ކ. މާލެ
|
6 މެއި 2019 | ހޯމަ 21:36
މޫދުގެ މާޙައުލާއި ދިރޭތަކެތީގެ ނަސްލަށް ލިބޭ ގެއްލުމުގެ %29 ޙިއްސާކުރަނީ މަސްވެރިކަން
މޫދުގެ މާޙައުލާއި ދިރޭތަކެތީގެ ނަސްލަށް ލިބޭ ގެއްލުމުގެ %29 ޙިއްސާކުރަނީ މަސްވެރިކަން
ގޫގުލް
ފަރުތަކާއި މުރަކަ މަރުވުން
ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅަ އެއްބައި ވަނީ މަރުވެފައި!
ދިރޭތަކެތީގެ ތެރެއިން %25 ބާވަތަށް ނެތިދިއުމުގެ ބިރު އެބައޮތް
މޫދުގެ ސަރަޙައްދު އެކި ކަންކަމަށް ބޭނުންކުރާ ގޮތުން ގެއްލުންތައް ލިބޭ

ދުނިޔޭގެ ފަރުތަކުގެ ދެބައި ކުޅައެއްބައި މަރުވެފައިވާ ކަމަށް ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ މާހައުލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ޙާލަތު ދައްކުވައިދޭ ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ރިޕޯޓް "ގްލޯބަލް އެސެސްމަންޓް އޮފް ބަޔޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާވިސަސް" އިން ދައްކައިފިއެވެ.

އދ. ގެ ތެރެއިން 2012 އަހަރު ވުޖޫދަށް އައި މިނިވަން ޕްލެޓްފޯމް "އިންޓަރ ގަވަރންމަންޓަލް ސައިންސް-ޕޮލިސީ ޕްލެޓްފޯމް އޮން ބަޔޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާރވިސަސް" (އިޕްބެސް)ގެ ފުރަތަމަ ގްލޯބަލް އެސެސްމަންޓްގެ ޚުލާސާ ރިޕޯޓް (ސަމަރީ ފޯރ ޕޮލިސީ މޭކާސް) މިއަދު އާއްމުކޮށްފައިވާއިރު، މިއީ ދިރޭތަކެތީގެ ނަސްލާއި، ޤުދުރަތީ މާޙައުލުތަކާއި އެއިން ލިބިދޭ ޚިދުމަތްތަކާއި ގުޅޭ ގޮތުން މިހާތަނަށް ދުނިޔޭގެ ފެންވަރުގައި ހެދުނު އެންމެ ފުރިހަމަ، އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ރިޕޯޓެވެ. 

މި ރިޕޯޓްގައި އިތުރަށް ބުނާ ގޮތުން މިހާރު ދުނިޔޭގެ ފަރުތައް ނެތިގެންދާ ނިސްބަތުގައި ނެތިގެންދާ ނަމަ ކައިރި މުސްތަގްބަލެއްގައި ދުނިޔޭގެ ފަރުތަކުގެ %90 ޕަސެންޓް މަރުވާނެއެވެ. ދުނިޔޭގައި މިހާރު ހުރި ދިރޭ ތަކެތީގެ ތެރެއިން %25 ބާވަތަށް ނެތިދިއުމުގެ ބިރު ކުރިމަތި ވެފައިވާ ކަމަށް މި ރިޕޯޓް ބުނާއިރު ދިރޭތަކެތީގެ ނަސްލަށް ސީދާ ގޮތެއްގައި އެންމެ ބޮޑު ގެއްލުމެއް ދޭ ފަސްކަންތައް މި ރިޕޯޓުގައި ދިރާސާކޮށްފައި ވެއެވެ.

އެއީ މޫދާއި ބިން ބޭނުންކުރުމުގައި އަންނަ ބަދަލުތައް، ސީދާ ގޮތުގައި ދިރޭތަކެތީގެ ބާވަތްތަކުގެ ބޭނުން ހިފުން (ނުވަތަ "ޑައިރެކްޓް އެކްސްޕްލޮއިޓޭޝަން"، މިސާލަކަށް: މަސްބޭނުން)، މޫސުމަށް އަންނަ ބަދަލުތައް، މާހައުލީ ތަޣައްޔަރުކަން، އަދި މާޙައުލަށް އަލަށް ތަޢާރަފް ކުރެވޭ ދިރޭތަކެތީގެ ނަސްލުތަކުން ލިބޭ ގެއްލުންތަކެވެ.

މި ރިޕޯޓު ބުނާ ގޮތުގައި މޫދުގެ މާހައުލަށާއި ކަނޑުގެ ދިރުންތަކަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ސީދާގޮތުގައި ދިރޭތަކެތީގެ ބާވަތްތަކުގެ ބޭނުންހިފުން ނުވަތަ އެކި ބާވަތްތަކުގެ މަސްވަރިކަމުންނެވެ.

އެގޮތުން މޫދުގެ މާޙައުލާއި ދިރޭތަކެތީގެ ނަސްލަށް ލިބޭ ގެއްލުމުގެ %29 ޙިއްސާކުރަނީ މަސްވެރިކަމެވެ. ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ދެނީ ކަނޑާއި މޫދުގެ ސަރަޙައްދު އެކި ކަން ކަމަށް ބޭނުން ކުރާ ގޮތުންނެވެ. އަދި ތިން ވަނަ އަށް އެންމެ ބޮޑު ގެއްލުމެއް ދެނީ މޫސުމަށް އަންނަ ބަދަލުތަކުންނެވެ.

އަތިރިމަތީ ނުވަތަ ކޯސްޓަލް ސަރަޙައްދުގައި އިންސާނުންގެ އަސަރު ނުކުރާ އެއްވެސް ހިސާބެއް ނެތް ކަމަށް މި ރިޕޯޓު ބުނާއިރު މޫދުގެ ސަރަޙައްދު ހިމާޔަތްކުރުމަށް ކުރެވިދާނެ ކަންތަކުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި މޫދާއި ކަނޑުގެ ސަރަޙައްދު ބޭނުންކުރުމަށް "މެރިން ސްޕޭޝަން ޕްލޭނިންގ" ހެދުން މުހިއްމު ކަމުގައި މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.  

ބިމުގެ ސަރަޙައްދަށް ބަލާއިރު ދިރޭތަކެތީގެ ނަސްލަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ބިން ބޭނުންކުރާ ގޮތުންކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ސީދާ ގޮތުގައި ދިރޭތަކެތީގެ ބާވަތްތަކުގެ ބޭނުންހިފުމުންނެވެ. ތިންވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ މޫސުމީ ބަދަލުތަކުގެ ސަބަބުންކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. 

މިއަހަރުގެ އެޕްރީލް މަހު 29 އިން މެއި 4 އަކަށް ޕެރިހުގައި ބޭއްވި އިޕްބެސްގެ 7 ވަނަ ބައްދަލުވުމުގައި މި ރިޕޯޓުގެ ޚުލާސާ "ސަމަރީ ފޮރ ޕޮލިސީ މޭކާސް" ނިންމައި ހޯމަ ދުވަހު އެ ރިޕޯޓް އާންމުކޮށްފައިވާއިރު ރިޕޯޓުގައި މުހިއްމު ކަންތައްތަކަކަށް އަލިއަޅުވާލާފައި ވެއެވެ.

އެ ގޮތުން ދިރޭތަކެތީގެ ނަސްލުގެ މިހާރުގެ ޙާލަތާއި، މި ޙާލަތު މެދުވެރިވާން ދިމާވި ސަބަބުތަކާއި، ދިރޭތަކެތީގެ ނަސްލަށާއި ޤުދުރަތީ މާޙައުލަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، އެ ނުރައްކާތަކުގެ މިންވަރާއި، މުސްތަގްބަލުގައި މި ނުރައްކާތަކުގެ ސަބަބުން ދިރޭތަކެތީގެ ނަސްލަށާއި ޤުދުރަތީ މާޙާއުލަށް ވެގެންދާނެ ގޮތާއި، އެކަމުން ސަލާމަތްވުމަށް ގައުމުތަކުން އަޅަންޖެހޭނެ ފިޔަވަޅުތައް މި ރިޕޯޓުގައި ހިމަނާފައި ވެއެވެ.

މި ރިޕޯޓް އެކުލަވާލާފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ 200 އަށް ވުރެ ގިނަ ސައިންޓިސްޓުން ހިމެނޭ ޓީކަމުންނެވެ. މި ރިޕޯޓު އެކުލަވާލުމުގައި 3000 އަށް ވުރެ ގިނަ ދިރާސާގެ ބޭނުންކޮށްފައި ވެއެވެ. 

- ކޮމެންޓް