ސަރުކާރުގެ ކުންފުނިތަކަކީ ރައްޔިތުންގެ މަސްލަހަތު އޮންނަ ކުންފުނިތަކެވެ. ސަރުކާރުން ކުންފުނިތައް ހިންގަން ލާފައި ތިބޭ މީހުންނަކީ ހަމަ ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައި ތިބޭ، ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްފަދައިން ރައްޔިތުންގެ ޚާދިމުންނެވެ. ނިމިދިޔަ ސަރުކާރުގައި ރައްޔިތުން އެންމެ ބޮޑަށް ފާޑުކިޔައި، އިސްލާހުކުރަން ގޮވާލީ ސަރުކާރުގެ ކުންފުނިތަކާއި އެކުންފުނިތަކުގެ އިސްވެރިންނެވެ. ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގުމުގެ ތުހުމަތު އެކުންފުނިތަކަށް ކުރެވުނުއިރު، ވެރިކަން ބަދަލުވުމުގެ ކުރިންނާއި އޭގެ ފަހުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ސަރުކާރުގެ ކުންފުނިތަކުން ބޭކާރު ބޮޑެތި ޚަރަދުތައްކޮށް، ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ވަނީ ހިންގާފައެވެ.
ސަރުކާރުގެ ދަތުރުފަތުރު ކުންފުނި އެމްޓީސީސީ އަށް މަހާޖައްރާފެކޭ ކިޔާފައި ގެނައި ޑްރެޖަރު ވެސް ވެފައިވަނީ އެ ކުންފުނީގެ ބޮޑު ބޮލުރިހުމަކަށެވެ. މޮޅު ކަމެއްކުރާ ނަމޭ ހިތާ ކުންފުނި ދަރަނިވެރިކޮށްގެން ގެނައި އުޅަނދަކީ އޭގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭ އެއްޗެއް ނޫނެވެ.
ކުނި މެނޭޖްކުރުމަށް އުފެއްދި ވެމްކޯ ފަށައި ނުގަންނަނީސް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައި ކުންފުނިން އެތައް މިލިއަން ރުފިޔާއެއް ބޭރުކުރި މައްސަލައިގެ ޚާއްސަ އޮޑިޓެއް ހަދަމުންދާއިރު، އެކުންފުނީގެ ހަޤީޤީ މަޤްސަދާ މެދު މިހާރު ސުވާލު އުފެދެއެވެ. ގުޅީފަޅު އިންވެސްޓްމަންޓް ލިމިޑެޓާއި ތިލަފުށި ހިންގާ ކުންފުނިން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާއި، އެސްޓީއޯ، އެޗްޑީސީ، ފެނަކަ، ސްޓެލްކޯ، މިހެން ގޮސް ނަން ހުސްކޮށް ސަރުކާރުގެ އެކި ކުންފުނިތަކުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި، ބޭކާރު ޚަރަދުތައް މަޑުމަޑުން މިދަނީ ހާމަވަމުންނެވެ.
އޭރުވެސް ގިނަ ދިވެހިން ދައްކަމުން ދިޔައީ ކުންފުނިތައް ހިންގަން ސިޔާސީ ފަރާތްތައް އައްޔަން ކުރުމުން އެ ފަރާތްތަކުގެ ނާޤާބިލްކަން ކުންފުނިތައް ނުހިންގޭ ވާހަކަޔާއި އެ ފަރާތްތަކުން ކުންފުނިތަކުގައި ތިބެގެން ކޮރަޕްޝަން ހިންގާ ވާހަކައެވެ. ފެނަކަ ހިންގަން ރައީސް ޔާމީންގެ ސަރުކާރުން ލީ ފަރާތެއްގެ ކޮރަޕްޝަންގެ ތުހުމަތު އިންތިހާއަށް ގޮސް، އެންމެ ފަހުން ރައީސް ޔާމީނަށް ވެސް ނުކަތައިގެން އޭނާ އެހެން ކުންފުންޏަކަށް ބަދަލުކުރިއެވެ. އެމްއާރްޑީސީ ބަނގުރޫޓުވާ ހިސާބަށް ދިޔުމުން އެހެން ގޮތެއް ނެތިގެން އެކުންފުނި ޖެހުނީ އުވާލާށެވެ. މިލިސްޓް ވެސް ވަރަށް ދިގެވެ.
