ދިވެހިރާއްޖޭގައި މިވަގުތު އިދިކޮޅު ސިޔާސީ ޕާޓީއަކަށް ކިޔާވަރުގެ ޕާޓީއެއް ނެތްކަމީ ބަހުސަކަށް ދާންޖެހޭ ވަރުގެ ކަމެއް ވެސް ނޫނެވެ. އިދިކޮޅު ޕާޓީތަކުގައި މަސައްކަތް ކުރަން އޮތް ޕީޕީއެމްއާއި ޕީއެންސީ، އެތެރޭގެ ކޯޅުންތަކުން ސަލާމަތް ނުވެގެން އުޅޭއިރު، މުޅި އިދިކޮޅު އެކުގައިހެން ފެންނަނީ އިދިކޮޅު ލީޑަރުކަމުގައި 'ބެލެވޭ' ކުރީގެ ރައީސް ޔާމީނަށް ދޯކާދޭ މަންޒަރެވެ.
ޚާއްސަކޮށް، ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށް ކަމަށް ބުނެ އުފެއްދި ޕީއެންސީ ފަހަކަށް އައިސް ޕީޕީއެމާއި، އަދި ޚާއްސަކޮށް ރައީސް ޔާމީނާއި ފެޔަށް ޖެހެމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ. ޕީޕީއެމްގެ ވަރުގަދަ ކައްޕި ކަމުގައި ދައުވާ ކުރައްވާ ރައީސް ޔާމީންގެ އަމާޒު ހާވިޔާވެ، ޕީޕީއެމް ފަރަށް އަރަން މިސްރާބު ޖަހާފައިވާއިރު، ޕީޕީއެމްގެ ތެރެއިން ކުރިފެޅުވި ޕީއެންސީ މިހާރު ފެންނަނީ ޕީޕީއެމް ފައްތާލަން މަސައްކަތްކުރާ ޖަމާޢަތެއްގެ ގޮތުގައެވެ.
ޕީއެންސީއަކީ އެޕާޓީގެ ރޫހާނީ ލީޑަރަކީ ރައީސް ޔާމީން ކަމަށް ދެކިގެން އުފެއްދި ޕާޓީއެއް ނަމަވެސް، ޕާޓީ އުފެދުމާއިއެކު، ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނާއިއެކު ސާބިތުވެ ތިބިކަމަށް ދައުވާ ކުރި ގިނަ ފަރާތްތައް ޕީއެންސީ ފަޅިއަށް ޖެހުނެވެ. ރައީސް ޔާމީންގެ ދިފާއުގައި ސައުވީސް ގަޑިއިރުހެން ޓީވީގައި ސާބިތުކަން ދެއްކެވި ޢަބްދުއްރަޙީމްއާއި، ރައީސް ޔާމީނަކީ ފިނިފެންމަލެއް ފަދައިން ސިފަކުރެއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުމެން ފަދަ ފަރާތްތައް މިހާރު ރައީސް ޔާމީންގެ ދިފާއުގައި އެއްޗެއް ބުނާތަނެއް ނުފެނެއެވެ. ސާބިތުކަމަށް ވީގޮތެއް ނޭނގެއެވެ.
ޚާއްސަކޮށް ތަބަކަކަށް ލާފައި ރައީސް ޔާމީން ދެއްވި ޕާޓީ ރައީސް ކަމުގެ ޓެގު އަޅުވައިގެން ހުންނެވި ޕީއެންސީގެ ވަގުތީ ރައީސް، ޢަބްދުއްރަޙީމް ރައީސް ޔާމީންގެ ދިފާޢުގައި އެއްޗެއް ބުނާތަނެއް ނުފެނެއެވެ. ބަދަލުގައި މިހާރު ފެންނަނީ ޕީޕީއެމް ބައިބައި ކޮށްގެން ޕާޓީއަށް މެންބަރުން ހަމަކުރި ފަދައިން، ރައީސް ޔާމީން ކައިރީގައި، ޕީޕީއެމްގައި ބާކީ ތިބި މަދު މީސްކޮޅު ވެސް ޕީއެންސީއަށް 'ކަހާލަން' މަސައްކަތް ކުރާތަނެވެ.
