Advertisement
ކ. މާލެ
|
8 ޖޫން 2019 | ހޮނިހިރު 19:29
ރާއްޖެއާ އިންޑިއާ ދެމެދު ރަސްމީ ވާހަކަތައް ކުރިޔަށް ދަނީ
ރާއްޖެއާ އިންޑިއާ ދެމެދު ރަސްމީ ވާހަކަތައް ކުރިޔަށް ދަނީ
ރައީސް އޮފީސް
މޯދީ ދަތުރުފުޅު 2019
ރާއްޖެ އާއި އިންޑިއާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި
މުހިއްމު ދާއިރާތަކުން ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ
ދިވެހި ސިވިލް ސަރވިސްގެ 1000 މުވައްޒަފުން ތަމްރީނު ކުރުމުގެ އެއްބަސްވުން ހިމެނޭ
ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އެހިތެރިކަން ފޯރުކޮށްދޭ އެއްބަސްވުމެއްވެސް ހިމެނޭ

ދިވެހިރާއްޖެއާ އަވަށްޓެރި އިންޑިއާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރައީސް އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި އެއްބަސްވުންތައް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރުމަތިކޮށް ތަމްރީނުދިނުމާ ބެހޭ އެއްބަސްވުމާއި، ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ގެންދިއުމާ ގުޅޭ އެއްބަސްވުމާއި، ރާއްޖޭގެ ބަނދަރަކަށް ފަސިންޖަރުންނާއި މުދާ ހިފައިގެން ދަތުރުކުރާ ފެރީ ދަތުރުތައް ބޭއްވުމާ ބެހޭ އެއްބަސްވުން އަދި ސިއްހީ ދާއިރާ އިން ވެފައިވާ އެއްބަސްވުމުގެ އިތުރުން ދެ ޤައުމުގެ ކަނޑުގެ ސަރަހައްދުގަ ހިނގާފާނެ ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށް އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން ވެފައިވާ އެއްބަސްވުމެވެ.

ދިވެހިސަރވިސްގެ މުވައްޒަފުންގެ ފެންވަރުމަތިކޮށް ތަމްރީނު ދިނުމާ ބެހޭ ގޮތުން އެކުލަވާލެވިފައިވާ، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން މޯލްޑިވްސް ސިވިލް ސަރވިސް އެންޑް ނެޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް، ޑިޕާޓްމަންޓް އޮފް ޕަބްލިކް ރިފޯމްސް އެންޑް ގްރިވެންސަސް، އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ" ގެ ނަމުގައި ވެވުނު އެއްބަސްވުން ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ 1000 މުވައްޒަފުންނަށް ހުރިހާ ޚަރަދަކާއެކު ތަފާތު ދާއިރާތަކުން ތަމްރީނުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ކަސްޓަމްސްގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.

"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ފޮރ ކޯޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގ ބިޓްވީން ދަ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އެންޑް ދަ ސެންޓްރަލް ބޯޑަރ އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް، އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ" ގެ ނަމުގައި ބަދަލު ކުރެވުނު މި އެއްބަސްވުމުގެ ދަށުން ކުރިއަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން ވިޔަފާރީގެ ނަފާ ލިބޭނެ މަގުފަހިވެގެން ދިމުގެ އިތުރުން އެންމެ ހަރުދަނާ ބައިނަލްއަޤްވާމީ ފެންވަރެއްގައި ކަސްޓަމްސްގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ބަދަލުކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

Advertisement

މީގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފުންނަށްގެ ހުނަރު އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން އިންޑިއާގެ ކޮޗިނުން ހދ. ކުޅުދުއްފުށި ނުވަތަ އެއްބަސްވެވޭ ރާއްޖޭގެ ބަނދަރަކަށް ފަސިންޖަރުންނާއި މުދާ ހިފައިގެން ދަތުރުކުރާ ފެރީ ދަތުރުތައް ބޭއްވުމާބެހޭ އެއްބަސްވުމެއްވެސް މިއަދު ބަދަލު ކުރެވުނު އެއްބަސްވުން ތަކުގެ ތެރޭގައި ހިމެނެއެވެ.

"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ފެރީ ސަރވިސް ބިޓްވީން އިންޑިއަން އެންޑް މޯލްޑިވްސް ގަވަރމަންޓްސް" ނަމުގައި ބަދަލު ކުރެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގު ހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެން ދިއުމާއި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެއެވެ.

ސިއްހީ ދާއިރާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށް ދިނުން ހިމެނެއެވެ. މީގެއިތުރުން ޞިއްޙީ ދާއިރާގެ ދިރާސާތައް ކުރުމާއި އެ ދާއިރާއަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމާއި، ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނިފައި ވެއެވެ

ދިފާއީ ބާރާ އެކު ވެވުނު އެއްބަސްވުމަކީ ދެ ޤައުމުގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށް އެއްބާރުލުން އިތުރުކުރުމާ ބެހޭ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން އިންޑިއަން ނޭވީ އެންޑް ދަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އޮން ވައިޓް ޝިޕިންގ" ގެ ނަމުގައި ބަދަލުކުރެވުނު އެއްބަސްވުމެވެ.

އެއްބަސްވުންތައް ބަދަލުކުރެއްވުމުގެ މި ރަސްމިއްޔާތުގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް