މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ޓެރަރިސްޓް ހަމަލާ ދިނުމުގެ ފަސް ދުވަސްކުރިން މި ހަމަލާގެ މައުލޫމާތު ސައުދީ ސަރުކާރަށް އެނގޭކަން ހާމަވެއްޖެއެވެ.
ލުބްނާންގެ ނޫހެއް ކަމަށްވާ 'އަލް-އަހެދް ނިއުސް' އިން ރިޕޯޓްކުރާ ގޮތުގައި މި ހަމަލާ ދޭން އުޅޭކަން އެނގި ސައުދީ ސަރުކާރުން ލަންކާގައި ހުންނަ އެ ގައުމުގެ އެމްބަސީއަށް ވަނީ "ޓޮޕް ސީކްރެޓް" ސިޓީއެއް ފޮނުވާފައެވެ. އަދި މި ސިޓީ ކަމަށް ބެލެވޭ ސިޓީއެއްގެ ފޮޓޯއެއް އެ ނޫހުން އާންމު ކޮށްފައި ވެއެވެ.
'އަލް-އަހެދް ނިއުސް' އިން ރިޕޯޓްކުރާ ގޮތުގައި ހަމަލާގެ ފަސް ދުވަސް ކުރިން ފޮނުވާފައިވާ މި ސިޓީން ދޭހަވާ ގޮތުގައި ލަންކާއަށް ހަމަލާއެއް ދޭން އުޅޭކަން ސައުދީ ސަރުކާރަށް އެނގެއެވެ.
ސައުދީ ފޮރިން މިނިސްޓަރ އިބްރާހިމް ބިން އަބްދުލް އަޒީޒް އަލް-އައްސަފް ސައުދީން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަށް ފޮނުއްވެވި ސިޓީގައި ވަނީ އަޅަންޖެހޭ ފިޔަވަޅުތައް ހިމަނުއްވާފައެވެ. އެ ސިޓީގައި ވަނީ
މި ފިޔަވަޅުތައް ވަގުތުން އަޅުއްވާ:
ފުރަތަމައަށް: ސައުދީ އަށް ނިސްބަތްވާ، އަދި ބޭރުގެ ގްރޫޕްތަކާ އެންމެ ފަހުން ކޮށްފައިވާ މުއާމަލާތްތަކާއި، އެއާ ގުޅުން ހުރި ޑޮކިއުމަންޓްތަކާއި ކޮމްޕިއުޓަރ ޑޭޓާތައް ޑިލީޓް ކުރައްވާ، އަދި ސައުދީ އެމްބަސީގެ މުވައްޒަފުންނަށް ކަރފިއުއެއް އިއުލާން ކުރައްވާ.
ދެވަނައަށް: ސައުދީ އަރައްބިއްޔާއާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ކުރިއަށް އޮތް ތިން ދުވަހަށް، ހާއްސަކޮށް އީސްޓަރ ޑޭގައި، މީހުން ގިނަ އެއްވެ އުޅޭ ތަންތަނަށް، ހާއްސަކޮށް ފައްޅިތައް ކައިރިއަށް، ނުދިއުމަށް އެންގުން
ތިންވަނައަށް: ލަންކާގެ ސަރުކާރުގެ މައުލޫމާތާއި ވިސްނުން ހުރި ގޮތް ގަވާއިދުން މިނިސްޓްރީއަށް ފޮނުވުން
ލަންކާގެ ފައްޅިތަކާއި ހޮޓެލްތަކަށް އަމާޒްކޮށްގެން ދިން ޓެރަރިސްޓް ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައެވެ.
ލަންކާއަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރު އިންޑިއާ އިން ވެސް ދީފައިވާކަން މީގެ ކުރިން ވަނީ ހަމަވެފައެވެ. މައުލޫމާތު ލިބި ފިޔަވަޅު އެޅުމުގައި ލަންކާ ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި ހަމަލާތައް ދީފައި ވަނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވާއިރު މި ހަމަލާތަކުގެ ޒިންމާ އައިއެސް އިން ވަނީ އުފުލާފައެވެ.