ރާއްޖޭގައި އިންސާފު ގާއިމްކޮށް ރާއްޖެ އިސްލާހުގެ މަގަށް އެޅުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް 19 ވަނަ މަޖިލީހުގެ ތެރެއިން ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި އަހުމަދު އަބްދުﷲ ވިދާޅުވީ، ރައްޔިތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް މަޖިލީހުގެ ތެރެއިން ބާރު ސްޕީޑެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައްޔިތުންގެ ހުވަފެންތައް ހަގީގަތަށް ހެދުމަކީ 19 ވަނަ މަޖިލީހުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން މި ރާއްޖެ އިސްލާހު ކުރުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން. މި ރާއްޖޭގެ މުއައްސަސާތައް ރަނގަޅު ގޮތުގައި ހިންގުމަށްޓަކައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް އަޅުގަނޑުމެން ދޭނަން. ޒިންމާދާރު މުއައްސަސާތަކެއް މި ރާއްޖޭގައި ހިނގާތަން ދުށުމަކީ އަޅުގަނޑުމެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެކޭ ހުވަފެނެއް. ކުރާ އުއްމީދެއް. އެކަން އެ މަގަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން،"އަހުމަދު އަބްދުﷲ
މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަކީ މަގާމުގެ ޒިންމާ އަދާކުރަން ނުކެރޭ ބޭފުޅުން ނަމަ އެ މަސްއޫލިއްޔަތު އުފުއްލޭނެ މީހުން އެ މަގާމުތަކަށް އައްޔަން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތަކުގައި ތިއްބެވި ގިނަ މެމްބަރުންނަކީ އޭރަކު އޮންނަ ސަރުކާރަކުން ބޭނުން ގޮތަކަށް ކަންތައްތައް ކުރައްވާ ބޭފުޅުން ކަމަށާއި މިހާރު އެ މުއައްސަސާތައް ވަނީ ''ތަޢައްޔަރު'' ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރުން އަލީ އާޒިމް ވެސް ވަނީ ވިދާޅުވެފައެވެ.
ބްރޮޑްކާސްޓީން ކޮމިޝަން، އިލެކްޝަން ކޮމިޝަން އޭސީސީ ފަދަ މުއައްސަސާތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ފަރާތްތަކެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު ޕީޕީއެމްގެ ކެމްޕޭނުގައި ހާމަކަން ބޮޑު ގޮތެއްގައި ކެމްޕޭނު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ބޭފުޅުންނެވެ.
މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމާ އެކު އެންމެ އިސްކަމެއްދީގެން ކުރާނެ ކަމަކީ، ހަވާލުކުރި މެންޑޭޓާ އެއްގޮތަށް މަސައްކަތް ނުކުރާ ކޮމިޝަންގެ މަސައްކަތް ބެލޭނެ ގޮތެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ރާއްޖޭގެ ޝަރުއީ ދާއިރާއަށް ފާޑުކިޔުން އިންތިހާ އަށް އިތުރުވެފައިވާއިރު އަހްމަދު އަބްދުﷲގެ ނަޒަރުގައި، މިހާރު ޝަރުއީ ދާއިރާގައި ތިބި ފަރާތްތަކަށް އިންސާފު ގާއިމްކޮށް ނުދެވިއްޖެ ނަމަ ޝަރުއީ ދާއިރާއަށް ބަދަލުތައް ގެންނަން ޖެހެއެވެ.
ނިމިގެން ދިޔަ 18 ވަނަ މަޖިލީހުގައި ކަންހިނގާ ދިޔަ ގޮތަށް މަޖިލީސް 19 ގައި ކަންކަން ހިނގާ ނުދާނެ ކަމާށައި، އަށާރަ ވަނަ މަޖިލީހުގައި މައިނޯރިޓީގެ އަޑު ކަނޑުވާލިޔަސް މި ފަހަރުގެ މަޖިލީހުގައި އެ މެމްބަރުންނަށް ވެސް ބަހުސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހަމަ ހަމަޔަށް ލިބިގެންދާނެ ކަމަށް ސަރުކާރު މައި ޕާޓީއަށް ނިސްބަށްވެ ވަޑައިގަންނަވާ އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
މި ސަރުކާރު ކޯލިޝަން ނުވަތަ އެމްޑީޕީގެ ވަޒިރުންނަށް ވެސް އެ ބޭފުޅުންގެ މަގާމުގެ ޒިންމާ އަދާ ނުކުރެވޭ ނަމަ މަޖިލީހަށް ހާޒިރު ކޮށްގެން ޖަވާބުދާރި ކުރުވާނެ ކަމުގެ ޔަގީންކަން އަހްމަދު އަބްދުﷲ ދެއްވިއެވެ. އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތަސް ކަންތައްތައް ކުރާނީ ޒިންމާދާރު ކަމާ އެކުކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އަހްމަދު އަބްދުﷲ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހުރިހާ ވައުދެއް މި ފަސް އަހަރު ތެރޭގައި ފުއްދައިދެވޭނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދުމަށް ބޭނުންވާ އެއްބާރުލުމެއް މަޖިލީހުގެ ތެރެއިން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.