Advertisement
ކ. މާލެ
|
19 މެއި 2019 | އާދީއްތަ 23:45
ފަލަސުރުހީ ޕްރޮގްރާމްގައި އަފީފު ވާހަކަ ދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި އަފީފު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަލަސުރުޚީ
މަޖިލީހުގެ ރައީސްގެ ބަހުސްގައި ނަޝީދާއީ ރައީސްގެ ނަންފުޅު ގެންގެވުން ރަނގަޅެއް ނޫން: އަފީފު
ނަޝީދާއި ރައީސް އަމަލު ކުރައްވާނީ ޕާޓީގެ ނިންމުމަށް: އަފީފު
ބަޔަކު ފްރިކްޝަން އުފައްދަން އުޅޭ ކަމަށް ވިދާޅުވި
މަޖިލިސް ހާމަކޮށް ކުރިއަށް ގެންދަން އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި

މަޖިލިސް ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވާ ބޭފުޅަކީ ކޮބައިތޯ ބަލައި، އެ ދެ ބޭފުޅުންގެ ނަން އެ ބަހުސްގައި ގެންނެވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވާ ވިލިފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަފީފު ވިދާޅުވީ މަޖިލީސް ރައީސްކަމުގެ މަޤާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގެންނަވަން ތާއިދުކުރައްވާ ކަމަށް ނަޝީދު މީގެ ކުރިން ވިދާޅުވި ނަމަވެސް، އެމަނިކުފާނު ތާއީދު ކުރައްވާނީ ޕާޓީގެ ޤަވާއިދުގެ ތެރެއިން މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އަންނަ ފަރާތަކަށް ކަމަށެވެ.

"ރައީސް ނަޝީދު ވެސް އަދި ރައީސް ސޯލިހް ވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެ ބޭފުޅުން ޤަބޫލު ކުރައްވާނީ، ޕާޓީގެ ޤަވާއިދުގެ ތެރެއިން އަންނަ ބޭފުޅަކަށް، ޕާޓީގައި އެބަ އޮތް މަޖިލިސް ރައީސްކަމުގެ މަޤާމަށް ނޮމިނޭޓް ކުރަންވާ ޕްރޮސީޖަރއެއް. އެ ޕްރޮސީޖަރ ތެރެއިން ވަޑައިގަންނަވާ ބޭފުޅަކަށް އެ ދެ ބޭފުޅުން ވެސް ތާއީދު ކުރައްވާނީ. ރައީސް ސޯލިހް އަދި ރައީސް ނަޝީދުގެ ނަން މިކަމުގެ ތެރެއަށް ގެނައުން އެހާ ރަނގަޅެއް ނޫން،" އަފީފް ވިދާޅުވިއެވެ.

ނަވާރަ ވަނަ މަޖިލީހުގެ ރައީސްކަމުގެ މަޤާމު ލިބިވަޑައިގެންފިނަމަ މަޖިލީހަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި މެމްބަރުންގެ ހިޔާލުތައް ހޯއްދަވާނެ ކަމަށާއި މަޖިލީސް ރައީސް ކަމަށް ގެންނަ ބޭފުޅެއް ހޮވުމަށް ބާއްވާ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާނެ ގޮތް ނިންމަން ޖެހޭނީ ޕާލިމަންޓްރީ ގްރޫޕުން ކަމަށް އަފީފު ވިދާޅުވިއެވެ. އަދި ސިޔާސީ ވާދަވެރިކަން އޮންނާނެ ކަމަށާއި އެކަމަކީ ބޭރަށް ގެންދަން ޖެހޭ ކަމެއް ނޫން ކަމަށް އަފީފް ވިދާޅުވިއެވެ. ޕާލިމެންޓަރީ ގްރޫޕުން ކޮންމެ ގޮތަކަށް ނިންމިޔަސް، އެ ގޮތް ގަބޫލުފުޅު ކުރައްވާނެ ކަމަށް އަފީފު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ނަން ހުށަހެޅުމުގައި ޕާލެމެންޓްރީ ގްރޫޕުގައި ވޯޓު ނަގާނެ ގޮތާމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅޭ ގޮތުން، އަފީފު ވިދާޅުވީ އެ ނިންމުން ޕާލިމެންޓްރީ ގްރޫޕުން ނިންމަން ޖެހޭނީ ގިނަ މެމްބަރުން ބޭނުންވާ ގޮތަކަށް ކަމަށް އަފީފް ފާހަގަކުރެއްވިއެވެ.

ވަރަށް ގިނަ ބޭފުޅުންނަށް ޕާޓީގެ އެތެރޭގައި ނުތަނަވަސްކަން އޮންނަ ކަމަށް ހީވާ ކަމަށާއި އެ ސިޔާސީ އާދަކާދަ ދަސްކުރަން ޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ. ޕާޓީގެ އެތެރޭގައި މައްސަލަތައް އުފެއްދުމަށް ބަޔަކު މަސައްކަތްކުރާ ކަމަށް އަފީފް ވިދާޅުވިއެވެ.

"މީގެ ތެރޭގައި އެބައުޅޭ އަޅުގަނޑުމެންގެ ތެރޭގައި ފްރިކްޝަން އުފައްދަން މަސައްކަތްކުރާ. ރައީސް ނަޝީދު ވެސް އަދި ރައީސް ސޯލިހް ވެސް މަސައްކަތްޕުޅު ކުރައްވަނީ ޤައުމުގެ ހެވައްޓަކައި، ޕާޓީ ކުރިއެރުވުމަށްޓަކައި، އެއް މަޤްސަދެއްގައި ހަމަ އެ މަސައްކަތް ކުރައްވަނީ" އަފީފް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްކަން ލިބިއްޖެނަމަ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަލައިގެން މަޖިލިސް ހިންގަވާނެ ކަމަށާއި މަޖިލިސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ. އަދި އެކަމަކަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށާއި މަޖިލީހުގެ ރައީސްކަން ލިބިއްޖެނަމަ މަޖިލިސް ހާމަކަން ބޮޑު ގޮތަކަށް ހިންގުމުގެ ފުރުސަތު ހުޅުވާލަދޭނެ ކަމަށް ވެސް އަފީފް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް