ކ. މާލެ
|
3 މެއި 2019 | ހުކުރު 13:17
ހަތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެޓީވީއަށް ލިބުނު ގެއްލުންތައް ރަމްޒުކޮށްދޭ ތިން ފޮޓޯ
ހަތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެޓީވީއަށް ލިބުނު ގެއްލުންތައް ރަމްޒުކޮށްދޭ ތިން ފޮޓޯ
ރާއްޖެ އެމްވީ
ނޫސްވެރިކަން
ނޫސްވެރިކަމުގެ ދުވަސް: ލިބުނު އަނިޔާއިން، މިނިވަންކަމަށް ކުރި ދަތުރު!
ސްޓޭޝަންގެ ނޫސްވެރިން ހައްޔަރުކޮށް، ދައުވާ އުފުލި
3.7 މިލިއަނުން ޖޫރިމަނާކޮށް، ސަލާން ޖަހަން މަޖުބޫރު ކުރުވި
ލިބުނު އަނިޔާތަކަށް އަދިވެސް އިންސާފެއް ނުލިބޭ

ވޭތުވެދިޔަ މުއްދަތުގައި އެންމެ ބޮޑެތި ގޮންޖެހުންތަކާއި އަނިޔާތަކާއި ފުރައްސާރަ އާއި ނުރައްކަލާ ކުރިމަތިލާން ޖެހުނު ޓީވީ ސްޓޭޝަނަކީ "ރާއްޖެޓީވީ"އެވެ. ރާއްޖެޓީވީ ރޯކޮށްލައި، ހުއްޓުމަކަށް ގެނައި ނުރައްކާތެރި ހަމަލާ ދިނީ މީގެ ފަސް އަހަރު ކުރިންނެވެ. މި ސްޓޭޝަންގެ ނޫސްވެރިންނަށް އިންޒާރު ދީ ބިރު ދައްކައި، މަރާލާގެ ކަމަށް ބުނެ، ފުލުފުލުން އިހަކަށް ދުވަހާ ޖެހެންދެން ވެސް އިންޒާރު ދިނެވެ. އަޅުގަނޑުމެންގެ ނޫސްވެރިންނަށް ރައްކާތެރިކަން ދޭން ތިބި، މުއައްސަސާތަކުން، އެކަމަށް ދިނީ ބީރު ކަންފަތެކެވެ. މިނިވަން ނޫސްވެރިކަން ދިފާއުކޮށްދިނުމަށް، އެދި އުފުލަމުންދިޔަ އަޑުތަކަށް މުއައްސަސާތަކުން ދިނީ ފުރަގަހެވެ. މިހާތަނަކަށް ވެސް އަޅުގަނޑުމެންނަށް ލިބުނު އަނިޔާތަކަށް ލިބުނު އިންސާފެއް ނެތެވެ.

ރާއްޖެޓީވީގެ މުވައްޒަފުން، އެ ބިރުވެރިމާހައުލުގައި ކެނޑިނޭޅި ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމަށްޓަކާ އަބުރުގެ ގާނޫނު ވުޖޫދަށް ގެނެސް، އެ ގާނޫނުން ކުރެވޭ އެންމެ ބޮޑު ޖޫރިމަނާތަކާ އެކު، ޖުމްލަ 3.7 މިލިއަން ރުފިޔާއިން މި ސްޓޭޝަން ޖޫރިމަނާ ކުރީ ވެސް ދައުލަތް ހިންގަން ތިބި ބަޔަކު ވާގިވެރިވެގެންނެވެ. ސަރުކާރު ހިންގަން އޭރު އޮތް ޕާޓީން، މިނިވަން ނޫސްވެރިކަން މަރާލައި، އަޅުގަނޑުމެންގެ ގަލަންތަކުގެ ދެލި ހިނގުން ހުއްޓުވަން މަސައްކަތް ކުރިއެވެ. ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް، ފަޅާ އަރުވައި، ދައުލަތް އަނދިރި ކޮޓަރިއެއްގައި ހިންގަމުންދިޔަ ދިއުން ހުއްޓުވަން ރާއްޖެޓީވީގެ ނޫސްވެރިން ކުރި މަސައްކަތް އޮބަހައްޓަން ކެނޑިިނޭޅި މަސައްކަތް ކުރިއެވެ. އެކަން އޭރު ކުރީ ސަރުކާރުގެ އިދާރާތައް ބައިވެރިވެގެންނެވެ. ފުލުހުންނާއި ސިފައިންނާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

އެ ސިލްސިލާތަކުގެ ތެރެއިން ރާއްޖެޓީވީގެ ނޫސްވެރިން ހައްޔަރު ކުރިއެވެ. ޖިނާއީ ބޮޑެތި ކުށްވެރިންތަކަށް ހަދައި، އެފަދަ ގޮތަކަށް މުޖުތަމައުއަށް ސިފަވާ ގޮތަށް ރާއްޖެޓީވީގެ ނޫސްވެރިން ބިޑި އަޅުވައި، ދައުވާތައް އުފުލައި، ޝަރީއަތްތައް ހިންގިއެވެ. ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން މުތުލަގަށް ކަށަވަރުކޮށް ދޭ ޚަބަރާއި މައުލުމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ރާއްޖެޓީވީގެ ނޫސްވެރިންގެ އަތުން ޖަހައިތުމަށް މަސައްކަތް ކުރިއެވެ.

ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން ތެދުވެ، އަޑުއުފުލުންތައް ކުރިއަށް ގެންދަން ފެށުމުން، އެ ވާހަކަތައް ގެނެސްދޭން މުޒާހަރާތަކަށް ރާއްޖެޓީވީގެ ނޫސްވެރިން ނުކުތީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. މުޒާހަރާތަކާއި މަގުމަތީ ހަރަކާތްތަކުގެ ވާހަކަތައް ރާއްޖެޓީވީގެ ނޫސްވެރިން ރައްޔިތުންނާ ހަަމައަށް ގެނެސްދޭން ޖެހުނީ ދަތި އުނދަގުލާއި، ނުރައްކަލުގެ ތެރޭގައެވެ. ހީނުކުރާ އެތައް ދިމަދިމާލުން ނޫސްވެރިންނަށް ހަމަލާ އަމާޒުވިއެވެ. ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް، ރަޔަޓް ފުލުހުންގެ އެއްވުންތައް ރޫޅަމުންދިޔަ ގޮތަށް، ރަޔަޓް ފުލުހުންގެ އަނިޔާތަކުގެ ޝިކާރައަކަށް ރާއްޖެޓީވީގެ ނޫސްވެރިންވިއެވެ. އަނިޔާގެ އެ ލަކުނުތައް ނޫސްވެރިންގެ ހަށިގަނޑުގައި ނުފިލާ ހުރި ގޮތަށް، އެ ހަނދާންތައް މިހާރު ވެސް ލޯމައްޗަށް ތަމްސީލުވަމުންދެއެވެ.

މިވީ މުއްދަތުގެ ތެރޭގައި މި ސްޓޭޝަނަށް ކުރިމަތިވި ކޮންމެ ގޮންޖެހުމަކަށް ތަސައްލީއެއް ހޯދައިދިނީ ދިވެހި ރައްޔިތުންނެވެ. އާންމު ފަރުދުން އަޅުގަނޑުމެންނަށް ކުރި އިތުބާރެވެ. "އަބުރުފުޅު" ފަންޑު ފޮށިތައް ހިފައިގެން ސަލާން ޖަހަން އަޅުގަނޑުމެން ނުކުތުމުން، އެހީގެ އަތެއް ދިއްކޮށްލީ ދިވެހިންނެވެ. ހެޔޮ އެދޭ ފަރާތްތަކުންނެވެ. އެ މީހަކަށް ވީ މިންވަރަކުން، ފަންޑު ފޮއްޓަށްލި ކޮންމެ ފައިސާ ފޮއްޗަކާ އެކު އަޅުގަނޑުމެންގެ އަޒުމް އިތުރަށް ވަރުގަދަވިއެވެ.

އަޅުގަނޑުމެންގެ މުވައްޒަފުން ހިތްވަރު ދޫނުކޮށް، އަޒުމާ އެކު ކުރި މަސައްކަތުގެ ނަތީޖާއަކީ ރާއްޖެޓީވީ ވޭތުކުރި ހަތް އަހަރު ތެރޭގައި ރާއްޖޭގެ އެންމެ މަގުބޫލު، އަދި އެންމެ ގިނަ ބަޔަކު ބަލާ ޓީވީ ސްޓޭޝަނަކަށް ރާއްޖެޓީވީ ވެގެންދިއުމެވެ.

ނޫސްވެރިކަމުގެ މިނިވަކަމުގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ފާއިތު ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ނޫސްވެރިކަމުގެ މިނިވަންކަމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ ހެޔޮއެދުންތައް ނޫސްވެރިންނަށް ރައްދު ކުރައްވައި، ހިތާބެއް ނެރުއްވާފައެވެ. އާ ސަރުކާރުން ބައްދަލު ކުރި ފުރަތަމަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ލަގަން، މިނިވަންކަމާއެކު ދޫކޮށްލާފައި އޮތުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައެވެ. ނޫސްވެރިންނަށް މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި އެމަނިކުފާނު އެންމެ ފުރަތަމަ ތަސްދީގު ކުރެއްވި ގާނޫނަކީ ވެސް އަބުރުގެ ގާނޫނު އުވާލުމުގެ ބިލެވެ.

އެމަނިކުފާނު ނޫސްވެރިންނަށް ހުޅުވާލަ ދިން ދޮރުތަކާ އެކު، ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އެކުލަވާލި ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ރިޕޯޓްގައި ރާއްޖެއަށް 22 ދަރަޖަ ކުރިއަށް ޖެހިލާފައެވެ. މިއީ ފާއިތުވި އަތް އަހަރު ވެސް ރާއްޖެއަށް ނުލިބޭވަރުގެ ކުރިއެރުމެކެވެ.

ދިވެހި ނޫސްވެރިންނަށް މިހާރު ލިބިފައި މިވާ މިނިވަންކަމާ އެކު، އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ ދައުލަތް ޒިންމާދާރު ކުރުވުމެވެ. ޑިމޮކްރަސީގެ ހަތަރު ވަނަ ބާރުގެ ހައިސިއްޔަތުން މުއައްސަސާތައް ކޮރަޕްޝަނާއި ފަސާދައިން މިންޖުކުރުމެވެ. ހާމަކަން ބޮޑު ދައުލަތަަކަށް ދިވެހި ދައުލަތް ހެދުމެވެ. ސަރުކާރު ޖަވާބުރާރީކޮށް، ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަންކަމުން ރާއްޖެ މިންޖުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް