އުރީދޫ ކަލަރ ރަން އައްޑޫގައި ބާއްވާ ތާރީހު ފަސްކޮށްފިއެވެ.
އުރީދޫ އިން ބުނީ ކަލަރ ރަން ބާއްވާ ތާރީހު ފަސްކޮށްފައި ވަނީ ޖޫން މަހުގެ 28 ވަނަ ދުވަހަށް ކަމަށާއި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަރ ރަން ގައި ވީހާވެސް ގިނަ ދުވުންތެރިން ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އެ ބަދަލު ގެނެސްފައި ވަނީ ގުޅުން ހުރި ގިނަ ޕާޓްނަރުންނާއި، ދުވުންތެރިންގެ އެދުމުގެ މަތިން ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.
ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ އަމާޒާއި އެކު ކުރިއަށްގެންދާ އުރީދޫ ކަލަރ ރަންގެ މަޤްބޫލުކަން އަހަރުން އަހަރަށް އިތުރުވެ، ރިކޯޑު އަދަދެއްގެ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ.
ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއް ކަމަށާއި އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެއެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާލެވި، ވަރަށް ޚާއްޞަ އިނާމުތަކެއް ދެވޭނެއެވެ.
ފާއިތުވި އަހަރު ހުޅުމާލޭގައި ބޭއްވުނު ކަލަރ ރަން އާއި އެއްފަދައިން، އައްޑޫގައި ވެސް ކަލަރ ރަންގެ ފޯރި މުޅި ދުވަހަށް ކުރިއަށް ގެންދާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ. މިގޮތުން، ހަވީރު ބޭއްވޭ ރަންގެ ކުރިއަށް، ހެންދުނު ގަޑީގައި ކައިޓް ފެސްޓިވަލެއް ވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އުރީދޫ މޯލޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެއެވެ. މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު، އުރީދޫގެ ވެބްސައިޓް ނުވަތަ ސޯޝަލް މީޑިއާ ޗެނަލްތަކުން ފޯރުކޮށް ދެވޭނެއެވެ.