ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 09:40
މީރާ
މީރާ
މުހައްމަދު ޝަރުހާން
ބަޖެޓާ ގުޅޭ ބައެއް އުސޫލު
ބަޖެޓާ ގުޅޭ ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފި
ބަނޑޭރި ޕޯޓަލްއިން ރިކުއެސްޓްތައް ބަލައިގަތުން ހުއްޓާލާފައިވާ ކަމަށް މިނިސްޓްރީން ބުނޭ
ފިނޭންސް މިނިސްޓްރީއަށް ފޮނުވާ ރިކުއެސްޓްތައް ހުށަހަޅާނީ ބީޕީސީ ސިސްޓަމް މެދުވެރިކޮށް
ބަޖެޓް ކޯޑްތަކުގެ ބާކީ ބަލަހައްޓާއިރު އަމަލުކުރާ އުސޫލަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައި

ބީޕީސީ ސިސްޓަމް ބޭނުންކުރަން ފެށުމާ އެކު ދައުލަތުގެ ބަޖެޓާ ގުޅޭ ކަންކަމުގައި އަމަލުކުރަމުންދާ ބައެއް އުސޫލުތަކަށް ފިނޭންސް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓު ތައްޔާރުކޮށް ބަޖެޓު މެނޭޖްކުރުން ހަރުދަނާ ކުރުމުގެ ގޮތުން ބިޒްނަސް ޕްލޭނިންގ އެންޑް ކޮންސޮލިޑޭޝަން، ބީޕީސީ ސޮފްޓްވެއަރއާއި ދައުލަތުގެ ހިސާބު ބަލަހައްޓަން ބޭނުންކުރާ އެކައުންޓިންގ ސޮފްޓްވެއަރ އެސްއޭޕީ އިންޓަރގްރޭޓްކޮށް ބީޕީސީ ސިސްޓަމް ލައިވް ކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ވަނީ ބީޕީސީ ސިސްޓަމް ބޭނުންކުރަން ފެށުމާ އެކު ދައުލަތުގެ އޮފީސްތަކުން ބަޖެޓް އެކުލަވާލައި، ބަޖެޓަށް ބަދަލު ގެނައުމާއި، އަހަރުގެ ކޭޝްފްލޯ އަންދާޒާ ކުރުމުގައި އަމަލު ކުރާނެ އުސޫލުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބީޕީސީ ސިސްޓަމް ލައިވްވުމާ އެކު އަހަރު ތެރޭގައި ދައުލަތުގެ އޮފީސްތަކުން ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތަކާއި، ކޭޝްފްލޯ އަންދާޒާއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާ ރިކުއެސްޓްތައް ހުށަހަޅާނީ ބީޕީސީ ސިސްޓަމް މެދުވެރިކޮށެވެ. އަދި ބީޕީސީ ސިސްޓަމް ލައިވްވުމާ ގުޅިގެން ބަނޑޭރި ޕޯޓަލްއިން ރިކުއެސްޓްތައް ބަލައިގަތުން ހުއްޓާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ދައުލަތުގެ އޮފީސްތަކުގެ ބަޖެޓް ކޯޑްތަކުގެ ބާކީ ބަލަހައްޓާއިރު އަމަލުކުރާ އުސޫލަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި މިސިސްޓަމް ބޭނުން ކުރަން ފެށުމުން، ކޭޝްފްލޯ އަންދާޒާ ބަދަލުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވަން ނުޖެހޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބީޕީސީ ސިސްޓަމް ލައިވް ނުކުރެވޭ އިދާރާތަކުން ބީޕީސީ މެދުވެރިކޮށް ކުރަންޖެހޭ ބަޖެޓާއި ގުޅޭ ކަންކަން ބަލަހައްޓާނީ އެ އިދާރާގެ ކަންކަން ބަލަހައްޓާ މަސްއޫލުވެ ޒިންމާވާ އޮފީހަކުން ކަމަށެވެ. އަދި ސިސްޓަމަށް ނުވަދެވޭ ކައުންސިލްތަކުން ބަޖެޓް ކަންކަމާއި ގުޅިގެން ފޮނުވާ ރިކުއެސްޓްތައް ސިސްޓަމަށް އެންޓަރ ކުރުމަށް ފޮނުވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ކަމަށް ވެސް ފިނޭންސް މިނިސްޓްރީންގެ އެ ސަރކިއުލާގައިވެއެވެ.

- ކޮމެންޓް