ކ. މާލެ
|
19 މެއި 2019 | އާދީއްތަ 13:01
އިންޑިއާގެ އިންތިޚާބު
އިންޑިއާގެ އިންތިޚާބު
އިންޑިޔާ ޓުޑޭ
އިންޑިއާގެ އިންތިޚާބުގެ ފަހުބުރުގެ ވޯޓުލުން ފަށައިފި
އާދީއްތަ ދުވަހު ކުރިޔަށް ގެންދާ ވޯޓް ހަތް ސްޓޭޓެއްގެ ކުރިޔަށް ގެންދޭ

ހަ ހަފްތާއަށް ދެމިގެންދާ އިންޑިއާގެ އިންތިޚާބުގެ ހަތްވަނަ އަދި ފަހުބުރުގެ ވޯޓްލުން އާދީއްތަ ދުވަހު ފަށައިފިއެވެ.

އާދީއްތަ ދުވަހު ކުރިޔަށް ގެންދާ ވޯޓް ހަތް ސްޓޭޓެއްގެ 59 އިދާރީ ދާއިރާއެއްގައި ކުރިޔަށް ގެންދާއިރު މި ބުރުގައި ގާތްގަނޑަކަށް 100 މިލިއަން މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ.

ވޯޓް ކުރިޔަށްގެންދެވޭ ހަތް ސްޓޭޓްގެ ތެރޭގައި ސިޔާސީގޮތުން ނާޒުކު އުއްތަރު ޕްރަދޭޝްއާއި އިރުމަތީގެ ސްޓޭޓެއްކަމަށްވާ ވެސްޓް ބެންގާލްވެސް ހިމެނެއެވެ.

މީގެ އިތުރުން އާދީއްތަ ދުވަހު ވޯޓްލާ ސަރަހައްދުތަކުގެ ތެރޭގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ 2014 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވި ވަރްނާސީ ވެސް ހިމެނެއެވެ.

ބޮޑުވަޒީރު މޯދީ ހޮނިހިރު ދުވަހުގެ ރޭ ހޭދަކުރެއްވީ އުތުރު އިންޑިއާގެ ހިމާލިޔާގައި ހުންނަ ކެދަރްނާތު ފައްޅީގައެވެ.

މި އިންތިޚާބުގެ ހަވަނަ ފިޔަވަހި މޭމަހުގެ 12 ވަނަ ދުވަހު ބާއްވާފައިވާއިރު މޭމަހުގެ 19 ވަނަ ދުވަހު ކުރިޔަށް ގެންދާ ފަހުބުރަށްފަހު އިންތިޚާބުގެ ވޯޓު ގުނައި، ނަތީޖާ އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ މޭމަހުގެ 23 ވަނަ ދުވަހުއެވެ.

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ނުވަތަ ލޯކް ސަބާގައި 545 މެންބަރުން ހިމެނޭއިރު، މީގެ ތެރެއިން 543 މެންބަރުންނަކީ އިންތިޚާބުކުރާ މެންބަރުންނެވެ. އަނެއް ދެ މެންބަރުންނަކީ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތުން ޤާނޫނުހަދާ މަޖިލީހުގައި އެންގްލޯ އިންޑިއަނުން ތަމްޞީލުކުރެވޭ މިންވަރު ދަށް ކަމަށް އިންޑިއާގެ ރައީސްއަށް ފެނިވަޑައިގެންފިނަމަ އެމަނިކުފާނު އައްޔަނު ކުރައްވާ ދެ މެންބަރުންނެވެ. އިންޑިއާގެ ސަރުކާރު އުފެއްދުމުގެ ފުރުޞަތު ލިބިގެންދަނީ މި އިންތިޚާބުގައި އެންމެ މަދުވެގެން 272 ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށެވެ.

- ކޮމެންޓް