Advertisement
ކ. މާލެ
|
27 އޭޕްރިލް 2019 | ހޮނިހިރު 15:27
ޜެޑް ކްރެސެންޓުން ބޭއްވި ހަރަކާތުގެ ތެރެއިން
ޜެޑް ކްރެސެންޓުން ބޭއްވި ހަރަކާތުގެ ތެރެއިން
ރާއްޖެއެމްވީ
ލަންކާ ބޮމުގެ ހަމަލާ
ލަންކާ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމަށް ހަމަހިމޭންކަމުގެ ސުކޫތެއް
ގިނަ ދިވެހިންނާއި ލަންކާ ރައްޔިތުން ބައިވެރިވި
ރައީސް މައުމޫނާއި ފަރސްޓްލޭޑީ ވެސް ބައިވެރިވެވަޑައިގެންނެވި

ދިވެހި ރައްޔިތުން ތިބީ ލަންކާ ރައްޔިތުންނާއެކުގައި ކަން ހާމަކުރުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުން އިސްނަގައިގެން ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. 

ހުކުރު ދުވަހު ހަވީރު 4:30 އިން 6:00 އަށް ކެންގަރޫ ކިޑްސްގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއި، ފަރސްޓް ލޭޑީ ފަޒްނާ އަހުމަދުގެ އިތުރުން ސަރުކާރުގެ ބައެއް އިސް ބޭފުޅުންވެސް އަމިއްލަފުޅަށް އިސްނަންގަވައިގެން ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ހަރަކާތާއި ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ދިވެހި ރެޑް ކްރެސެންޓުގެ ކޮމިއުނިކޭޝަންސް މެނޭޖަރ ޔާސްމީން ރަޝީދް ވިދާޅުވީ، މިފަދަ އިވެންޓެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ދިވެހި ރައްޔިތުންނާއި ލަންކާ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުން ދެމެހެއްޓުން ކަމަަށާއި، މިފަދަ ހިތާމަވެރި ވަގުތެއްގައި މި އިވެންޓް މެދުވެރިކޮށް ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. 

ފަރްސްޓް ލޭޑީ ފަޒްނާ އަހުމަދު މިއަދުގެ ހަރަކާތުގައި ބައިވެރިވެލައްވަނީ

މި ހަރަކާތުގެ ތެރެއިން އެއް މިނެޓަށް ކުރިއަށްގެންދިޔަ ހަމަހިމޭންކަމުގެ ސުކޫތަކަށްފަހު ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ވިދާޅުވީ، ލަންކާއާއެކުގައި އަބަދުވެސް އޮތީ ގާތް ގުޅުމެއް ކަމަށާއި، ލަންކާއަކީ އެކި ގޮތްގޮތުން ދިވެހިންނަށް  ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައިވާ ޤައުމެއް ކަމަށެވެ.  

" މިއަދުވެސް އަޅުގަނޑުމެން ތިބޭނީ ސްރީލަންކާއާ އެކީގައި، މާދަމާވެސް އިރާދުކުރެއްވިއްޔާ ހުރިހާ ދުވަހެއްގައިވެސް، ހަޤީޤަތުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސުލްހަވެރިކަމަށް މަސައްކަތްކުރާ މީހުންނާއެކީގައި، ސުލްހައަށް ލޯބިކުރާ ހުރިހާ ފަރާތްތަކާއެކީގައި، ތަރައްޤީގެ މަގުގައި މަސައްކަތްކުރާ ހުރިހާ އެންމެންނާއެކީގައި، އެގޮތުގެ މަތިން އިރާދުކުރެއްވިއްޔާ ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ އަދި ޚާއްސަކޮށް މި ސަރަހައްދުގެ ޤައުމުތަކުގައި އޮންނަ އެއްބާރުލުން އަބަދުވެސް އަޅުގަނޑުމެެން ވަރުގަދަކޮށް، އަޅުގަނޑުމެން އެންމެން ގުޅިގެން މުޅި ސަރަހައްދުގެ ތަރައްޤީއާ ސަލާމަތާ އަމަންއަމާންކަމަށް އަޅުގަނޑުމެން މަސައްކަތްކުރާނީ" ރައީސް މައުމޫނު ވިދާޅުވިއެވެ. 

ރެޑް ކްރެސެންޓުން ބޭއްވި ހަރަކާތުގެ ތެރެއިން

ގިނަ އަދަދެއްގެ ދިވެހިންނާއި ލަންކާ ރައްޔިތުން ބައިވެރިވި މި އިވެންޓުގެ ތެރެއިން ނަފްސާނީ އިޖުތިމާއީ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަަކައި ކައުންސެލިންގ ފޯރުކޮށްދީފައިވާއިރު، ކުޑަކުދިންނަށް ޚާއްސަކޮށްގެން ވެސް ވަނީ ހަރަކާތްތަކެއް ހިންގާފައެވެ.

ސްރީ ލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަ ކުރަމުން ދަނިކޮށް އާދިއްތަ ދުވަހު އެޤައުމުގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެޤައުމުގެ ރިޕޯރޓްތައް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް