Advertisement
ކ. މާލެ
|
24 މެއި 2019 | ހުކުރު 09:27
ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެކު
ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެކު
ރައީސް އޮފީސް
އިންޑިއާގެ އާންމު އިންތިހާބު
މޯދީ ހޯއްދެވި ކާމިޔާބީއަށް ރައީސް ސޯލިހު މަރުހަބާ ދަންނަވައިފި
އިންތިހާބު ކާމިޔާބުކުރުމުން ދައްކުވައިދެނީ ސަރުކާރާއި މެދު ރައްޔިތުން އިތުބާރުކަމަށް ވިދާޅުވި
މިހާތަނަށް އާންމުކުރި ނަތީޖާ ދައްކާގޮތުން، ލޮކް ސަބާގެ 542 ގޮނޑީގެ ތެރެއިން 292 ގޮނޑި ބީޖޭޕީ ކޯލިޝަނުން ކާމިޔާބުކޮށްފައިވޭ
ކާމިޔާބީގެ އުފާ އިންޑިއާގައި ދަނީ ފާޅުކުރަމުން

އިންޑިއާގެ އާންމު އިންތިހާބުގައި، މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ކޯލިޝަނުން ހޯއްދެވި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

Advertisement

ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، މޯދީ ހޯއްދެވި ކާމިޔާބީއިން ދައްކުވައިދެނީ މޯދީގެ ސަރުކާރަށާއި ބީޖޭޕީއަށް އޮތް ތާއީދު ކަމަށެވެ. ރައީސް ވިދާޅުވީ މުސްތަގުބަލުގައި ރާއްްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހުގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މޯދީ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ބަޔަކު ލާފަކުރި ގޮތަށް، ބޮޑު އަގުލަބިއްޔަތަކުން މޯދީ އާންމު އިންތިހާބު ކާމިޔާބުކުރައްވައިފި ކަން އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ކަމަށެވެ. ކުރިޔަށް އޮތް ތަނުގައި ވެސް އިންޑިއާގެ ސަރުކާރާ ގުޅިގެން ރާއްޖެއިން ކުރާ މަސައްކަތްތައް ކުރިޔަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ނިމި، ވޯޓު ގުނަން ފަށާފައިވާއިރު، މިހާތަނަށް ވަގުތީ ނަތީޖާ އިއުލާން ކުރި 542 ގޮނޑީގެ ތެރެއިން، 292 ގޮނޑި ބީޖޭޕީން ވަނީ ކާމިޔާބުކޮށްފައެވެ. އިދިކޮޅު މައި ޕާޓީ ކަމުގައިވާ ނެޝަނަލް ކޮންގްރެސް ޕާޓީއަށް ލިބިފައިވަނީ އެންމެ 51 ގޮނޑިއެވެ. ސަރުކާރު އެކުލަވާލުމުގެ ބާރު ލިބެނީ 272 ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށް ނުވަތް ކޯލިޝަނަކަށެވެ.

ރައީސް ޔާމިންގެ ސަރުކާރުން ގެންގުޅުނު ހާރިޖީ ސިޔާސަތުގެ ސަބަބުން އިންޑިއާއާއި ރާއްޖޭގެ ގުޅުން ހީނަރުވެފައި ވަނިކޮށް، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ވަނީ އެ ގުޅުން އަލުން ބަދަހިކުރައްވާފައެވެ. އެގޮތުން ރައީސް ސޯލިހުގެ ސަރުކާރުން ގެންގުޅޭނީ "އިންޑިއާ ފުރަތަމަ" ހާރިޖީ ސިޔާސަތެއް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް