސްކޮށްފައި ވަނީ ހާޒިރުވެ ވަޑައިގެންނެވި 80 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަޖިލީހުގެ ދާއިމީ 16 ކޮމިޓީ ބަހާފައިވާ ގޮތުން މަޖިލީހުގައި 65 މެމްބަރުން ހިމެނޭ އެމްޑީޕީއަށް ދީފައި ވަނީ 75 ޕަސެންޓަށްވާ 132 ޖާގައެވެ. އޭރުން ކޮންމެ ކޮމިޓީއަކުން އެމްޑީޕީއަށް ލިބެނީ 9-8 ޖާގައެވެ. ޖޭޕީ އާއި ޕީޕީއެމްގައި ކޮންމެ ޕާޓީއެއްގައި މަޖިލީސް ތަމްސީލު ކުރާ ފަސް މެމްބަރުން ތިއްބަވާއިރު ކޮންމެ ޕާޓީއަކަށް ލިބިފައި ވަނީ ހަ ޕަސެންޓަށްވާ 10 ޖާގައެވެ. ޖޭޕީ އާއި ޕީޕީއެމް އަށް ތިބެވެނީ ކޮންމެ ޕާޓީއަކުން އެއް މެމްބަރެކެވެ.
ޕީއެންސީގައި ތިން މެމްބަރުން ތިއްބަވާއިރު އެ ޕާޓީއަށް ލިބެނީ ހަ ކޮމެޓީއަކުން ހަ ޖާގައެވެ. އެއީ ތިން ޕަސެންޓެވެ. އެމްޑީއޭގައި ދެ މެމްބަރުން ތިއްބަވާއިރު އެ ބޭފުޅުންނަށް ލިބެނީ ދެ ޕަސެންޓާ އެކު ހަތަރު ކޮމިޓީއަކުން ހަތަރު ޖާގައެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ހަތް ބޭފުޅުން ތިއްބަވާ އިރު އެ ބޭފުޅުންނަށް 14 ކޮމިޓީއަކުން ޖާގަ ލިބެ އެވެ. އެއީ އަށް ޕަސެންޓަށްވާ ވަރަށް 14 ކޮމިޓީގެ ތެރެއިން ކޮންމެ ކޮމިޓީއެއްގައި އަމިއްލަ އެއް މެމްބަރެވެ.
އެ ޖާގަތައް ބަހާލުމުން ބައެއް ކޮމިޓީތަކުގައި ވަގުތީ ގަވައިދު ކޮމިޓީން ނިންމި ގޮތާއި ޚިލާފަށް 11 މެމްބަރުންނަށް ވުރެ އިތުރު ވެއެވެ. އަދި ބައެއް ކޮމިޓީތަކުގައި 11 މެމްބަރުންނަށް ވުރެ މަދު ވެއެވެ.
16 ކޮމިޓީތަކުގައި މެމްބަރުން ތިއްބަވާ އަދަދު:
- މާލިއްޔަތު ކޮމިޓީ (14 މެމްބަރުން)
- އިގްތިސާދީ ކޮމިޓީ (13 މެމްބަރުން)
- މިނިވަން މުއައްސަސާތަކުގެ ކޮމިޓީ (12 މެމްބަރުން)
- ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ (13 މެމްބަރުން)
- ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (13 މެމްބަރުން)
- ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ (12 މެމްބަރުން)
- ޖުޑިޝަރީ ކޮމިޓީގައި (11 މެމްބަރުން)
- އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި (11 މެމްބަރުން)
- ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގައި (10 މެމްބަރުން)
- އިމްތިޔާޒް އަދި ސުލޫކު ކޮމިޓީގައި (13 މެމްބަރުން)
- ގަވައިދު ކޮމިޓީގައި (10 މެމްބަރުން)
- ލާމަރުކަޒީ ކޮމިޓީގައި (10 މެމްބަރުން)
- އާންމު ކޮމިޓީގައި (8 މެމްބަރުން)
- އިޖުތިމާއީ ކޮމިޓީގައި (9 މެމްބަރުން)
- ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގައި (9 މެމްބަރުން)
- ޕެޓިޝަން ކޮމިޓީގައި (8 މެމްބަރުން)