ރައީސް ޔާމީންގެ ދިފާއުގައި އެންމެ ކުރިއަށް ނުކުތް އެކަކު ކަމުގައިވާ ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން މިހާރު އެވަނީ އިންތިޚާބުގެ ބައްޔޭ، ލީޑަރޝިޕް ފެއިލްވިއްޔޭ، އެމެއް ނެތޭ، މަހެއް ނުބޭނެޔޭ، ފަޅޮލޭ ވިދާޅުވެ، ފަތިފުށުން ގަމީސްލާ ފަދައިން ޕީއެންސީ އާއި ގުޅިފައެވެ. މިހާރު އިވޭ އަޑަކީ ވަޑި ފަލާޙާއި އަސްލު އައްސަދާއި ހަސަނާ މުފީދު ވެސް ރައީސް ޔާމީނުގެ އޮޑިން ބާލުވައިގެން ޕީއެންސީއަށް ގެންދަން އުޅޭ ވާހަކައެވެ.
ޕީޕީއެމާއި ޕީއެންސީގެ ފަރުދާގެ ފުރަގަސް އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި ޕީއެންސީގެ ވަގުތީ ރައީސް، ޢަބްދުއްރަޙީމް މި ދުވަސްވަރު އުޅެނީ ރައީސް ޔާމީންދެކެ ނިކަން ރުޅި އައިސްގެންނެވެ. ރައީސް ޔާމީނު ބައްދަލުކުރަން އެދުމުން، ޢަބްދުއްރަޙީމް އެމަނިކުފާނާއި ބައްދަލުކުރަން ވެސް ދެކޮޅު ހެދިކަމަށް ދެޕާޓީ ހިންގާ އޮފީސް ތެރޭން ލީކުވާ ވާހަކަތަކުގައި ވެއެވެ.
ރައީސް ޔާމީނު ކައިރީގައި ހުރެގެން ޢަބްދުއްރަޙީމަށް ގިނަ ފައިދާތަކެއް ވެފައިވާ ކަމަށް ރަށުތެރޭގައި ކިޔައިއުޅެއެވެ. ރެހެނދި ފްލެޓްބަރިން 2 ފްލެޓާއި، މެލޭޝިއާއިން ގެއަކާއި، އޮޑިދޯނިފަހަރާއި، ގަލްފް ކްރާފްޓް އުޅަނދުތަކާއި ކާރާއި މިފަދަ އެތައް އެތައް މުދަލެކެވެ. އެތެރެ އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި މި ހުރިހާ ފައިދާއެއް ވުމުން ވެސް ޢަބްދުއްރަޙީމް، ރައީސް ޔާމީނު ދެކެ ރުޅި އައިސްގެން އުޅެނީ ޕީޕީއެމްގެ ލީޑަރޝިޕަށް ގެންނަ ބަދަލަކީ އަބްދުއްރަޙީމް ބޭނުންވާ ގޮތާއި ތަފާތުކޮށް ގެންނަ ބަދަލުތަކަކަށް ވާތީއެވެ. ޚާއްސަކޮށް މަޖިލިސް އިންތިޚާބުގައި ވާދަކޮށް ޢަބްދުއްރަޙީމް ފަދައިން ފެއިލްވި އޭނާގެ ދަރިފުޅަށް ޕީއެންސީގެ ވަގުތީ ނައިބުރައީސްކަން ނުދީގެންނެވެ.
މި ރުޅިގަނޑުގައި ޕީއެންސީއަކީ ފުރިހަމަ ޤާނޫނީ ޝަޚުސެކޭ، ޕީޕީއެމްގެ ލީޑަރު ބުނާހާގޮތެއް ހަދާކަށް ނުޖެހޭނޭ ބުނި ކަމަށް ވެސް ދެދޮރުދޭތެރޭން ލީކުވާ ވާހަކަތަކުގައި ވެއެވެ.
ޕީޕީއެމް އަކީ އެތައް ބައެއްގެ ބުރަ މަސައްކަތުން އުފެއްދި ޕާޓީއަކަށް ވާއިރު، ޕާޓީގެ އަސްލު ޒައީމު ޕާޓީއިން ނެރެ އެއްލާލިފަހުން އިންތިޚާބަކުން ކާމިޔާބެއް ނުލިބުނުތާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިވެސް ކުރިއެރުމެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. އަނެއްކޮޅުން ސާބިތު ކަމާއި އެކު ތިބި މީހުން ކޮޅު ބަދަލުކުރި ނަމަވެސް، ފިލާ ތިބެގެން ވަގަށް ރައީސް ޔާމީނަށް އެތިވަރު ނުގޮވައި ގޮވާ އެއްޗެއް ނިކަން ފާޅުގައި ގޮވައި، އިދިކޮޅު ހަރަކާތެއް ރުކުރުވާލަންޏާ ރުކުރުވާލަ ބަލާށެވެ. ޢަބްދުއްރަޙީމަކަސް، ގައިގައި ހުރި ސިފަޔަކަސް، ސިއްރުން އުޅުމަކީ ހަޑިކަމެކެވެ.