ކ. މާލެ
|
20 މެއި 2019 | ހޯމަ 21:25
ރާއްޖެ އިޝްތިހާރު ކުރުމަށް މީގެ ކުރިން ބޭނުން ކުރި ކޮތަޅުތައް
ރާއްޖެ އިޝްތިހާރު ކުރުމަށް މީގެ ކުރިން ބޭނުން ކުރި ކޮތަޅުތައް
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
ރާއްޖެ އިޝްތިހާރު ކުރާ ކޮތަޅު ޑިޒައިން ކުރާނެ ފަރާތެއް ހޯދަނީ
މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 25،000ރ ލިބިގެންދާނެ

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާ ކޮތަޅު ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް ޑިޒައިން ކުރާ ކޮތަޅުގެ ކުރެހުން ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 11 ވަނަ ދުވަހާ ހަމައަށެވެ. އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އަދި ދިވެހި ކުންފުންޏަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 25،000ރ ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

އެމްއެމްޕީއާރްސީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ކޮތަޅަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ބާއްވާ ފެއަރ އަދި ރޯޑްޝޯތަކުގައި ވަރަށް މަޤުބޫލު އެއް ހަދިޔާ ކަމަށެވެ. އަދި ކޮތަޅު އިޝްތިހާރު ކުރުމަށް ހުށަހަޅާ ފަރާތްތަކުން "ވިޒިޓް މޯލްޑިވްސް" މި ލަފްޒު ބޭނުންކޮށް، ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާ "ދަ ސަނީ ސައިޑް އޮފް ލައިފް" ރަމްޒުކޮށްދޭ މަންޒަރުތައް ހުރުން މުހިންމު ކަމަށެވެ.

މީގެ އިތުރުން މުބާރާތުން އެއްވަނަ އަށް ހޮވޭ މަންޒަރު ތީމްއެއްގެ ގޮތުގައި ބަލައިގަނެ، އެހެނިހެން މަރޗަންޑައިސްގައި ވެސް އެއާ ގުޅޭ މަންޒަރުތައް ޕްރިންޓްކޮށް އިޝްތިހާރު ކުރާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ މި ކޮތަޅު ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ ތިބި ފަންނުވެރިންގެ އަގު ވަޒަންކޮށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ މަޤްސަދުގައި ކަމަށެވެ.

މިއީ މުބާރާތެއްގެ ގޮތުގައި ކޮތަޅު ފަރުމާކުރުމަށް ހުޅުވާލާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް