ބާޒާރުގައި ފެޝަން ފުރުޓްގެ އަގު ބޮޑުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ބާޒާރުގައި ފެޝަން ފުރުޓް ލިބެން ހުރީ 70ރ އަށް ކިލޯއެކެވެ. އެހެންނަމަވެސް ހުކުރު ދުވަހު ފެޝަން ފުރުޓް ކިލޯއެއް ލިބެންހުރީ 85ރ އަށެވެ.
ބާޒާރުގައި ލިބެންހުރި ފަނި ގިރާ ބާވަތްތަކަށް ބަލާއިރު, ފޭރު ކިލޯއެއްގެ އަގު 65ރ އަށް ލިބެންހުރިއިރު ފަޅޯ ކިލޯއެއްގެ އަގު އުޅެނީ 25ރ އާއި 30ރ އާ ދޭތެރޭގައެވެ. އަދި ކަރާ ކިލޯއެއް 20ރ އަށް ލިބެންހުރިއިރު އަނބު ކިލޯއެއް އުޅެނީ 75ރ އަށެވެ.
ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވި ވިޔަފާރިވެރިން ބުނީ މާރުކޭޓުން ރާއްޖޭގައި ހައްދާ ތަކެތި ދަތިކަމެއް ނެތި ލިބުނުނަމަވެސް ކޮޕީ ފަތް އަދި ބީންސްގެ އިތުރުން ލެޓިއުސް ލިބުމަށް ދަތިވާ ކަމަށެވެ.
ބުރާސްފަތި ދުވަހު އަލަނާސި ގަނޑެއް 45ރ ލިބެންހުރިއިރު ހުކުރު ދުވަހު އަލަނާސީގެ އަގު ވަނީ 5ރ އަގު ހެޔޮވެފައެވެ. އަދި ދޮންކެޔޮ ލިބެންހުރީ 3ރ އަށް ވަކެކެވެ.
މާރުކޭޓުގައި ލިބެންހުރި ފަތުގެ ބާވަތްތަކަށް ބަލާއިރު ކުއްޅަފިލާ ފަތް 10ރ އަށް ބޮނޑިއެއް ލިބެންހުރިއިރު ކޮޕީ ފަތް އުޅެނީ 10ރ އާއި 15ރ އަށް ބޮނޑިއެކެވެ.
ބާޒާރުގައި ބުދަ ދުވަހާއި އެއްގޮތަށް ލުނބޯ 35ރ އަށް ކިލޯ ލިބެންހުރިއިރު ކިއުކަންބާ ކިލޯއެއްގެ އަގު އުޅެނީ 30ރ އަށް ކިލޯއެކެވެ. އަދި ކެރެޓް ކިލޯއެއްގެ އަގު އުޅެނީ 20ރ އަށެވެ.
ހުކުރު ދުވަހަކީ ރޯދަ މަހުގެ ފަސްވަނަ ދުވަހަށްވެފައި، ރޯދަ މަހު އައި ފުރަތަމަ ހުކުރަށްވުމުން މާރުކޭޓު އޮތީ ފުރިފައެވެ. އާންމު ގޮތެއްގައި ގިނަ މީހުން ބޭނުންވާ ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ގަންނަނީ މާރުކޭޓުންނެވެ.