Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 17:12
ސްޕޯރޓްސް ކޮމިޝަނަރ މަޤާމަށް އައްޔަނު ކުރެއްވި ހީނާ ސަލީމް
ސްޕޯރޓްސް ކޮމިޝަނަރ މަޤާމަށް އައްޔަނު ކުރެއްވި ހީނާ ސަލީމް
ފޭސްބުކް
ކޮމިޝަނަރ އޮފް ސްޕޯރޓްސް
ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ މަޤާމަށް ހީނާ ސަލީމް ހަމަޖައްސަވައިފި
ކުޅިވަރު ހިންގުމާއި ތަމްރީންކުރުމުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރި
އެކި ފެންވަރުގެ ތަމްރީންތައް ވެސް ހާސިލުކޮށްފައިވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ހެންވޭރު ހީނާގަސްދޮށުގެ އަޙްމަދު ސަލީމް (ހީނާ ސަލީމް) އައްޔަނު ކުރައްވައިފިއެވެ.

މިނިސްޓަރުގެ ނައިބު ފެންވަރުގައި ހީނާ ސަލީމް މި މަޤާމަށް އައްޔަނު ކުރައްވައިފައި ވަނީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިންނެވެ.

ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އަޙްމަދު ސަލީމަކީ 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީންކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ހާޞިލްކުރައްވާފައިވާ ފަރާތެކެވެ. އަދި އޭނާ ވަނީ ވަނީ ކުޅިވަރުގެ ރޮނގުން އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް 1994 ވަނަ އަހަރު ހާސިލުކުރުމުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން އެކި ފެންވަރުގެ ތަމްރީންތައް ވެސް ހާސިލުކުރައްވާފައެވެ.

1979 ވަނަ އަހަރު އެކުލަވާލި ރާއްޖޭގެ ފުރަތަމަ ގައުމީ ފުޓްބޯޅަ ޓީމުގައިވެސް ހީނާ ހިމެނޭއިރު، ބައިނަލްއަގްވާމީ މައިދާނުގައި އެކި ކުޅިވަރުތަކުގައި ވެސް ހީނާ ވަނީ ރާއްޖެ ތަމްސީލު ކުރައްވާފައެވެ. އޭގެ އިތުރުން "އާލީ ޓަޗް ފުޓްބޯލް އެކަޑަމީ" ނަމުގައި އެކަޑަމީއެއް އުފައްދައި ކުޑަކުދިން ތަމްރީންކުރުމުގެ މަސައްކަތް މީގެ 15 އަހަރު ކުރިން ފަށައި އެ މަސައްކަތުގައިވެސް އޭނާ ފާހަގަކޮށްލެވެއެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް ބޮޑުހީނާ ބުދަ ދުވަހުގެ އައްޔަންކުރިއިރު، އެ މަގާމު އެންމެ ފަހުން ފުރުއްވަމުން ގެންދެވީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އުމަރު އެވެ. ނަމަވެސް މިދިޔަ މާޗު މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

Advertisement

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމު އެންމެ ފުރަތަމަ އަދާކުރެއްވީ ޓީސީގެ ކުރީގެ ރައީސް އަހުމަދު ނަޝީދު (ޑޭވް) އެވެ. ނަމަވެސް އޭނާ ވަނީ ދައުރު ހަމަނުވަނީސް މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް ހަތަރު އަހަރުގެ މުއްދަތަކަށް އައްޔަންކުރާއިރު އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ބޮޑެތި ބާރުތަކެއް ލިބެއެވެ.

އެގޮތުން، ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރުދުންނާއި ކްލަބް ޖަމިއްޔާތަކާއި، އެ ތަންތަނުގެ މެންބަރުންގެ ދަފްތަރު އޭގެ އެންމެ ފަހުގެ މައުލުމާތާ އެކު ބެލެހެއްޓުމާއި ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އެ ފަރާތްތަކުގެ އަސާސީއަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް އަމަލުކުރޭތޯ ފަރާވެރިވެ ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަރަށް ލިބިފައިވެއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނު ތަސްދީގުކުރައްވާފައި ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް