މަސްތުވާތަކެތީގެ މައްސަލާގައި މި މަހުގެ 3 ވަނަ ދުވަހު ހައްޔަރު ކުރުމުން ކޯޓުން ދޫކޮށްލި ދެ މީހުން ތިން ވަނަ ފަހަރަށް ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބުދަ ދުވަހުގެ ރޭ އެ ދެ މީހުން އަލުން ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުން ކަމަށެވެ.
ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހުޅުމާލޭގައި ހުރި ގެއަކުން ހައްޔަރު ކޮށްފައިވަނީ މަންމައަކާއި އޭނާގެ ދަރިފުޅެވެ. އުމުރުން 52 އަހަރުގެ އަންހެން މީހާ އާއި 25 އަހަރުގެ ފިރިހެންމީހާ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭގައެވެ. އެ ދެ މީހުން ހައްޔަރު ކުރުމަށް ފަހު ފުރަތަމަ ފަހަރު ދޫކޮށްލީ ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ދިން އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް ގާޒީގެ ނަން ނެތުމުން އަމުރު ފުރިހަމަ ނުވާތީ ކަމަށް ބުނެއެވެ.
ބުދަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، ހައްޔަރު ކުރެވުނު ދެ މީހުންގެ ތެރެއިން 25 އަހަރުގެ ފިރިހެންމީހާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރިފައިވާ އަމުރެއްގެ ދަށުން ހައްޔަރުކޮށް، އެ ކޯޓުގެ ތައްގަނޑު ޖަހާފައިވާ އަމުރެއް ކްރިމިނަލް ކޯޓަށް ހުށައެޅި ނަމަވެސް އޭނާ ހައްޔަރު ކުރުމުގެ އަމުރާއި، އޭނާ އުޅޭތަން ބަލައި ފާސް ކުރުމުގެ އަމުރުގައި ވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ލާޒިމުކުރާ ބައެއް ކަންކަން ފުރިހަމަނުވާ ކަމަށެވެ.
ކޯޓުން އެ މީހުން ދޫކޮށްލާފައި ވަނިކޮށް އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އަލުން އެ ދެ މީހުން ހުޅުމާލޭ ކޯޓުގެ އަމުރަކަށް އަނެއްކާވެ ސް ހައްޔަރުކުރިއެވެ. ނަމަވެސް ހުޅުމާލޭ ކޯޓަށް އަންގާރަ ދުވަހު ގެންދިއުމުން ހައްޔަރު ކުރި ދެ މީހުންނަށް މުއްދަތު ޖަހައި ނުދިނީ ގަވައިދާ އެއްގޮތަށް އައިއޯއެއް (ތަހުގީގުކުރުމުގެ މަސައްކަތް ހަވާލުވެފައިވާ ފަރާތް) ނުފޮނުވުމުން ކަމަށް ހުޅުމާލޭ ކޯޓުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ފޯމުތަކުގައި ސޮއިކޮށްފައި ވަނީ ދަންވަރު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރ ކަމަށެވެ. އަދި ޑިއުޓީގައި އެވަގުތު ހުރި އޮފިސަރ އެ ކޭސްއަށް އެޓެންޑްވީ ނަމަވެސް އާންމުކޮށް ކޭސް އިންވެސްޓިގޭޓަރަކު ހަމަޖައްސަނީ ފުރަތަމަ 24 ގަޑިއިރު ތެރޭގައި ކޯޓަށް ގެންދިއުމަށް ފަހު ކަމަށެވެ. މީގެ ކުރިން ވެސް މައްސަލަތަކުގައި އަމަލުކުރަނީ އެގޮތަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ދަންވަރު ޑިއުޓީގައި ހުރި އޮފިސަރާއި، ކޭސްއާ ހަވާލުވި އޮފިސަރަކީ ވެސް އެ މަރުހަލާގައި އެ މަސައްކަތްތައް ކުރުމުގެ ހުއްދަ އޮންނަ ދެ އޮފިސަރުންކަން ފުލުހުން ފާހަގަކޮށްފައި ވެއެވެ.
ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން ތަހުގީގުކުރުމުގެ މަސައްކަތް ހަވާލުވެފައިވާ ފަރާތް ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާ ނަމަ ގާނޫނު ތަންފީޒުކުރާ އިދާރާގެ ރަސްމީ ލިޔުމަކާ އެކު ބަދަލުގައި އެ އިދާރާގެ އެހެން ފަރާތެއް ކޯޓަށް ހާޒިރު ކުރެވިދާނެ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅިގެން ކޯޓުތަކާ ބެހޭ މައި މަރުކަޒު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް ހަވާލުވެފައިވާ ފުލުސް މީހާގެ ބަދަލުގައި އެހެން ފުލުހަކު ފޮނުވާ ނަމަ އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވިދާނެ ކަމަށާއި އެހެން ނަމަވެސް ރަސްމީކޮށް އެއްވެސް ލިޔުމެއް ސިޓީއެއް ވެސް ފޮނުވާފައި ނުވާ ކަމަށެވެ.
ބުދަ ދުވަހުގެރޭ އެ ދެ މީހުން ހުޅުމާލޭ ކޯޓަށް ގެންގޮސް މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައި ވަނީ އެ ދުވަހު ކްރިމިނަލް ކޯޓުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ބުނެފައި ވަނިކޮށެވެ. ކްރިމިނަލް ކޯޓުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުރަތަމަ މަރުހަލާގެ ކޯޓަކުން މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގައި އަމަލުކުރާ ގޮތް ގާނޫނާ ޚިލާފު ކަމަށް ގަބޫލު ކުރެވުނު ކަމުގައި ވިޔަސް އެ އަށް ވުރެ މަތީ ކޯޓެއްގައި އެކަން އިސްތިއުނާފު ކުރުމުގެ ބަދަލުގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އިތުރު އަމުރުތަކެއް ނެރެ އެ ދެ ފަރާތް އަލުން ހައްޔަރުކޮށްފައި ވުމަކީ ގާނޫނީ ގޮތުން އުފެދިފައިވާ ޖިނާއީ އަދުލުގެ ނިޒާމުގެ ތަރުތީބު ގެއްލިގެންދާ ކަމެއް ކަމަށެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މި މައްސަލާގައި ހިމެނޭ 52 އަހަރުގެ އަންހެން މީހާއަކީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ސީނިއާ ޕްރޮސެކިއުޓަރެއްގެ މަންމައެވެ. އަދި ހައްޔަރު ކުރި 25 އަހަރުގެ ފިރިހެންމީހާއަކީ ސީނިއާ ޕްރޮސެކިއުޓަރުގެ ކޮއްކޮ ކަމަށް ވެއެވެ.
ތިން ވަނަ ފަހަރަށް އެ ދެ މީހުން ބުދަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވީ ނަމަވެސް އޭގެ ތަފްސީލެއް ނުދެއެވެ. ފުލުހުން ބުނީ އެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.