އެހެން ނަމަވެސް މިއަދު އުފެދޭ ސުވާލަކީ މިހާރު ކަންކަން އިސްލާހު ވެފައިވަނީ ކިހާ ވަރަކަށްތޯއެވެ؟
ބައެއް ކުންފުނިތައް ހިންގަން ލާފައި ތިއްބެވި ބޭފުޅުންގެ ފަރާތުން ހިންގުންތެރިކަން ފެނެއެވެ. ހުސެން އަމްރުގެ ބެލުމުގެ ދަށުން އެސްޓީއޯ ހިނގާ ގޮތާއި ދޭތެރޭ އާއްމުންކުރާ ޝަކުވާ މަދެވެ. އާދަމް އާޒިމް ފެން ކުންފުނި ހިންގަވާ ގޮތާ ދޭތެރޭ އަދި މާބޮޑު ޝަކުވާ ނެތެވެ. އެހެން އެވަނީ އެބޭފުޅުން ކުންފުނި ހިންގެވުން ރަނގަޅުވުމުން ކަމަށް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް ބައެއް ކުންފުނިތަކަށް ލާފައި ތިއްބެވި ބޭފުޅުންގެ ފަރާތުން ފެންނަނީ ނިމިދިޔަ ސަރުކާރުގައި އެކަން ކަމަށް ރައްޔިތުން ފާޑުކީ ކަންކަން އަދިވެސް އެ ގޮތުގައި ދެމަހައްޓާތަނެވެ. ބޭކާރު ޚަރަދުތައް ގިނަ ކުންފުނިތައް އެހާމެ ގިނައެވެ.
މިސާލަކަށް މިހިނގާ ރޯދަ މަހު ބައެއް ކުންފުނިތަކުން ފޮނުވި ރޯދަ ހަދިޔާތަކަށް ބަލާލަމާތޯއެވެ؟ ސަރުކާރުން ހިންގާ ކުންފުނިތަކުގެ ތެރެއިން ގިނަ ކަސްޓަމަރުންނާ ގުޅިގެން، މާކެޓިންގ ބޮޑު ބަޖެޓެއް އޮވެގެން ޚަރަދުތައް ކުރި ކުންފުނިތައް މީގައި ނުހިމަނަމެވެ. އެހެންނަމަވެސް އެހެން ބައެއް ކުންފުނިތަކުން ކުންފުނީގެ މަސައްކަތްތަކާ ވެސް ގުޅުމެއް ނެތް އަގު ބޮޑު ތަކެއްޗާ އެކު ސަރުކާރުގެ އިސްވެރިންނަށް ފޮނުވާ ރޯދަ ހަދިޔާ އެއީ ދައުލަތުގެ ފައިސާއިން އިސްރާފުކުރުން ނޫން ދެން ކޮން ކަމެއްތޯއެވެ؟ މިސާލަކަށް ގްރޭޓަރ މާލޭ އިންޑިސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރުގެ ފަރާތުން ކުންފުނީގެ ވެރިންނާއި މުވައްޒަފުންގެ ނަމުގައި ސަރުކާރުގެ އިސްވެރިންނަށް ފޮނުވި ރޯދަ ހަދިޔާއަށް ބަލާލަމާތޯއެވެ؟ އަގު ބޮޑު އަތަރު ފުޅިތަކާއި، މުސައްލަ އާއި އެ ނޫން ވެސް ތަކެތި ހިމެނޭ ގޮތަށް ފޮނުވި ހަދިޔާ ފޮށި ފެނުމުން، އެއީ އަރަބި ޤައުމެއްގެ ޝާހީ އާއިލާއިން ފޮނުވާފައި ހުރި އެއްޗެކޭ ވެސް ހީވެދާނެއެވެ. ގައިމު އެކުންފުންޏަކީ އަތަރާއި މުސައްލަ އުފައްދާ ކުންފުންޏެއް ނޫނެވެ. އެހެން ނަމަވެސް ކުންފުނީގެ ވެރިޔާގެ ނަން ސަރުކާރުގެ އިސްވެރިންގެ ކުރިމަތީގައި އުފުލުމަށްޓަކައި ކުރާ މިފަދަ ކަންކަމީ މިދިޔަ ސަރުކާރުގައި ކޮށް އުޅުނު ޒާތުގެ ކަންކަމެވެ.
ކޮރަޕްޝަން ހުއްޓުވައި ބޭކާރު ހަރަދުތައް ކުޑަކުރުމުގެ ނަމުގައި އައި ސަރުކާރަކާ މި ބާވަތުގެ ކަންކަމާ ނުވެސް ގުޅެއެވެ. މިއީ ހުއްޓާލަން ޖެހޭ ކަންކަމެވެ. މިއީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރުމެވެ. ރައްޔިތުން އައު ސަރުކާރެއް ގެނައީ އެފަދަ ކަންކަން ހުއްޓުވުމަށެވެ. ރޯދަ ހަދިޔާ އާއި އީދު ހަދިޔާ ބަހާ ނަމަ އެ ކުންފުންޏަކާ ގުޅުން ހުރި އެއްޗެއް ފޮނުވައި ނޫނީ އެ ކުންފުންޏެއް ޕްރޮމޯޓްވާނެ ގޮތަކަށް ވީހާ ވެސް ހަރަދު ކުޑަވާނެ ގޮތަކަށް އެކަން ކުރުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް ފާއިތުވި ސަރުކާރުން ކުންފުނިތައް ދަރުވާލާފައިވާއިރު އެ ދަރަންޏަށް ބޮޅެއް އިތުރުވާ ގޮތަށް ކުންފުނިތަކުން މި ބާވަތުގެ ކަންކަންކުރާ ނަމަ ރައްޔިތުންގެ ލޮލުގައި އަޅައިގަންނާނެއެވެ.