ކ. މާލެ
|
6 ޖޫން 2019 | ބުރާސްފަތި 18:35
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މުހައްމަދު ޝަރުހާން
ރެމިޓެންސް ޓެކްސް
ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް 44 މިލިއަނަށްވުރެ ގިނަ ރުފިޔާ
މި ޓެކުހަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ އިން ނަގާ ޓެކުހެއް

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މި އަހަރުގެ ފުރަތަމަ ހަތަރުމަސް ދުވަސް ނިމުނު އިރު ދައުލަތަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 35 މިލިއަން ރުފިޔާއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މަހެއްގެ ތެރޭގައި ދައުލަތަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަށް 10 މިލިއަން ރުފިޔާއެވެ.

ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ޤާނޫނުގައިވާ ގޮތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގޭނީ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތިނެއް އިންސައްތައެވެ.

ބޭންކުތަކާއި ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތަކުން ރެމިޓެންސް ޓެކްސް ނެގުމަށްފަހު އެ ފައިސާ މީރާއަށް ދައްކަންޖެހެނީ ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.

މި ޓެކުހަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ އިން ނަގާ ޓެކުހެކެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ އަތުން ރެމިޓެންސް ނެގުމާ ބެހޭ ގޮތުން މީރާ އިން ކަނޑައަޅާފައިވާ އުސޫލަށް ބަދަލު ގެނެސްފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. އެ އުސޫލުގައިވާ ގޮތުން ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކަށް ރާއްޖޭގައި ބޭންކް އެކައުންޓެއް ހުޅުވާފައި ނެތުމުގެ ސަބަބުން ނުވަތަ ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް ވަޒީފާ އިން ވަކިވުމުން ދިވެހިރާއްޖޭގައި ހުޅުވާފައިވާ އޭނާގެ ބޭންކް އެކައުންޓް ބަންދު ކުރުމުގެ ސަބަބުން ވަޒީފާ ދިން ފަރާތުން އެ ބިދޭސީ މުވައްޒަފު އެހެން ގައުމެއްގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ފައިސާ ފޮނުވާނަމަ އެ ފައިސާ އިން ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ނެގޭނެ ކަމަށެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް ނުވަތަ ޑިޕެންޑެންޓް ވިސާ އޮތް ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް ނުވަތަ ދިވެހި ރައްޔިތެއް ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ އެހެން ބިދޭސީއެއްގެ ފައިސާ ދިވެހި ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތް ކޮށްފިނަމަ އެއީ ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަތްވުމަށް ކުރި ކަމެއް ކަމަށް ބަލައި ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅާނެ ކަމަށް މީރާގެ އުސޫލުގައި ބުނެފައިވެއެވެ.

- ކޮމެންޓް