އިސްރާއީލާއި ފަލަސްތީނުގެ ޣައްޒާއާއި ދެމެދު މި ފަހުން ފެށުނު ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 24 މީހަކު މަރާލި ފަހުން ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވީ އެއްބަސްވުމަށް އަމަލްކުރަން ފަށާފައިވަނީ ހޯމަ ދުވަހުގެ ފަތިހު 4:30 ން ފެށިގެން ކަމަށް އެއްބަސްވުމާ ބެހޭ މައުލޫމާތު އެނގިފައިވާ ފަރާތަކުން ރޮއިޓަރސްގައި ބުނެފައިވެއެވެ.
މިފަދަ އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށް ފަލަސްތީނުގެ އިތުުރު އޮފިޝަލެއްގެ އިތުުރުން ޣައްޒާގެ ވެރިކަންކުރަމުންދާ ހަމާސްއަށް ނިސްބަތްވާ ޓީވީ ޗެނަލަކުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
އިސްރާއީލުގެ އެއްވެސް ފަރާތަކުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
އިސްރާއީލުން ބުނީ ހުކުރު ދުވަހުން ފެށިގެން އިސްރާއީލުގެ ދެކުނުގެ ސިޓީތަކާއި އަވަށްތަކަށް 600 ރޮކެޓާއި ޕްރޮޖެކްޓައިލް ޣައްޒާގެ ތެރެއިން ފޮނުވާލާފައިވާ ކަމަށެވެ. މީގެ ތެރެއިން 150 އަށް ވުރެ ގިނަ ރޮކެޓް އިސްރާއީލުގެ މިސައިލުން ދިފާއުވާ ނިޒާމް، އަޔަން ޑޯމް ބޭނުން ކޮށްގެން ވައިގެ ތެރޭގައި ވަނިކޮށް ހުއްޓުވާލާފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.
އިސްރާއީލުން ބުނެފައިވާ ގޮތުގައި ޣައްޒާގެ 320 ތަނަކަށް އެ ގައުމުން ހަމަލާދިނެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުން މި ހަމަނުޖެހުންތައް އުފެދިގެންދިޔައީ ސަރަހައްދީ ރޮނގު ކައިރީ ހުކުރު ދުވަހު މުޒާހަރާކުރި މީހުންގެ ތެރެއިން އިސްލާމިކް ޖިހާދުގެ ސްނައިޕަރަކު އިސްރާއީލުގެ ސިފައިންނަށް ހަމަލާދީ ސިފައިންގެ ދެ މީހަކު ޒަޚަމް ކޮށްލުމުންނެވެ.
އޭގެ ރައްދުގައި އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއްގައި ހަމާސްގެ ދެ ހަނގުރާމަވެރިއަކު މަރާލާފައިވާ ކަމަށް އެ ގައުމުން ބުނެއެވެ
އޭގެ އިތުރުން ސަރައްދީ ރޮނގުގައި މުޒާހަރާ ކުރަމުންދިޔަ އިތުރު ދެ މީހަކު ވެސް އިސްރާއީލުން ވަނީ މަރާލާފައެެވެ.