Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 23:33
ޔާމީން ރަޝީދާއި ރިލްވާން އަބްދުﷲ ގެ މަންމަ
ޔާމީން ރަޝީދާއި ރިލްވާން އަބްދުﷲ ގެ މަންމަ
ރާއްޖެ އެމްވީ
ރިލްވާން އާއި ޔާމިންގެ މައްސަލަ
މައްސަލަ ބަލާ ކޮމިޝަނަށް ޤާނޫނީ ބާރު ދިނުމާބެހޭ ބިލް ލަސްނުކޮށް ފާސްކޮށްދެއްވުމަށް ގޮވާލަން: ރިލްވާނާއި ޔާމީންގެ އާއިލާ
އިންސާފު ހޯދައިދިނުމަކީ މިހާރުގެ ސަރުކާރުން އިސްކުރަންވާނޭ ކަމެއް ކަމުގައި ދެކޭކަމަަށް ބަޔާނުގައިވޭ
ބަޔާން ނެރުނީ ރިލްވާނާ ޔާމީނުގެ އާއިލާ ގުޅިގެން
ވައުދުވީ ގޮތަށް މަސައްކަތް އަވަސް ކުރުމަށް ގޮވާލި

މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނަށް ޤާނޫނީ ބާރު ދިނުމާބެހޭ ބިލް، ލަސްނުކޮށް ފާސްކޮށްދެއްވުމަށް ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ އާއި ޔާމީން ރަޝީދުގެ އާއިލާއިން އެދެފިއެވެ.

ރިލްވާން އާއި ޔާމީންގެ އާއިލާއިން ނެރެފައިވާ ބަޔާނެއްގައި ވަނީ އަޙްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާތާ މިހާރު 5 އަހަރު ވާން ގާތްވެފައިވުމާއި، އަދި ޔާމީން ރަޝީދު މަރާލާފައިވާތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާތީއާއި، އަދި މީގެ އިތުރުން ގެއްލުވާލާފައިވާ މީހުންނާއި އަނިޔާވެރި ގޮތްގޮތަށް މަރާލާފައިވާ މީހުންނަށް އިންސާފު ލިބިފައިނުވާތީ، އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކެތްތެރިކަމާއި އެކު އެތައް ޢާއިލާތަކެއް ހިތްދަތިކަމާއި އެކު މި މުޖުތަމަޢުގައި އެބަތިބި ކަމަށެވެ.

މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދުމަށް ހުރަސް އަޅާފައިވާ އެއް ބާވަތެއްގެ ކަންތައްތަކެއް މިއިން ކޮންމެ މައްސަލައަކާ ގުޅިގެން ފެންމަތިވެފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ ތެރޭގައި މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ނުކުރެވުމާއި، ކުށް ކުރުމުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ ކޮންމެވެސް ކަހަލަ ބައިވެރިވުމެއް އޮތްކަމަށް ޝައްކުކުރެވޭ ފަދަ ޙާލަތްތައް މެދުވެރިވުމާއި، ކޯޓުތަކުގައި މައްސަލަތައް ލަސްވެ، ދައުލަތުން ކޯޓަށް ހުށައަޅާ ލިޔުންތަކުގައި ހިމަނަންޖެހޭ ތަކެތި މަދުވުމާއި، ކޯޓުތަކުގައި މައްސަލަ ބަލާ ފަނޑިޔާރުން ބަދަލުވުމާއި ފަނޑިޔާރުންނަށް ކުރެވޭ އިތުބާރު ގެއްލިފައިވުމާއި އަދި މައްސަލަތައް ތަޙްޤީޤުކުރުމަށް އުފައްދާފައިވާ ޚާއްސަ ކޮމިޝަނަށް ބާރުދޭ ޤާނޫނު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅާފައިވުން ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރެއް ފެށިގެން ދާއިރު އާއިލާގެ މެންބަރެއް ގެއްލުވައިލުމާއި މަރާލުމުގެ މައްސަލައިގައި އިންސާފަށް އެދިގެންތިބި އެތައް އާއިލާތަކެއް ތިބިކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަނދުމަކޮށް އަރުވައި، މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނަށް ޤާނޫނީ ބާރު ދިނުމާބެހޭ ބިލް، ލަސްނުކޮށް ފާސްކޮށްދެއްވުމަށް ދެ އާއިލާއިން ވަނީ ގޮވާލާފައެވެ.

އިންތިޚާބުގައި ވަޢުދުވެފައިވާފަދައިން، އާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ މިހާރުގެ ސަރުކާރުން އިސްކުރަންވާނޭ ކަމެއް ކަމުގައި ދެކޭ ކަމަށާއި އެގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފަސްނުޖެހި ކުރިއަށް ގެންދިއުމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.

އަދި ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކޯޓުތަކާއި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ފަސްނުޖެހި ކުރިއަށް ގެންދިއުމަށް ވެސް ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް