Advertisement
ކ. މާލެ
|
10 ޖޫން 2019 | ހޯމަ 16:57
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
މަޖިލިސް
ރައްޔިތުންގެ މަޖިލިސް 2019
ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
މިބިލް އަނބުރާ ފޮނުއްވާލުމަކީ ވަރަށް ޒިންމާދާރުކަމާއެކު ކުރެއްވި ކަމެއް
މިބިލުން ރައްޔިތުންނާއި، ގައުމަށް ލިބޭނީ ގެއްލުން

ރާއްޖޭގެ ނައިބް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާއަތްތައް ދިނުމާ ބެހޭ ބިލާއި، ކުރީގެ އުއްތަމަ ފަޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް އިނާއަތް ދިނުމާ ބެހޭ ބިލަކީ ދައުލަތް ލޫޓުވުމަށް ހުށަހަޅާފައިވާ ދެބިލް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

Advertisement

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ ރާއްޖޭގެ ނައިބް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާއަތްތައް ދިނުމާ ގުޅޭގޮތުން ކުރީގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ގާނޫނު ތަސްދީގު ނުކުރައްވާ ރައީސުލްޖުމްހުރިއްޔާ އެ ބިލް އަނބުރާ ފޮނުއްވާލެއްވުމަކީ ވަރަށް ޒިންމާދާރުކަމާއެކު ކުރެއްވި ކަމެއް ކަމަށެވެ. ބިލްގައި ކަންބޮޑުވާ ބައެއްކަން ހުރިކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، އެ ބިލް ފާސްކޮށްފިނަމަ އެއީ މުސްތަޤުބަލަށް ޤާއިމްކުރެވޭ ނުރައްކާތެރި އުސޫލަކަށްވާނެކަމަށެވެ.

އަޅުގަނޑުމެންގެ ކޮންމެ މީހަކު ދުވަސްކޮޅަކު ވަޒީފާގައި އުޅުމަށްފަހު އެވަޒީފާ އުޅުނީތީ އުމުރު ދުވަހަށް އަޅުގަނޑުމެންނަށް އިނާއަތްތަކާއި ރައްކާތެރިކަން ހޯދަން ޑިމާންޑްކުރާ ކަމަށްވަންޏާ ހަގީގަތުގައި އެދައުލަތަށް ނުއުފުލޭވަރުގެ ބުރައަކަށްވެގެން ހިނގާދޭނެ ކަމެއް. ހަމަ ޑިރެކްޓަރ ޖެނަރަލުން ވެސް މިކަން ހައްގު. ޑިރެކްޓަރުންނަށް ވެސް ހައްގު. ކުނި ކަހާ މީހުންނަށް ވެސް ހައްގު. މިހެން ގޮސް މިއީ އެއްވެސް ގޮތަކަށް އިމެއް ކަނޑައެޅޭނެ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.

ސަލީމް ވިދާޅުވީ ވިސްނަންވީ ވަޒީފާ އަދާކުރުމަށްފަހު ވަޒީފާ އަދާކުރީތީ އިތުރަށް ދައުލަތުން އެއްޗެހި ހޯދަން ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި ވަޒީފާ އަދާކުރުމަށްފަހު ދެން ލިބޭ އެންމެ ބޮޑު އިނާއަތާ ރައްކާތެރިކަމަކަށްވަނީ ދިވެހި ރައްޔިތުންގެ ފަރާތުން ލިބޭ ލޯތްބާއި، އޯގާތެރިކަން ކަމަށާއި، އެއަށްވުރެ ބޮޑު އިނާއަތެއް، އެއަށްވުރެ ބޮޑު ރައްކާތެރިކަމެއް ހޯދަން ހިޔާލަށް ގެނައުމީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގެ ހާލަތަށް އަލިއަޅުއްވާލައްވާ ސަލީމް ވިދާޅުވީ މިއަދު ވެސް ކަރަންޓުގެ ހާލު ވަރަށް ދަށް ކިތަންމެ ރަށެއް އެބަހުރި ކަމަށާއި، ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ނުޖެހޭ އެއްވެސް ރަށެއް ނެތް ކަމަށެވެ. އަދި ތައުލީމީ ހާލަތު ރަނގަޅުކުރަންޖެހޭ ކިތަންމެ ތަނެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަންކަން މިހެން އޮއްވައި ވަކިވަކި މީސްމީހުންނަށް އިނާއަތްތަކާއި ރައްކާތެރިކަމާ ހަރަދުކުރުމަށް މިމަޖިލީހުން ފާސްކުރާނަމަ އެއީ އެއްވެސް ހާލެއްގައި ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން.

ކުރީގެ އުއްތަމަ ފަޑިޔާރުކަން ކުރެއްވި ބޭފުޅަކަށް އިނާއަތް ދިނުމާ ބެހޭ ގޮތުން މެމްބަރު ސަލީމް ވިދާޅުވީ ބިލް ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވުމަކީ ކުރީގެ ރައްޔިތުންގެ މަޖިލީހުން ހިންގި އެންމެ ދަށު ދަރަޖައިގެ އަމަލު ކަމަށެވެ.

އަޅުގަނޑަށް މިބިލް ފެނުމުން ސިފަ ކުރެވުނު ގޮތަކީ މިއީ އަޅުގަނޑުމެން ޓައި އަޅައިގެން ރީތި ހެދުމުގައި ތިބެ ދައުލަތް ލޫޓުވުމަށް ކުރާ ކަމެއްގެ ގޮތުގައި. ވަކި މީހަކަށް ނާޖާއިޒް ފައިދާ ހޯދާދިނުމަށްޓަކައި ގާނޫނެއް ފާސްކުރަން ބަޔަކު އުޅެއްޖެ ކަމަށްވަނީނަމަ އެއީ ދެން ކޮރަޕްޝަންގެ އަމަލަކަށް ނުވާ ކަމަށްވަންޏާ ދިވެހިރާއްޖޭގައި ހިނގާނެ އެއްވެސް ކޮރަޕްޝަނެއް އޮންނާނެ ކަމަކަށް އަޅުގަނޑު ނުދެކެން.

ސަލީމް ވިދާޅުވީ މިދެބިލަކީ ވެސް ގައުމާއި، ރައްޔިތުންނަށް ގެއްލުންވާނެ ދެބިލް ކަމަށާއި، ތާއީދުކުރަނީ ބަލައި ނުގަނެ ފޮނުވާލަން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
10 ޖޫން 2019 | ހޯމަ 19:27
ސައްލޭސާބަހޭ
ވަރަށްބޮޑު ދެދުފުޅެއް!