ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ބައިކް ޓްރެކްގައި އޭޕްރިލް 26 އަދި 27 ވަނަ ދުވަހު މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖައްސައިފިއެވެ.
މި މުބާރާތަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މުބާރާތުގައި 16 ސްކޫލަކުން 515 ދަރިވަރުން ވަނީ ބައިވެރިވެފައިވެއެވެ.
މި މުބާރާތުގައި މިފަހަރުވެސް ތަފާތު 25 ރޭހެއް، 3 އުމުރުފުރާގެ މެދުގައި ކުރިއަށްދާނެއެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރު ފުރާއެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދާނީ ވަކިވަކިންނެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން ބާއްވާ "ފަން ރައިޑް" ގެނަމުގައި ހާއްސަ ބައިސްކަލު ރޭހެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެއެވެ.
މި މުބާރާތުގެ ރޭސްތައް ކުރިއަށްދާނީ އޭޕްރިލް 26 ވަނަ ދުވަހު ހެނދުނު 7:00 އިން 9:00 އަށް އަދި އޭޕްރިލް 27 ވަނަ ދުވަހުގެ ހެނދުނު 7:00 އިން ހަވީރު 4:00 އަށް ކަމަށް ދިރާގުން ބުނެއެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ޖަހާއިރުއެވެ.
ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއް ކަމަށާއި ދިރާގުގެ އަމާޒަކީ ބައިކް މޯލްޑިވްސް އާއި ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުން ކަމަށް ދިރާގުން ބުނެއެވެ.