Advertisement
ކ. މާލެ
|
9 ޖޫން 2019 | އާދީއްތަ 18:25
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން
މަޖިލިސް
ރައްޔިތުންގެ މަޖިލިސް 2019
ރިޔާސީ ކޮމިޝަންތަކުގެ ބިލްގެ އިބްތިދާއީ ބަހުސް ހޯމަ ދުަވަހުގެ ޖަލްސާގައި
ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ މިދިޔަ ހަފްތާގައި ބަހުސް ފަށާ ނުނިމިވާ ބިލްތަކުގެ ބަހުސް ކުރުމަށް އެޖެންޑާކޮށްފައި
ގާނޫނީ ފަންނުގެ ބިލްގެ އިބްތިދާއީ ބަހުސްވެސް ވަނީ ހޯމަދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި
ގުރައިދޫ ދާއިރާގެ މެމްބަރު، މެމްބަރުކަމުގެ ހުވާކުރެއްވުންވެސް ހޯމަ ދުވަހު ބާއްވާނެ

ރިޔާސީ ކޮމިޝަންތަކުގެ ބިލްގެ އިބްތިދާއީ ބަހުސް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 5 ޖޫންގައި ބޭއްވި ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ހޯމަ ދުވަހުގެ ޖަލްސާއަށް ރިޔާސީ ކޮމިޝަންތަކުގެ ބިލާއި, ގާނޫނީ ފަންނުގެ ބިލްގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދިއުމަށް އެޖެންޑާކޮށްފައިވާކަމަށެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑުގައި 19 ވަނަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން، އެ ބޯޑުގައި އިންނަވާނެ މެމްބަރަކު އައްޔަންކުރުންވެސް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރާނެކަމަށް އަމީން އާންމު ވިދާޅުވިއެވެ. 18 ވަނަ މަޖިލިސްގައި ކްލެމެންސީ ބޯޑުގައި އިންނެވީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްއެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޓްރެފިކް ކުރުމާއި، ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި 19 ވަނަ މަޖިލިސްގެ ތެރެއިން އިންނަވާނެ މެމްބަރަކު ކަނޑައެޅުންވެސް ހޯމަ ދުވަހުގެ ޖަލްސާގައި އޮންނާނެ ކަމަށް އަމީން އާންމު ވިދާޅުވިއެވެ. 18 ވަނަ މަޖިލީހުގައި އެ ކޮމިޓީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީ ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދުއެވެ.

Advertisement

ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ މަސައްކަތް ނިމިއްޖެނަމަ އެ ކޮމިޓީގެ ރިޕޯޓްވެސް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރެވޭނެ ކަމަށް އަމީން އާންމު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލިސްގައި ބަހުސް ފަށައި، ބަހުސް ނުނިމިވާ ބިލްތައްވެސް ވަނީ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. އެގޮތުން ނައިބް ރައީސްކަން ކޮށްފައިވާ ފަރާތްތަކައް އިނާޔަތް ދިނުމާއި ގުޅޭ ބިލް އާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓާއި ގުޅޭ ބަހުސްވެސް ހޯމަ ދުވަހުގެ ޖަލްސާގައި ފަށަން އެޖެންޑާކޮށްފައިވާ ކަމަށް އަމީން އާންމު ވިދާޅުވިއެވެ.

އަމީން އާންމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިހާތަނަށް މެމްބަރުކަމުގެ ހުވާކޮށްފައިނުވާ ގުރައިދޫ ދާއިރާގެ މެމްބަރު ހުވާކުރުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު މަޖިލީހުގައި އޮންނާނެ ކަމަށެވެ. މި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. މެމްބަރަށް ހުވާލައިދެއްވާނީ އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީއެވެ. ގުރަދޫ ދާއިރާގެ މެމްބަރު ހުވާކުރެއްވުން ލަސްވެފައިވަނީ، މެމްބަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތް ދުވަހު އުމްރާ ދަތުރުފުޅެއްގައި މައްކާގައި ހުންނެވުމުގެ ސަބަބުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
10 ޖޫން 2019 | ހޯމަ 02:22
އަހުމަދު
މިހާރުވެސް މާބޮޑަށް ލަސްވެއްޖެ އަވަސްކުރޭ