ކ. މާލެ
|
10 މެއި 2019 | ހުކުރު 12:13
އޫރީދޫ މަސް ރޭސް
އޫރީދޫ މަސް ރޭސް
އުރީދޫ
އުރީދޫ މަސްރޭސް 10
އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން ފަށައިފި
މަސްރޭހުގައި ޖުމްލަ 16 ޓީމެއް ވަނީ ބައިވެރިވެފައި

ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫ އިން ކުރިއަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން އޭޕްރިލް 10 ވަނަ ދުވަހު ފަށައިފިއެވެ.

ދިވެހިންގެ ރޯދަ މަހުގެ ބަޔަކަށް ވެފައިވާ މި މުބާރާތް ފާއިތުވެ ދިޔަ އަހަރުތަކަށްވުރެ ވެސް ފޯރިގަދަކުރެވި، ދިހަ ވަނަ އަހަރުގެ މުނާސަބަތުގައި ވަރަށް ޚާއްސަ ހަރަކާތްތަކެއް ވެސް ހިމެނިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

"ފާއިތުވެދިޔަ ދިހަ އަހަރުތެރޭގައި، އުރީދޫ މަސްރޭސް ވަނީ ދިވެހިންގެ ހިތްތަކުގައި ޚާއްސަ ޖާގައެއް ހޯދާފައި. މި މުބާރާތް މެދުވެރިކޮށް ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދިގެން ދިއުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ޙާއްސަ އުފަލެއް. އަދި މަސްރޭހާއި މެދު އަޅުގަނޑުމެން ފަޙުރުވެރިވާ އެންމެ ބޮޑު އެއް ސަބަބު. އަޅުގަނޑުމެންގެ އުއްމީދަކީ، އަދި މަސައްކަތް ކުރަމުންދާނީ އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން އަކީ ބައިވެރިންނާއި ބެލުންތެރިންނަށްވެސް ހަނދާނުންފޮހެނުލެވޭ ފަދަ ޝޯއަކަށް ވެގެންދިއުން." އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން ފާހަގަކުރުމުގެ ގޮތުން އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެން ކަނބަލުންގެ ބައިވެރިވުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، އަންހެން ޓީމްތަކަށް ޚާއްސަ ބުރެއް ވެސް މިފަހަރު ބޭއްވިގެންދާނެ ކަމަށާއި އެހެން ބުރުތަކާއި އެއްގޮތަށް، މިބުރު ކާމިޔާބު ކުރާ ޓީމަކަށްވެސް ގްރޭންޑް ފިނާލޭގައި ވާދަކުރާ ހަތަރު ޓީމްގެ ތެރެއިން ޖާގައެއް ކަށަވަރު ވެގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ވޭތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށްވެސް، އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގު ހުރި އިނާމްތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން އެއްވަނަ ހޯދާ ޓީމަށް 50000 (ފަންސާސް ހާސް) ރުފިޔާ ،އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ"އަށް 5000 (ފަސް ހާސް) ރުފިޔާ އާއި ރަންކޯރި، އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާގެ އިތުރުން އެއްވަނަ އަންހެން ކެޔޮޅަށް 5000 (ފަސް ހާސް) ރުފިޔާ ލިބިގެންދާނެއެވެ.

އުރީދޫ މަސްރޭސް، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ގްރޭންޑް ފިނާލޭ ފިތުރު އީދު ދުވަހަށް ފަހު ބޭއްވިގެންދާއިރު، އެ ދުވަހުގެ މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު، ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

މަސްރޭހުގައި ޖުމްލަ 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

 

 

- ކޮމެންޓް