Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 08:58
ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
ޕޮލިސް
ފަރިތަކުރުންތައް
ފަރިތަކުރުންތަކަކީ އެއްވެސް ދިމާލަކުން ދިން އިންޒާރަކާއި ގުޅިގެން ކުރާކަމެއް ނޫން: ފުލުހުން
މިއީ ސިލްސިލާކޮށް ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ކަމަށް ފުލުހުން ބުނޭ

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ އެއްވެސް ދިމާލަކުން ދިން އިންޒާރަކާއި ގުޅިގެން ކުރާކަމެއް ނޫން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

އެ އިދާރާ އިން އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިހާރު ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ވަކި ހާއްސަ ކަމަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫން ކަމަށެވެ. އެހެންނަމަވެސް ސްރީލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސިފައިން އަދި ފުލުހުން ގުޅިގެން ސިލްސިލާ ފަރިތަކުރުންތައް ފަށާފައިވާ ކަމަށާއި އެ ފަރިތަކުރުންތަކުގެ މަޤްސަދަކީ ކުއްލި ހާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތާއި އަދި މަލްޓި އޭޖެންސީ ކޯރޑިނޭޝަން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ފަރިތަކުރުންތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 2019 – 2024 އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި އިސްކަންދީފައިވާ އޮޕަރޭޝަނަލް ރެޑިނަސްގެ ދަށުގައިވާ ކަމެއް ކަމަށެވެ.

Advertisement

އިތުބާރު ނުހިފޭ މަސްދަރުތަކުން ލިބޭ މައުލޫމާތާއި ކަށަވަރުނުވާ، ތެދު ނޫން މައުލޫމާތު މީސްމީޑިއާގައި ނުފެރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާ ނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅޭ ނަންބަރު 119 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ފުލުހުން ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް