އީސްޓަރ ސަންޑޭގައި ދިން ހަމަލާތަކުގެ މޭސްތިރި ކަމުގައިވާ ޒަހްރާން ހާޝިމްއަށް ހިތްވަރު ލައިދިން ކަމުގެ ތުހުމަތުގައި އިމާމަކު ހައްޔަރުކޮށްފިއެވެ.
ސީރިޔާގައި އައިސިސްއާ ގުޅިގެން ހަރަކާތްތެރިވުމަށް ފަހު އަނބުރާ ލަންކާއަށް އައިސްފައިވާ އިމާމް މުހައްމަދު އިމާދް ފާކިރް ހައްޔަރު ކުރީ ދެހިވަލައިންނެވެ. އަނބުރާ އައުމަށް ފަހު އޭނާ އުޅުނީ އިމާމެއްގެ ފަރުދާގައި އައިސިސްގެ ޕްރޮޕަގަންޑާ ފަތުރަމުންނެވެ.
މި ހަމަލާތަކާ ގުޅިގެން އިތުރު ލަންކާ ފުލުހުންގެ ޓެރަރިސްޓް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ފަނަރަ މީހެއްގެ ތަހުގީގު ކުރަމުން އަންނަ އިރު، ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހަށި ގޮއްވާލައިގެން ހަމަލާދޭން ތައްޔާރަށް ތިބި ތިން މީހަކު ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މި މީހުންގެ ތެރެއިން ގިނަ ބަޔަކު ތަމްރީންތައް ހަދާފައި ވަނީ ތުރުކީގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހަމަލާތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރެވި ތަހުގީގު ކުރެވެމުންދާ އިރު، ލަންކާގެ ފުލުހުން ވަނީ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ގިނަ މީހުން މަރުވެފައިވާ ކަމަށް ވެސް ލަންކާ ފުލުހުން ވަނީ ބުނެފައެވެ. ލަންކާގެ ފުލުހުން ވަނީ މި ހަމަލާގައި ދިނުމުގައި ބައިވެރިވި އެންމެންގެ ނަންތައް އާންމުކޮށްފައެވެ.