ރާއްޖެ ޓީވީގެ ޕްރޮގްރާމެއް ނެގުމަށް ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގާތް މީހަކު ބުނެލި އެވެ؛ "އެންމެ ރަނގަޅު ތަނަކަށް ހުންނާނީ ކޭކް ނަޝީގެ ގެ."
އެހެން އެ ބުނީ ހަމަ ބުނަން ވެގެން ކަންކަން އެނގުނީ، ހުޅުމާލޭގައި ތިން ބުރިއަށް ހަދާފައިވާ އެ ގެއަށް ދިއުމުންނެވެ. އެ ގޭގައި ހުރި އައިމިނަތު ނަޝީދާ (ނަޝީ)ގެ އެޕާޓްމެންޓްގެ ވާހަކަ ނުދައްކާށެވެ. މީހަކު އާޝޯހު ނުވާވަރެއް ނޫނެވެ.
"ވާއު، މިއީ ވޮންޑަރލޭންޓްގެ ކާސަލް،" ކުޑަ ކުއްޖަކު ނަމަ، ނަޝީގެ އެޕާޓްމެންޓް ސިފަކޮށްލަނީ މިގޮތަށެވެ.
މުޅި އެޕާޓްމެންޓް ޖަރީކޮށްފައި ހުރީ "ރަނުން" ނެވެ. އެޕާޓްމެންޓްގެ މައި ދޮރުގެ ބޯޑަރު ފަތިގަނޑުން ފެށިގެން، ފާޚާނާގެ އިސްކުރުތަކަށް ދަންދެން ރަން ކުލައިގަ އެވެ. ރަން ކުލަ ނުފެންނަ އެއްޗެއް، ތަނެއް ނެތެވެ. ދޮންނަ މެޝިން އާއި އައިސް އަލަމާރި އަދި ޓީވީ ރެކް ގަތް އިރު، ރަން ކުލައިގެ ތަންކޮޅެއް ނެތުމުން އެ ތަކެއްޗަށް ރަން ކުލައިގެ ސްޕްރޭ ކުރި އެވެ.
"އަހަރެންގެ އިހްތިޔާރުގައި ގޭތެރެއަށް އަދި އަޅުގަނޑަށް ހޯދާ އެއްޗެއްގައި ރަން ކުލައިގެ ތަން ކޮޅެއް ހުންނާނެ. ކޭކެއް އެޅިޔަސް، ސަމްސަލެއް، އުލެއް، ތައްޓެއް ގަތަސް، ހެދުމެއް ގަތަސް. މި ގެއަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ރަން ކުލައިން ހުރީ އަހަރެން ޗައިނާ އަށް ގޮސް ވަރަށް ބަލާފައި ގަތީމަ،" ނަޝީ ކިޔައި ދެއްވި އެވެ.
"އަޅުގަނޑަށް ފެންނަ ގޮތަކަށް ވެޑިން ކޭކެއް ނުވަތަ އެހެން ކަމަކަށް ވެސް ކޭކެއް ހަދަން ހަވާލު ކޮށްފިއްޔާ ރަން ކުލަ ކޮޅެއް ޖައްސާލެވޭ."
ކެއްކުމުގެ ދާއިރާއިން ގައުމީ އިނާމާއި ބޭރު ގައުމުތަކުން ގިނަ އެވޯޑްތައް ހޯއްދަވާފައިވާ އުމުރުން 58 އަހަރުގެ ނަޝީ މިވަރަށް ރަން ކުލައަށް ލޯބި ޖެހުނީ ކީއްވެ ހެއްޔެވެ؟
"އަޅުގަނޑު ކުޑައިރު ބައްޕަ އުޅުއްވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި، އަޅުގަނޑު ހުރީ މާލޭގައި. ބައްޕަ އަޅުގަނޑަށް ހަދިޔާ އަށް ފޮނުވާނީ ރަން ކުލައިގައި ހުންނަ އެއްޗެހި. ބޮލުގައި އަޅާ ބޭންޑަކަސް، ކަންފަތު ލާ އެއްޗަކަސް، ހެދުމަކަސް ފޮތިކަނޑަކަށް ވިޔަސް ރަން ކުލައިގައި ހުންނާނީ،" ނަޝީ ވިދާޅުވި އެވެ.
ނަޝީގެ "ރަނުގެ ދުނިޔޭގައި" ވިދުން ގަދަވީ، މީގެ 13 އަހަރު ކުރިން މިހާރުގެ ފިރިކަލުން ނާސިހު ތައުފީގުއާ ކައިވެނި ބައްލަވައިގެންނެވި ފަހުންނެވެ.
"ކޮންމެ ހެން ހޯދަން ޖެހޭ އެއްޗެއްގައި ރަން ކުލަ ނެތިއްޔާ ޖެހޭނެ ކޮންމެ ވެސް ގޮތަކުން ރަން ކުލަ ކޮޅެއް ޖައްސާލަން. އަޅުގަނޑަށް މިހާރު އެކަން ވަރަށް ރަނގަޅަށް ދެނެ ގަނެވޭ، އެހެންވެ ނަޝީ ބޭނުންވާ ގޮތަށް މުޅި ގޭތެރޭގެ ތަންތަނާއި ތަކެތި [ރަން ކުލައިން] އެ ފެންނަނީ،" ނާސިހު ކިޔައި ދެއްވި އެވެ.
އެޕާޓްމެންޓް ރަން ކުލައިން ޖަރީކޮށްފައި ހުއްޓަސް، ރަން ގަހަނާއެއް ނަޝީ މާގިނައެއްކޮށް ނާޅުއްވަ އެވެ. އަދި އަމިއްލަ ވިޔަފާރި، "ނަޝީ ކޭކްސް"ގައި ވެސް ރަން ކުލައެއް ނުހުރެ އެވެ. ނަޝީގެ ގޭގެ އެންމެ ތިރީގައި ހުންނަ ކޭކް ފިހާރައިގައި ހުންނަނީ ޓާކްއިޝް ކުލަ އެވެ.
"އެގޮތަށް ހެދީ އެހެން މީހުންނަށް ހިތްގައިމު ކުލައެއް ގެންނަން ވެގެން. ނަމަވެސް އަޅުގަނޑުގެ ދިރިއުޅުމާއި ހަޔާތުން ރަން ކުލައެއް ފިލައެއް ނުދާނެ."
އިތުރު ފޮޓޯ: