ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންގާރަ ދުވަހު ހެނދުނު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހް ކުރެވިގެންދާނެ ކަމަށެވެ.
ރާއްޖޭގެ 213 ސްކޫލުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ޓާރމްގައި ނާސްތާ ޕްރޮގްރާމް ފަށާފައި ވަނީ 25 ސްކޫލެއްގައެވެ. އޭރު ސަރުކާރުން 25 ސްކޫލެއްގައި ނާސްތާ ޕްރޮގްރާމްގައި ފަށާފައި ވަނީ އަޖުމަ ބެލުމުގެ ގޮތުން ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައެވެ. ތަޖްރިބާއަށް ބެލުމަށް ފަހު ދެ ވަނަ ޓާރމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެދުނުގެ ނާސްތާގެ ޕްރޮގްރާމް ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ދަރިވަރުންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
ޔުނިސެފްގެ އެހީއާ އެކު މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއް ވެސް ތައްޔާރުކޮށްފައެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި ތަރުކާރީ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ސޭންޑްވިޗް ފަދަ ތަކެތި ހިމެނެ އެވެ. ދަރިވަރުންނަށް ކޮންމެ ދުވަހަކު ވެސް އޭގެ ތެރެއިން ތިން މެނޫއެއް އޮންނާނެ އެވެ.