އިރާނާއެކު ހެދި ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވީތާ އަހަރެއް ވާން ކައިރިވެފައި ވަނިކޮށް، އިރާނުން 2015 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ބައެއް ބައިތަކަށް އަމަލު ނުކުރަން ނިންމައިފިއެވެ.
އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ދުނިޔޭގެ ބާރުތަކުން ވީ ވައުދުތައް ނުފުއްދޭނަމަ އިރާނުން އަނެއްކާވެސް ބާރުގަދަ ޔުރޭނިއަމް ފައްކާކުރަން އަނެއްކާވެސް ފަށައިގަންނާނެ ކަމަށެވެ. އިރާނުގެ ގައުމީ ޓީވީން ދުރަށް ދެއްކި ބަސްދީގަތުމެއްގައި އެއްބަސްވުމުގައި ސޮއިކުރި ގައުމުތައް ކަމުގައިވާ އިނގިރޭސިވިލާތާއި،ފަރަންސޭސްވިލާތާއި، ޖަރުމަނާއި، ޗައިނާ އަދި ރަޝިއާއަށް 60 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު ވިދާޅުވީ، އެއްބަސްވުމުގައި ވާގޮތަށް އިރާނުގެ ތެލާއި ބޭންކިންގގެ ސިނާއަތް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރައްކާތެރިކުރުމަށްވީ ވައުދު ފުއް ދައިދޭން ޖެހޭނެ ކަމަށެވެ.
ރޫހާނީ ވިދާޅުވީ އެއްބަސްވުމުން ވަކިނުވެ ތިބި ބައިވެރިންނާ އެކު އަލުން މަޝްވަރާކޮށްގެން އެއްބަސްވުމުގައި ހިމެނޭ ކަންކަން ބަދަލުކުރުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަން ގަބޫލުކުރައްވާ ކަމަށް ވެސް ރޫހާނީ އެއްބަސްވެވަޑައިގެންނެވިއެވެ. ރޫހާނީ ވިދާޅުވީ އެއްބަސްވުމަށް "ސާޖަރީއެއް" ބޭނުންވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މިދިޔަ އަހަރުގެ ތެރޭގައި ދެވުނު "ޕެއިންކިލަރުތައް" ނުފުދޭ ކަމަށެވެ. ރޫހާނީ ވިދާޅުވީ އެ ސާޖަރީއަކީ އެއްބަސްވުން ސަލާމަތްކުރުމުގެ ގޮތުން ކޮންމެހެން ވެސް ކުރައްވަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
Starting today, Iran does not keep its enriched uranium and produced heavy water limited. The EU/E3+2 will face Iran's further actions if they can not fulfill their obligations within the next 60 days and secure Iran's interests. Win-Win conditions will be accepted.
— Hassan Rouhani (@HassanRouhani) May 8, 2019
ރޫހާނި ވިދާޅުވީ އެއްބަސްވުމުގެ ބައިވެރިންގެ ގޮތުގައި އޮތް ފަސް ގައުމާ އެކު އަލުން މަޝްވަރާކުރުމަށް ފަހު، އެ ގައުމުގެ ތެލާއި ބޭންކިންގގެ ސިނާއަތް ރައްކާތެރިކުރަން އެއްބަސްވެއްޖެ ހާލަތެއްގައި ކުރިން އެއްބަސްވެވުނު ގޮތަށް ކަންކުރަން އިރާނުން ތައްޔާރަށް އޮތް ކަމަށެވެ. އޭގެ ބަދަލުގައި އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅު އަޅަން އެ ގައުމުތަކުން ވިސްނައިފިނަމަ އެކަމަށް ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް ވެސް ރޫހާނީ ވިދާޅުވިއެވެ.
ރޫހާނީގެ އިންޒާރާ ގުޅިގެން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވީ، އެމެރިކާއިން މަޑުކުރާނީ އީރާނުން ދެން އަޅާ ފިޔަވަޅަކަށް ބަލަން ކަމަށެވެ. އެމެރިކާއިން އީރާނަށް ރައްދު ދޭނީ އެއަށް ފަހުގައި ކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ.
އީރާނުގެ ރައީސްގެ ބަޔާނާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ ތަރުޖަމާނު ވިދާޅުވީ އެއްބަސްވުމުގައި އޮތް ގޮތަށް އަމަލުކުރަން އީރާނަށް އިނގިރޭސިވިލާތަށް ބާރުއަޅާ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އަމާންކަން ޔަގީންކުރެވޭ ކަމަށާ، އެކަން ޔަގީންކުރެވޭނި އީރާނުން އެއްބަސްވީ ކަންކަން ފުރިހަމަކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖަރުމަނުން ވާހަކަދެއްކެވި ސަރުކާރުގެ ތަރުޖަމާނު ސްޓެފަން ސައިބާ ވިދާޅުވީ އީރާނުން އެއްބަސްވުމާ ހިލާފު ނުވާނަމަ، އެއާ އެއްގޮތަށް އަމަލުކުރަން ޖަރުމަނުން ވެސް ތައްޔާރަށް އޮތް ކަމަށެވެ. ސައިބާ ވިދާޅުވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރައްކާތެރިކޮށްދޭ ނިޒާމް ގާއިމްވާން މިހާރު މާ ގިނަ ދުވަސްތަކެއް ނެތް ކަމަށެވެ. ސްޕެޝަލް ޕާޕަސް ވެހިކަލްގެ ނަމުން ނަންދެވިފައިވާ ޕޭމަންޓް ސިސްޓަމަކީ އީރާނުގެ ތެޔޮ ގަތުމަށް ޔޫރަޕުގެ ގައުމުތަކުން ތައްޔާރުކުރާ ނިޒާމެކެވެ. މި ނިޒާމުގައި ބައިވެރިވެގެން ނުވާނެ ކަމަށް ޔޫރަޕުގެ ބޭންކުތަކަށާއި އިންވެސްޓަރުންނަށް އެމެރިކާއިން އިންޒާރު ދީފައިވެއެވެ.