ކ. މާލެ
|
25 މެއި 2019 | ހޮނިހިރު 08:15
ހަމަލާދިން މިސްކިތުގެ ތެރޭގައި ބަޔަކު ހަރަކާތްތެރިވަނީ
ހަމަލާދިން މިސްކިތުގެ ތެރޭގައި ބަޔަކު ހަރަކާތްތެރިވަނީ
ރޮއިޓަރސް
ބަލޮޗިސްތާނުގައި ބޮން ގޮއްވުން
ޕާކިސްތާނުގެ މިސްކިތަކަށް ހުކުރު ވަގުތު ހަމަލާދީ ތިން މީހަކު މަރާލައިފި
ހަމަލާދިނީ ހުކުރު ނަމާދު ފެށުމުގެ ކުރިން
ޒަހަމްވީ މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ވަރަށް ސީރިއަސް

ޕާކިސްތާނުގެ ކުއެއްތާގެ މިސްކިތަކަށް ހުކުރު ނަމާދު ވަގުތު ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހަކު މަރުވެ، 28 މީހަކު ޒަހަމްވެއްޖެއެވެ.

ބޮން ގޮއްވާލި ހުކުރު ނަމާދު ކުރަން ފެށުމުގެ ކުރިން ކަމަށް، ކުއެއްތާގެ ފުލުހުންގެ ވެރިޔާ އަބްދުލް ރައްޒާގް ކީމާ އަލްޖަޒީރާއަށް ފޯނުގެ ޒަރިއްޔާ އިން މައުލޫމާތު ދީފައިވެއެވެ. ޒަހަމްވީ މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭނާ ބުނެފައި ވެއެވެ. އަލްޖަޒީރާއަށް މައުލޫމާތު ދިން އެހެން ފުލުހަކު ބުނީ ބޮން ގޮއްވާލީ އިމާމް ހުންނަ ތަނުގައި ކަމަށެވެ. މަރުވީ މީހުންގެ ތެރޭގައި އިމާމް ހިމެނެއެވެ.

މިސްކިތް ހުރި ސަރަހައްދު ބަންދުކުރުމަށް ފަހު، ބޮމްބް ޑިސްޕޯސަލް ޔުނިޓުން ތަހުގީގުތައް ފަށާފައިވާ ކަމަށް ކީމާ ބުނެފައި ވެއެވެ. މިސްކިތަށް ދިން ހަމަލާއަށް ފަހު ނަގާފައިވާ ވީޑިއޯއަކުން، އެ ތަނުގެ ސީލިންގ ޓައިލްސްތައް ބިން މައްޗަށް ވެއްޓިފައިވާ ތަން ފެނެއެވެ. މިހާތަނަށް މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.

ހަމަލާދިން ކުއެއްތާއަކީ ހަމަނުޖެހުން ބޮޑު ބަލޮޗިސްތާން ޕްރޮވިންސުގެ ވެރިރަށެވެ. ބަލޮޗިސްތާނަކީ މައުދަނުގެ މުއްސަންދި ކަމާއި، ތެޔޮ ފެނިފައިވާ ސަރަހައްދެކެވެ. ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދީފައިވާއިރު، އެ ހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ ބަލޮޗިސްތާނަކީ ވަކި ދައުލަތެއްގެ ގޮތުގައި އޮތުމަށް ހަނގުރާމަކުރާ ހަނގުރާމަވެރިންނާއި، ޕާކިސްތާނީ ތާލިބާނުގެ މެމްބަރުންނާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ދައޭޝް (އިސްލާމިކް ސްޓޭޓް) ގެ ހަނގުރާމަވެރިންނެވެ. މިދިޔަ ހަފުތާގައި ވެސް މިސްކިތެއް ކައިރީގައި ފޯރިމަރަން ތިބި ފުލުހުންތަކަކަށް މަގްރިބް ނަމާދު ވަގުތު ދިން ހަމަލާއެއްގައި ހަތަރު ފުލުހަކު މަރުވެފައި ވެއެވެ.

- ކޮމެންޓް