ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އިންޑިއާ އިން ދުވަހަކު ވެސް އަމަލުކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މޯދީ މަޖިލީހުގައި ތަޤުރީރު ކުރެއްވި ޖަލްސާ ފައްޓަވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަކީ މުޅި ރާއްޖެއަށާއި، މަޖިލީހަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ދެ ގައުމެއް ވިޔަސް އަޅުގަނޑުމެންނަކީ އެއް ބައެއް ކަމަށާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ދެ ގައުމުގެ މެދުގައި އޮތް ގުޅުން ބޮޑުވަޒީރު މޯދީގެ ބޮޑުވަޒީރުކަމުގެ ދަށުން ދުވަސްވީ މި އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެކަން ގަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިވެދޭ ގައުމު ކަމަށެވެ. އަދި މި ފާއިތުވި ދުވަސްތަކުގައި ރާއްޖެއަށް ދިމާވި ކޮންމެ ގޮންޖެހުމެއްގައި އެންމެ ފުރަތަމަ އެހީވެދޭ ގައުމަކީ އިންޑިއާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އިންޑިއާ އިން ދުވަހަކު ވެސް އަމަލުކޮށްފައެއް ނެތް ކަމަށެވެ.
ރައީސް ނަޝީދު ވަނީ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމުން ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދަންނަވާފައެވެ.