ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގަ ހއ. ހޯރަފުށީގައި ފެން ބޮޑުވެ، 13 ގެޔަކަށް ފެންވަދެއްޖެ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯރަފުށި ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ޝާކިރު ވިދާޅުވީ ހުއްޓާނުލާ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވި ކަމަށެވެ. އަދި ބޮޑުވި ފެންގަނޑާއެކު، ގޭގެއަށް ފެންވަނަ ނުދިނުމަށްޓަކައި ރަށު ކައުންސިލާއި، ފުލުހުން އަދި އެމްޓީސީސީއާ އެކު މަސައްކަތްތައް ކުރެވިފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.
ޝާކިރު ވިދާޅުވީ ފެންބޮޑުވި ނަމަވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓްތައް އަދި ކައުންސިލަށް ލިބިފައިނުވާ ކަމަށެވެ. އަދި ކައުންސިލުން މި ވަގުތު ވެސް ރައްޔިތުންނާއި އެކުގައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޝާކިރު ވިދާޅުވި އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ހއ. ހޯރަފުށީ 13 ގެޔަކަށް ފެންވަދެފައި ވާކަމަށެވެ. އަދި އެ ހުރިހާ ގެއެއްގައި މިހާރު ފުލުހުން ވަނީ ނިކުމެ ވެލި ބަސްތާ ޖަހައިދީ ނިންމާފައިކަމަށް ފުލުހުން ބުންޏެވެ.
ޤައުމީ މޫސުމާ ބެހޭ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަސް ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާ 18 މޭލާދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނި، އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން، ވަކިން ޙާއްސަކޮށް ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.