މިހާރު ކުރިޔަށްދާ އިންޑިއާގެ އާއްމު އިންތިޚާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔަ ޖަނަތަ ޕާޓީ(ބީޖޭޕީ) އިންތިޚާބު ކާމިޔާބު ކާމިޔާބު ކުރާނެ ކަމަށް އެގްޒިޓް ޕޯލުން ދައްކައިފިއެވެ.
އެގްޒިޓް ޕޯލަކީ އިންތިޚާބުގައި ވޯޓްލުމަށް ފަހު ނުކުންނަ މީހުންގެ ގާތުން އަހައިގެން ނަގާ ޚިޔާލު ހޯދުމުގެ ވޯޓެކެވެ.
ހަތް މަރުހަލާއަކަށް ބަހާލެވިގެން ކުރިޔަށް ގެންދާ އިންތިޚާބުގައި ވެރިކަން ކުރާ ބީޖޭޕީއާއި އިދިކޮޅު މައި ޕާޓީ، ކޮންގްރެސް ޕާޓީއަށް ވަނީ ސަރަހައްދީ ޕާޓީތަކުގެ ފަރާތުން ބޮޑު ގޮންޖެހުމެއް ކުރިމަތި ކޮށްފައެވެ.
އިންތިޚާބުގެ ނަތީޖާ އިއުލާނުކުރާނީ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. ދިރާސާ ކުރާ ފަރާތްތަކުން ވަނީ މީގެ ކުރިން މާޒީގައި ވެސް އެގްޒިޓް ޕޯލްގެ ނަތީޖާ އެނބުރިގެން ގޮސްފައިވާކަން ފާހަގަ ކޮށްފައެވެ.
އެތައް ބަޔަކު ދެކޭގޮތުގައި މި އިންތިޚާބަކީ 2014 ވަނަ އަހަރު ބޮޑުތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވި މޯދީއާމެދު ނެގިގެންދާ ފެންނަ ނުފެންނަ ވޯޓެކެވެ.
ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށް 272 ގޮނޑި ބޭނުންވާނެއެވެ.
ހަތަރު އެގްޒިޓް ޕޯލްއަކުން ދައްކާގޮތުން ބީޖޭޕީ އިސްވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް(އެންޑީއޭ) ކޯލިޝަނަށް 280 ގޮނޑިއާ 315 ގޮނޑިއާ ދެމެދުގެ އަދަދެއް ލިބޭއިރު މިއީ ކޮންގްރެސް ޕާޓީއަށް ވުރެ މާ ގިނަ އަދަދެކެވެ.
ނަމަވެސް ނީލްސެން-އޭބީޕީ ނިއުސް ޗެނަލްގެ ޕޯލް ދައްކާގޮތުން ބީޖޭޕީ ކޯލިޝަނަށް ލިބިގެންދާނީ 267 ގޮނޑި ކަމަށްވާއިރު މިއީ އަޣުލަބިއްޔަތު ހޯދުމަށް ފަސް ގޮނޑި މަދު އަދަދެކެވެ.
މި ނަތީޖާތައް ދައްކާފައިމިވަނީ 80 މެމްބަރުން އިންތިޚާބުކުރާ އުއްތަރު ޕްރަދޭޝްއިން އެ ޕާޓީއަށް ގިނަ އަދަދެއްގެ ގޮނޑި ގެއްލިގެންދާނެ ކަމަށް ދައްކާފައި ވަނިކޮށެވެ. އެއީ އެންމެ ގިނަ ގޮނޑި ތަމްސީލް ކުރާ ސްޓޭޓެވެ.
އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ބީޖޭޕީން 71 ގޮނޑި އެ ސްޓޭޓުން ހޯދާފައިވާއިރު ނީލްސެން-އޭބީޕީގެ ޕޯލްއިން ދައްކާގޮތުން މިފަހަރު ބީޖޭޕީއަށް 51 ގޮނޑިއަށް ވުރެ ގިނައިން ގެއްލޭނެއެވެ. އެ ޗެނަލްގެ ޕޯލް ދައްކާގޮތުން އެ ސްޓޭޓުގައި ސަރަހައްދީ ޕާޓީތަކުން ގިނަ ގޮނޑިތަކެއް ހޯދާނެއެވެ.
އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ނުވަތަ ލޯކް ސަބާގައި 545 މެންބަރުން ހިމެނޭއިރު، މީގެ ތެރެއިން 543 މެންބަރުންނަކީ އިންތިޚާބުކުރާ މެންބަރުންނެވެ. އަނެއް ދެ މެންބަރުންނަކީ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތުން ޤާނޫނުހަދާ މަޖިލީހުގައި އެންގްލޯ އިންޑިއަނުން ތަމްޞީލުކުރެވޭ މިންވަރު ދަށް ކަމަށް އިންޑިއާގެ ރައީސްއަށް ފެނިވަޑައިގެންފިނަމަ އެމަނިކުފާނު އައްޔަނު ކުރައްވާ ދެ މެންބަރުންނެވެ.
އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ފެށި އިންތިޚާބު ހަތް ފިޔަވަށްސަކަށް ބަހާލައިގެން ކުރިޔަށް ގެންގޮސްފައިވާއިރު އެންމެ ފަހު ފިޔަވަހި ކުރިޔަށް ގެންގޮސްފައި ވަނީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.