ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 19:54
ހިމަބިހި
ހިމަބިހި
ގޫގުލް
ހިމަބިހި
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!
މި ބަލި ރާއްޖެއިން ނުފެންނަތާ ހަ އަހަރު ވެއްޖެ
ރާއްޖޭގައި މި ބަލި އެންމެ ގިނަވެގެން ގޮސްފައިވަނީ 1995 އަހަރު

ހިމަބިއްސަކީ އެންމެ ފަސޭހައިން ގަޔަންގަޔަށް އަރާ އެއް ބައްޔެވެ. މި ބަލި ޖެހެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. މި ބަލިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ ނަމަ 10 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 90 ޕަސެންޓް ކުދިންނަށް މި ބަލި ޖެހުން ގާތެވެ. މިބަލީގެ އަސަރު އެންމެ ބޮަޑަށް ކުރާނެ ކަމަށް ބެލެވެނީ ފަސް އަހަރުން ދަށުގެ ކުދިންނާއި 20 އަހަރުން މަތީގެ މީހުންނަށެވެ. އަދި ބަލިޖެހޭ ކުދިންގެ ތެރެއިން 10 ޕަސެންޓް ކުދިން ބަލީގާ މަރުވުމުގެ ފުރުސަތު އޮންނަ ކަމަށް ސިއްހީ މާހިރުން ހާމަކުރެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގާ ހުން އައުމާއި، ނޭފަތުން އަރިދަފުސް ފޭބުމާއި ކެއްސުމާއި ލޯ ރަތްވުން އަދި ގައިން ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.

މި ބަލީގެ ސަބަބުން ކަންފަތުގެ އިންފެކްޝަނާއި ނިއުމޯނިޔާ އާއި ސިކުނޑީގެ އިންފެކްޝަން ނުވަތަ ލޯ އަނދިރިވުން ފަދަ ސިއްހީ ތަފާތު ނުރައްކާތަކާ ކުރިމަތިލާން ޖެހޭ ފަހަރު އާދެއެވެ. ހިމަބިހި ކޮންޓްރޯލް ކުރުމުގައި ސަރަަހައްދީ ގައުމުތަކަށް ބަލާ އިރު ރާއްޖެ އުޅެނީ އެންމެ ކުރީގަ އެވެ.

ވިހިވިއްސާ ހަމައަށް ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުން މި ބަލި ނައްތާލުމަކީ މި ސަރަހައްދުގެ އަމާޒެވެ. މި ބަލި ނައްތާލެވިފައިވާކަމުގެ މަސައްކަތް ފެށެނީ ހިމަބިހި ޖެހިފައިވާ މީހަކު ނުފެންނަތާ ތިން އަހަރު ފަހުން ކަމަށްވާއިރު ރާއްޖެއިން ހިމަބިހި ނައްތަލެވިފައިވާ ކަމަށް ސަރޓިފިކޭޝަން މިއަހަރު ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ރާއްޖެއިން މިބަލި ނުފެންނަތާ މިހާރު ހަ އަހަރުވެފާއި ވާތީ އެވެ.

މި ސެޓްފިކެޓް ލިބިއްޖެ ނަމަ މީސްލްސް ނުވަތަ ހިމަ ބިހި ނައްތާލެވުނު ސަރަހައްދުގެ ފުރަތަމަ ގައުމަށް ވުމަކީ މުޅި ގައުމަށް ލިބޭ ފަހުރެއްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ލިބިގެންދާނެ ކުރިއެރުމެއް ކަަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.

މިކަން ހާސިލް ކުރުމަށްޓަކާ މީސްލްސް ރުބެއްލާ ކެމްޕެއިނެއް މިހާރު ވަނީ ފަށާފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފްގެ އެހީތެރިކަމާ އެކު ހިންގާ މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 26 ފެބްރުއަރީން 11 މަރޗަށެވެ. މި ކެމްޕެއިންގެ ތެރެއިން ވެކްސިން ދޭ އުމުރުފުރާގެ ތެރޭގާ 15 އަހަރާއި 25 އަހަރުގެ މީހުންނާއި އަދި 8 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ހިމަބިއްސަށް ދެވޭ ވެކްސިންގެ ދެ ޑޯސް ހަމަނުވާ ކުދިންނަށް ވެސް މި ވެކްސިން ދެވިގެންދާނެ އެވެ.

މި ވެކްސިންގެ ސަބަބުން ނުރައްކާތެރި އެލަރޖީއެއް ކުރިމަތި ވުމަކީ ނާދިރު ކަމަކަށް ވާއިރު ވެކްސިން ޖަހާ ތަންތަނުގައި އެކަމަށް ވެސް ފަރުވާދެވިގެންދާނެ އެވެ. މި ކެމްޕެއިން މާލެ އާއި ރާއްޖޭގެ ހުރިހާ ހިސާބެއްގާއި ކުރިއަށްދާނެ ކަމަށް ވެސް ހެލްތު މިނސިްޓްރީން ބުނެ އެވެ.

އަލަށް ފަށާ މިކެމްފެއިންގެ ތެރެއިން 95 ޕަސެންޓް މީހުންނަށް ވެކްސިންގެ ދެ ޑޯސް ޖަހައި، މުޅި ރާއްޖެ ރައްކާތެރިކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކަށް ބަލާ އިރު 2006 ވަނަ އަހަރުގާ ހިމަބަލީގެ 47 ކޭސް ރާއްޖެއިން ފެނިފާވާއިރު 2007 ވަނަ އަހަރު އަހަރު ފެނިފައިވަނީ ހިމަބަލީގެ 20 ކޭސްއެވެ. އަދި އެއަށް ފަހު 2008 ވަނަ އަހަރު 2 ކޭސް އަދި 2009 ވަނަ އަހަރު 6 ކޭސް އެއް ފެނުނު އިރު 2010 އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ އެއްވެސް މީހަކު ރާއްޖެއިން ފާހަގަކުރެވިފައެއް ނުވެ އެވެ.

ރާއްޖޭގާ ހިމަބިހި އެންމެ ބޮޑަށް ފެތުރިގެން ގޮސްފައިވަނީ 1995 ވަނަ އަހަރު އެވެ. އެހެން ނަމަވެސް 2005 ވަނަ އަހަރު ވެސް މި ބަލި ރާއްޖޭގެ ބޮޑު ހިސާބަކަށް ފެތުރިގެންދިޔަ އެވެ. އޭގެ ފަހުން ހެލްތު މިނިސްޓްރީން އިސްނަގައިގެން ވަނީ އެބަލިން ރައްކާތެރިވުމަށްޓަކައި އެބަލީގެ ވެކްސިން ޕްރޮގްރާމެއް ފަށާފަ އެވެ. އެހެން ކަމުން އެއަށް ފަހު ބަލި ޖެހޭ މީހުންގެ އަދަދު މަދުވެ، މިހާރު މި ބައްޔަކީ އެއްވެސް ވަރަކަށް ރާއްޖެއިން ނުފެންނަ ބައްޔަކަށް ވަނީ ވެފަ އެވެ.

 

- ކޮމެންޓް
22 ޖެނުއަރީ 2020 | ބުދަ 11:29
އަހުނަފް
?????