ހޮނިހިރު ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ, ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ މަޢްރިބް ނަމާދަށްފަހު ކަމަށް މަޖިލީހުގެ އިދާާރާއިން ބުނެފިއެވެ.
ކުރިން ޝެޑިއުލް ކޮށްފައިވާގޮތުން މޯދީ ތަގްރީރް ކުރައްވާ ޖަލްސާ ފަށާނީ 18:45 ގައެެވެ.
ބުރާސްފަތި ދުވަހުގެރޭ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ، މޯދީ ވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގަންނަވަނީ މަޖިލީސް މެމްބަރުން މަޢްރިބް ނަމާދު ކުރެއްވުމަށް ވަގުތު ދެއްވުމަށް ފަހު ކަމަށެވެ. އެމަނިކުފާނުގެ ޝެޑިއުލް އެގޮތަށް ބަދަލުކުރެއްވީ، ހޮނިހިރު ދުވަހު ބޮޑު ވަޒީރު ތަގްރީރު ކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތަކީ މަޢްރިބް ނަމާދު ވަގުތާ ކައިރި ވަގުތަކަށް ވާތީއާ ނާމަދު ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ފުރުސަތު އެރުވުމުގެ ގޮތުން ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އެހެން ކަމުން މޯދީ ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މަޢްރިބް ނަމާދަށް ފަހުކަމަށް އެ އިދާރާއިން ބުންޏެވެ.
މޯދީ ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރައްވާ ޖަލްސާ ބޮއިކޮޓް ކުރައްވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް އިންޑިއާ އިން ބޭރަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދައުވަތު ދިނުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ 29 މެއިގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ތަގްރީރް ކުރެއްވުމުގެ ފުރުސަތު ގައުމުތަކުން އަރުވަނީ، އެ ގައުމަކުން އެ މެހްމާނަކަށް ދެވޭނެ އެންމެ މަތީ ޝަރަފު އެރުވުމުގެ ގޮތުންނެވެ.
ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މޯދީ ފުރައިވަޑައިގަންނަވާނީ އަވަށްޓެރި ސްރީލަންކާ އަށެވެ. މޯދީ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ޖަލްސާ އަށް ވެސް ވަޑައިގެންފައެވެ.