ކ. މާލެ
|
12 މެއި 2019 | އާދީއްތަ 08:38
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީޜާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީޜާ)
މުހައްމަދު ޝަރުހާން
ދައުލަތަށް ލިބުނު އާމްދަނީ
ފުރަތަމަ ހަތަރު މަސް ތެރޭގައި ދައުލަތަށް 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
އެ މުއްދަތުގެ ތެރޭގައި ކުރެވުނު ހަރަދަކީ 7.5 ބިލިއަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ޓެކްސްގެ ގޮތުގައި ދައުލަތަށް 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ 7.9 ބިލިއަން ރުފިޔާއަށް އަރާއިރު އެ މުއްދަތުގެ ތެރޭގައި ކުރެވުނު ހަރަދަކީ 7.5 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 5.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ސަރުކާރު ހިންގުމުގެ ހަރަދަށެވެ. އަދި ތަރައްޤީއަށް ހަރަދުކުރެވިފައި ވަނީ 1.5 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 6 ބިލިއަން ރުފިޔާގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު ބީޕީޓީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި 320 މިލިއަން ރުފިޔާ ވެސް ލިބިފައިވެއެވެ. އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 257 މިލިއަން ރުފިޔާ ލިބުނުއިރު ރެމިޓަންސް ޓެކްސްގެ ގޮތުގައި 34.9 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.

ޓެކްސް ނުހިމަނާ އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެގޮތުން ރިސޯޓް ކުލީގެ ގޮތުގައި 459.7 މިލިއަން ރުފިޔާ އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 259 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 7،089 ކުންފުންޏަކުން އަހަރީ ފީ އާއި ޖޫރިމަނާގެ ގޮތުގައި 197.9 މިލިއަން ރުފިޔާ ނުލިބިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން އުވާލުމަށް ނިންމާފައިވާ 5،772 ކުންފުންޏަކުން ދައްކަންޖެހޭ 189.6 މިލިއަން ރުފިޔާ އާއި އޭގެ ތެރޭގައި ނުހިމެނޭ 1317 ކުންފުންޏަކުން ދައްކަންޖެހޭ 8.2 މިލިއަން ރުފިޔާ ހިމެނޭކަމަށް ވެސް މީރާ އިން ބުންޏެވެ.

- ކޮމެންޓް