ބާޒާރުގައި ރޯ ކަދުރު ކިލޯއެއްގެ އަގު 400ރ އަށް އުފުލިއްޖެއެވެ.
މާރުކޭޓުގައި ރޯ ކަދުރު ކިލޯގެ އަގު އުފުލިފައިވާއިރު ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ވެސް ރޯ ކަދުރު ލިބެން ހުރީ ވަރަށް މަދުންނެވެ. އެއްބައި ގޮޅިތަކުން ރޯ ކަދުރު ކިލޯއެއް 350ރ އަށް ވެސް ވިއްކަން ހުއްޓެވެ.
ވިޔަފާރިވެރިން ބުނެފައިވަނީ ރޯ ކަދުރުގެ އަގު ބޮޑުވެފައިވަނީ ލިބުމަށް ދަތިވުމުން ކަމަށާއި ކުރިއަށް އޮތް ތާނގައި ވެސް ކަދުރުގެ އަގު ހެޔޮވެގެން ނުދާނެ ކަމަށެވެ. މީގެ ކުރިން ރޯ ކަދުރު ކިލޯއެއް ވިއްކަން ހުރީ 150ރ އަށް ކިލޯއެކެވެ.
މާރުކޭޓުގައި ބަނބުކެޔޮ 50ރ އަށް ކޭލެއް ލިބެން ހުރިއިރު ބަޓާނާ ކިލޯއެއް ލިބެން ހުރީ 35ރ އަށް ކިލޯއެކެވެ. އަދި ކަރާ ކިލޯއެއް 25ރ ލިބެން ހުރިއިރު ކޮޕީ ފަތް ބޮޑިއެއް ލިބެން ހުރީ 10ރ އަށެވެ. މީގެ އިތުރުން ތައިލެންޑް އަނބު ކިލޯއެއް 150ރ އަށް ލިބެންހުރިއިރު އަންނާރު ހުރީ 65ރ އަށް ކިލޯއެކެވެ.
މާރުކޭޓުގައި ކިވީ 100ރ އަށް ކިލޯ ލިބެންހުރިއިރު ލުނބޯ ކިލޯއެއް ހުރީ 35ރ އަށެވެ. އަދި ރޯ ޓޮމާޓޯ 50ރ އަށް ކިލޯއެއް ލިބެންހުރިއިރު ކިއުކަންބާ ކިލޯއެއް ލިބެންހުރީ 35ރ އަށެވެ.
ރޯދަ މަސް ފެށުނުއިރު ކަރާ އާއި މިރުހުގެ އަގު އުފުލުނު ނަމަވެސް މިހާރު އެތަކެތީގެ އަގު ވަނީ ހެޔޮވެފައެވެ. މިދިޔަ އަހަރުގެ ރޯދަމަހާއި އަޅާބަލާއިރު މި ރޯދަ މަހު މާރުކޭޓުގައި ލިބެން ހުރި ގިނަ ތަކެތީގެ އަގު ވަނީ ހެޔޮވެފައެވެ.